2025 ވަނަ އަހަރުގެ ބަޖެޓު ކޮމެޓީން ފާސްކޮށްފި

ސަރުކާރުން 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓު، ބޮޑެތި އިސްލާހުތަކެއް ނުގެނެސް މިއަދު ބަޖެޓު ކޮމެޓީން ފާސްކޮށްފިއެވެ.

މިއަދު ބޭއްވުނު ކޮމެޓީގެ ބައްދަލުވުމުގައި ބަޖެޓުގެ ދިރާސާ މަސައްކަތްތައް ނިމިފައިވާކަމަށް ނިންމައި، ބަޖެޓު ފާސްކުރުމަށް ނެގުނު ވޯޓުގައި 19 މެންބަރުންގެ ތެރެއިން 15 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

ކޮމެޓީން ބަޖެޓު ފާސްކުރިއިރު، 2025 ވަނަ އަހަރު ހިންގުމަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ތަފްޞީލު މަޖިލީހާ ހިއްސާކުރަންޖެހޭނެ ކަމަށް ޝަރުތުކޮށްފައިވެއެވެ.

މީގެ އިތުރުން، އަމަލީ މަސައްކަތް ފެށޭނެ މަޝްރޫޢުތަކާއި، ކުރިން ރޭވިފައިވާ ނަމަވެސް ކުރިއަށް ނުގެންދެވޭނެ މަޝްރޫޢުތަކާއި، އަދި ކުރިއަށް އޮތް އަހަރު ނިންމޭނެ މަޝްރޫޢުތަކުގެ މަޢުލޫމާތު ވަކި މުއްދަތުތަކެއްގެ ތެރޭގައި މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ކޮމެޓީން ލަފާދީފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މި ބަޖެޓު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ކަމާއި، ބަޖެޓުގެ ބަހުސް މަޖިލީހުގައި ފެށިފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމެވެ.

މިހާރު ކޮމެޓީން ބަޖެޓު ފާސްކޮށްފައިވުމާއެކު، ކުރިއަށް އޮތީ މަޖިލީހުގެ ފްލޯއަށް ބަޖެޓު ގެނެސް، މަޖިލީހުގެ ފުލް ވޯޓަކުން ބަޖެޓު ފާސްކުރުމުގެ މަރުހަލާއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *