ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން އިންޑިއާ އަދި ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ރިޕަބްލިކް އޮފް އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަަފީރުކަމަށް، ޢައްޔަން ކުރެއްވީ މާފަންނު ބީނާފުށި، އަލްފާޟިލާ ޢާއިޝަތު ޢަޒީމާއެވެ. އަދި އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ މާފަންނު ވެސްޓްސައިޑް، އަލްފާޟިލް އަޙްމަދު ސަރީރެވެ.
އަޒީމާ އާއި ސަރީރާ މަގާމުގެ ފަތްކޮޅު ހަވާލު ކޮށްދެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އަޒީމާވަނީ، 1988 ވަނަ އަހަރުން ފެށިގެން ހާރިޖިއްޔާގެ އެކި މަގާމުތަކުގައި ގިނަ އަހަރުތަކެއް ވަންދެން ޚިދްމަތް ކުރައްވާފައެވެ. އޭނާ ވަނީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު 2019-2023 އަށް އަދާކުރައްވައިފަ އެވެ. މިހާރު ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި އޭނާ ހުންނެވީ އިންޑިއާ ޑިވިޝަންގެ ހެޑްގެ ގޮތުގަ އެވެ.
މަގާމަށް އައްޔަން ކުރުމާ ހަމައަށް ސަރީރު ހުންނެވީ އެމްބަސަޑާ އެޓް ލާޖުގެ މަގާމުގަ އެވެ. ސަރީރު މީގެ ކުރިން ހުންނެވީ އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އޭޝިއާ ޑިރެކްޓަރެއްގެ ގޮތުގައި ސައުދީގަ އެވެ. އަދި އޭނާ ވަނީ ފޮރިން ސެކްރެޓަރީގެ މަގާމު އަދާކުރައްވައިފަ އެވެ. އެވެ. އޭގެ ކުރިން، އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމު ވެސް 2012 އިން ފެށިގެން އޭނާ އަދާކުރެއްވި އެވެ.
