ބޭރު ފައިސާއާ ބެހޭ ގަވާއިދު ބަދަލު ނުކުރާނެ ކަމަށާއި އެ ގަވާއިދު އޮންނާނީ އެގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ގަވާއިދާ ގުޅިގެން ރޭ ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ޑޮލަރު ލިބިފައި ވާކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ބޭންކުތަކަށް މާރުކުރީ އޭގެ 1.5 ޕަސަންޓުކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ކަމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ ކުންފުނިތަކަށް ވެސް ޑޮލަރު ހޯދަންޖެހެނީ ބްލެކް މާކެޓުން ކަމަށާއި އެ ކަމުގެ ސަބަބުން ރާއްޖޭގައި ޑޮލަރުގެ އަގު އުފުލިގެންދިއުމަށް މަގުފަހިވެގެންދާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
މި ގަވާއިދަށް އެއްބާރުލުން ދީގެން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކުން ޑޮލަރު މާރުކުރުމުން ކުރިއަށްއޮތް ތަނުގައި ލިބޭނެ ފައިދާތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، މިހާރު ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް ގަންނަން ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރާ ހަމަޔަށް 1،000 ޑޮލަރަށް ބޮޑުކޮށްދިނުމުގެ ފުރުސަތު ސަރުކާރަށް ލިބޭނެކަމަށެވެ.
އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބްލެކް މާކެޓަށް ނުގޮސް ރަސްމީ ރޭޓުގައި އަންނަ އަހަރު ޖުލައިން ފެށިގެން ޑޮލަރު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، 2026ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ކްރެޑިޓް ކާޑުގެ ލިމިޓު 1400އަށް ބޮޑުކުރުމާއި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓު ކުރުމަށް ދޭ ޓީޓީ ބޮޑުކުރުން ވެސް ފާހަގަކުރެއްވިއެވެ.
މި ސަބަބުތަކަށް ޓަކައި ރައީސް ވަނީ ޑޮލަރު މާރުކުރަންޖެހޭ ގޮތަށް އޮތް ގަވާއިދު ބަދަލު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
"ވަރަށް ސާފުކޮށް މި ދަންނަވަނީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނޭ. ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ. މި ކަން ކުރައްވަން ޖެހިވަޑައިގަންނަވާނޭ".
ރައީސް ވިދާޅުވީ، މިކަން ތަންފީޒު ކުރުމަށް އިތުރަށް އެހީތެރިކަން ހޯދުމަށް މިކަމަށް ޚާއްސަ ފޮރެކްސް ގާނޫނެއް ވެސް މަޖިލީސް ތެރެއިން ފާސްކުރައްވާނެ ކަމަށެވެ.
