"މިސް ޔުނިވާސް"ގައި ބައިވެރިވުން ސަރުކާރުން ކުށްވެރިކޮށްފި

"މިސް ޔުނިވާސްގައި" ދިވެހި ރާއްޖެއިން ބައިވެރިވުން ކުށްވެރިކޮށް، އެ ހަރަކާތުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން އެކަން ހުއްޓާލަން ސަރުކާރުން ގޮވާލައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމަންޓް އިންފޮމޭޝަން އެންޑް އާޓްސްއިން މިއަދު ނެރުނު އިޢުލާނެއްގައި ވަނީ، މެކްސިކޯގައި ބާއްވާ މިސް ޔުނިވާސް މުބާރާތުގައި ދިވެއްސަކު ބައިވެރިވުމުގައި، ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމަށް ދޭހަވާ މޭރުމަކުން ޚަބަރު ފަތުރަމުން އަންނަ ކަމަށެވެ.

ނަމަވެސް، ދިވެހިންގެ ދީނާއި، ސަގާފަތާ، އަގީދާއާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އެފަދަ ކަންކަމުގައި ދިވެހިން ބައިވެރިވުމަކީ ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫންކަމަށް އެ ބަޔާނުގައި ވެއެވެ.

"އަދި އެފަދަ ކަންކަމަކީ ދިވެހިން ގަބޫލުކުރާ އާންމު އަޚުލާގީ މިންގަނޑުތަކާއި އުސޫލުތަކާ ވެސް ޚިލާފު ކަންކަމަށް ވާއިރު، ރާއްޖެ ތަމްސީލުކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތަކަށް ދިއުން، ދިވެހި ސަރުކާރުން ކުށްވެރިކުރަމެވެ. އަދި އެ ހަރަކާތުގައި ބައިވެރިވުމަށް މަސައްކަތްކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށް ވެސް ގޮވައިލަން،" އެ ބަޔާނުގައި ވެއެވެ.

ރާއްޖެ ތަމްސީލުކުރުމަށް އެފަދަ ހަރަކާތެއްގައި ދިވެއްސަކު ބައިވެރި ކުރުމަކީ ސަރުކާރުން ކުރާނެ ކަމަކަށް ނުވާއިރު، އެއީ ސަރުކާރުން ކުރުވާ ކަމެއްކަން ދޭހަވާ ގޮތަށް މައުލޫމާތު ނުފެތުރުމަށާއި އެފަދަ ކަންކަމުގައި ދިވެހިން ބައިވެރި ނުވުމަށް ވެސް ސަރުކާރުން ވަނީ ގޮވައިލާފައެވެ.

މިސް ޔުނިވާސް މުބާރާތުގައި ޝައިނާ ބައިވެރިވީ ރާއްޖޭގެ އިވެންޓް މެނޭޖުމަންޓް ކުންފުނި "ހީ އެންޑް ޝީ މޯލްޑިވްސް"ގެ ފަރާތުން ފަހިކޮށްދިން ފުރުސަތެއްގަ އެވެ. އެ ކުންފުންޏަަށް މި ފުރުސަތު ފަހިކޮށްދިނީ އެ މުބާރާތުގެ ފްރެންޗައިޒް ރައިޓްސް ހޯލްޑްކުރާ ރޮމޭނިއާގެ ކުންފުންޏެއްގެ ފަރާތުންނެވެ.

ހީ އެންޑް ޝީއަކީ އިންޓަނޭޝަނަލް ބިއުޓީ ޕެޖެންޓް ފްރެންޗައިޒް "ޓޮޕް މޮޑެލް" ވެސް ރާއްޖެއަށް ތައާރަފުކުރި ކުންފުންޏެވެ.

މި އަހަރުގެ މިސް ޔުނިވާސް މުބާރާތް ބާއްވަނީ އަންނަ މަހުގެ 14 އިން 16 އަށް މެކްސިކޯގަ އެވެ.

މިސް ޔުނިވާސް މުބާރާތުގައި މި އަހަރު 130 ގައުމަކުން ބައިވެރިވެ އެވެ. މިއީ، މި މުބާރާތް ބާއްވާ 73 ވަނަ އަހަރެވެ.

އިންޑިއާގައި ހުންނަ މެކްސިކޯގެ އެމްބަސީން އިއްޔެ ކުރި ޓްވީޓެއްގައި ވަނީ، މި މުބާރާތުގައި ބައިވެރިވެ، މެކްސިކޯއަށް ދިއުމަށް ޝައިނާއަށް ވިސާ ހަމަޖައްސައިދީފައި ވާކަމަށެވެ.

މީގެ ކުރިން ޝައިނާ ވަނީ ރާއްޖޭގައި ބޭއްވި ޓޮޕް މޮޑެލް މޯލްޑިވްސް 2022ގައި ބައިވެރިވެ، އެ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މިދިޔަ އަހަރު މިސްރުގައި ބޭއްވި ޓޮޕް މޮޑެލް އޮފް ދަ ވޯލްޑް 2023 މުބާރާތުގައި ވެސް އޭނާ ބައިވެރިވެ ރާއްޖެ ތަމްސީލުކޮށްފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *