ސިވިލްސަރވިސް އަކީ، މިއަދު ދިރުމެއްނެތް، މުއައްޒިފުންނަށް އުއްމީދެއްނެތް، އެކަމަކު ސަރުކާރު ހިފެހެއްޓުމުގައި، އެންމެ އިސްދައުރު އަދިވެސް އަދާކުރަމުންދާ މުއައްސަސާ ކަމުގައި ދެންނެވިދާނެއެވެ. އެހެންނަމަވެސް ސިޔާސީ ޕާރޓީ ތަކުގެ ތެރެއިން ވެރިކަން އަންނަން ފެށުމުން، މިއަދު އެ މުއައްސަސާއަށް، އެމުއައްސަސާގައި ޚިދުމަތްކުރަމުންދާ މުއައްޒިފުންނަށް، ސަރުކާރުގެ ދަރަޖާގައި ދެވިފައިވަނީ "ފެނުކެއްކިބޮލިީ" ގެ ދަރަޖައެވެ.
ޤައުމީ ނަޒަރަކުން ބަލާއިރު މިޖެހެނީވެސް ބިރުވެރި ނާމާން ރަގަބީލެކެވެ. މިކަމުގެ ގެއްލުން ފޯރާނީ، ޤައުމީ އިޖްތިމާޢީ ޚިދުމަތްތަކަށެވެ. ލާމަރުކަޒީ އުޞޫލުން އަތޮޅުތައް ހިގަން ފެށުމުން މިކަން އިންތިހާއަށް އަތޮޅުތަކުން ފެނިގެންދާނެއެވެ. ޚާއްޞަކޮށް ގޯތިގެދޮރުގެ މައްސަލަތަކަށެވެ. ތަރިކަ މުދަލުގެ މައްސަލަތަކަށެވެ. ގޯތިގެދޮރު ބަހާދިނުމުގެ މައްސަލަތަކެވެ. ޗާޓް ތައް ނުކުރެހިގެންނެވެ. އިންވަކި ނުކުރެވިގެންނެވެ. ލިޔެ ކިއުންތައް ގެއްލި ނުފެނުމުގެ ސަބަުންނެވެ. މި ކޮންމެ ކަމެއްގައިވެސް ވޭން ތަހައްމަލުކުރަން ޖެހޭނީ ޢާންމު ރައްޔިތުން ނެވެ. އޮފީހުން ބުނެލާނި މިވެނި އެއްޗެއް ނެތެވެ. އެ ނިމުނީ އެވެ.
ސިޔާސީ މީހުންނަށްވެސް ސިވިލްސަރވިސްގެ ހަރުދަނާކަން ގެއްލިއްޖެނަމަ، ކާމިޔާބު ސަރުކާރެއްނުހިންގޭނެއެވެ. އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ދައުލަތުގެ ތިންބާރުވެސް، ހަރުދަނާ ނިޒާމުގެތެރޭގައި ބަލަހައްޓައިދެނީ، ތަޖުރިބާކާރު ސިވިލްސަރވިސް ޚިދުމަތުގެ މުވައްޒަފުންނެވެ. ޙަޤީޤަތުގައި މުޅި ސަރުކާރު ހިންގައިދީ، ހަރުދަނާ އެއް ނިޒާމެއްގެ ތެރޭގައި، އެއްޕާރޓީގެ ވެރިކަމުން އަނެއްޕާރޓީގެ ވެރިކަމަށް، އެއްކައުންސިލުން އަނެއްކައުންސިލްގެ ވެރިކަމަށް އަމާނާތްތެރިކަމާއި އެކު ސަރުކާރު ފޯރުކޮށްދެނީ ސިވިލްސަރވިސް އެވެ.
ސިވިލް ސަރވިސް އަކީ އެކިދަރަޖަތަކުގެ ޕްރޮފެޝަނަލް މުވައްޒަފުންގެ ޚިދުމަތެކެވެ. ސަރުކާރުގެ އޮފީސްތައް، ސާފުކުރާ މަސައްކަތު މީހާއިން ފެށިގެން، ޕާރމަނަންޓް ސެކްރެޓެރީގެ މަޤާމާއި ހަމައަށް، އެ އޮފީހެއް ހިންގުމުގެ އެންމެހާ މަސައްކަތް، ތާވަލްކުރެވިގެން، ހަރުދަނާ ނިޒާމެއްގެ ތެރޭގައި ހިންގާބަލަހައްޓާދެނީ ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ. ކައުންސިލްތަކުގައި ތިބޭ ޕާރމަނަންޓް ސެކްރެޓެރީގެ ނަން ތަފާތު ވެދާނެއެވެ.
ސަރުކާރުތައް ވެއްޓި ސިޔާސީ މީހުންތައް، އެނބުރޭ "ނަގޫރޯޅި" އެއްހެން އެނބުރި ބުރަބުރައިގެން ދާއިރުވެސް ސަރުކާރު ދަމަހައްޓައިދޭނީ ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ. މިއަދު މިއުފައްދަނީ ސިވިލްސަރވިސް އުވިދާނެތޯ ކުރެވޭ ސުއާލެވެ. މިއީ " ޔޫރިމޫން" ގެ އެކަނި ސުއާލެއްނޫނެވެ. ސިވިލްސަރވިސް މުވައްޒަފުންނާއި މުޅި މުޖަތްމަޢުގައި މިއަދުކުރެވޭ ސުއާލެކެވެ. ބަޙުޘެކެވެ.
ސިޔާސީ މީހުންނާއި ސިވިލްސަރވިސް މުވައްޒުންނާއި މެދުގައި މައްސަލަތަކެއް ކުރިމަތި ވަމުންދޭ ބާވައެވެ؟ ކުރިމަތިވަމުންދަނީ ކޮންކަހަލަ މައްސަލަ ތަކެއްބާވައެވެ؟
ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކީވެސް ވަކި ފަންނެއްގެ އެތައްދުވަހެއްގެ ތަޖުރިބާކާރު ހުނަރުވެރި އެކެވެ. މެއިން ޑޭޓެއް ކަނޑައެޅި މަސައްކަތް ކުރަންޖެހޭ ވަކި އުޞޫލުތަކެއް ކޮންމެ މުވައްޒަފަކަށް ވެސް ޤާއިމްވެފައި އޮވެއެވެ. މަސައްކަތްކުރުމަށް އުގަންނައިދެވިފައިވާ ބައެކެވެ. ތިބެނީ ސެޓްފިކެޓް ތަކެއްް ހާޞިލްކޮށްގެންނެވެ. ހިފަހައްޓަންޖެހޭ ރައްކައުތެރި ކުރަންޖެހޭ އެއްޗެހި ތަކެއްހުރެއެވެ. ކޮންމެ މީހެއްގެ މައްޗަށް ވެރިއަކު ހުރެއެވެ. މި ގުޅުމުގެ ތެރެއިން ޕާރމަނަންޓް ސެކްރެޓެރީ އާއި ހަމައަށް އޮންނަނީ ޗޭނަކުން ގުޅި ލާމެހިފައެވެ. އަދި ވެރިޔަކު ބުނި ނަމަވެސް ކުރެވޭނެ ކަންތަކާ ނުކުރެވެނެ ކަންތައް ހުރެއެވެ.
ސިވިލް ސަރވިސް މުވައްޒަފުންނާއި ، ކުރިމަތިލާ ސިޔާސީ ވެރީންނަކީ، ކަމުގެ ތަޖުރިބާނެތް ދާއިރާތަކުގެ ތަޖުރިބާނެތް، ތަނުގެ ކަންކަން ރޭވިފައިވާ ގޮތް ނޭނގޭ، ނުފޫޒު ހުރި ބާރުހުރި ވެރިންތަކެކެވެ. މިވެރިންތަކުގެ ކުރިމަތީގައި އޮންނަނީ ، ހިތަށްއަރާގޮތް، އަދި އަވަސް ނިންމުމެއް ބޭނުންވާ ފިކުރު ތަކެކެވެ. މިވެރިންގެ ބަސްތަކަށް، އަމުރުތަކަށް، ނޫނެކޭ ބުންނަޖެހޭ، ނުވަތަ މިވެނި ގޮތަކަށޭ މިކަންކުރެވޭނީ ސިވިލްސަރވިސް މުވައްޒަފުންނަށް ބުނަންޖެހޭފަހަރު މަދެއް ނޫނެވެ. ނަތީޖާއަކީ، ކަންކަންނުކޮށްދޭން އުޅޭ، އަދި އިދިކޮޅު މުވައްޒަފެއްގެ ލޭބަލް، ސިވިލް ސަރވިސް މުވައްޒަފުގެ ބޮޅުގައި އެޅުމެވެ.
އެންމެ ފަހުގެ ނަތީޖާއަކީ، އިޚްލާޞްތެރި ސިވިލްސަރވިސް މުވައްޒަފު، ތަޖުރިބާހުރި މުވައްޒަފް، ހަމަތަކާއި އުޞޫލުތަކާއި ޤަވާޢިދުތައް ހިފަހައްޓާ މުވައްޒަފް "ހޫނުފެނަށް ވެއްޓި" މަސައްކަތުން އެކަހެރިކޮށް، ވަޒީފާއިންވެސް ވަކިވެގެން ދިއުމަށް މަޖުބޫރުވެގެން ދިއުމެވެ. ނަތީޖާއަކީ، ތަޖުރިބާކާރު، އިޚްލާޞްތެރި ސިވިލްސަރވިސް މުވައްޒަފެއް، ސިވިލް ސަރވިސްގެ ތެރެއިން އޮފީހަށް ގެއްލިގެން ދިއުމެވެ.
މިއީ މިއަދުގެ ސިވިލް ސަރވިސްގެ ޙާލަތެވެ. ނިކަމެތިވެ ކަމީނާވަމުންދާ ސިވިލް ސަރވިސްގެ ޙާލަތެވެ. ނިަކަމެތިކޮށް މިލެވެނީ ދިވެހި ސަރުކާރެވެ. ދިވެހި ދައުލަތެވެ. އާންމު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އާންމު ޚިދުމަތެވެ.

ކިޔުންތެރިންގެ ޚިޔާލުތައް
މީ ވަރަށްފުރިހަމަ، ޙަޤީޤަތާއެއްގޮތަށް ލިޔުއްވާފައިވާ ލިޔުއްވުމެއް. މި އާޓިކަލްގައި ބަޔާން ކުރައްވާފއިވާ ކަންތައްތަކުގެ އިތުރަށްވެސް ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި.
ލިއުއްވާ ލައްވާ.