ޑޮލަރު މާރުކުރާ ބިލުގެ ސަބަބުން ރަށްރަށުގެ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ: ކާނި އަބްދުﷲ

ބޭރު ފައިސާ މާރުކުރުމާބެހޭ ބިލަށް ތާޢީދުކުރައްވާކަން ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަދި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރިކުރާ ހިންގާ ކާނި ހޮޓެލްސްގެ ވެރިޔާ، އަބްދުﷲ ނަޝީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ކަމާބެހޭ މުއައްސަސާތައް ގުޅިގެން އެކުލަވާލާފައިވާ ބޭރު ފައިސާއާބެހޭ ބިލަކީ، ވިޔަފާރިތަަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީން ވަކި މިންވަރެއް މާރުކުރުމާބެހޭ އުސޫލުތައް ބަޔާންކޮށްފައިވާ ބިލެކެވެ.

ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީން ވަކި މިންވަރެއް މާރުކުރުން ލާޒިމްކުރާ ގޮތަށް އެކުލަވާލި އުސޫލުތަކާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން 50 އެނދަށްވުރެ ގިނަ އެނދު ހުންނަ ގެސްޓް ހައުސްތަކާއި ހޮޓާތައް ކެޓަގަރީ އޭ ގައި ހިމަނާފައި އޮތުމަކީ ވިޔަފާރިވެރިންގެ ކަންބޮޑުވުމެކެވެ. އެކަމުގެ ސަބަބުން ބޮޑެތި ރިސޯޓްތަކުން ޑޮލަރު މާރުކުރަންޖެހޭ އަދަދަށް އެ ގެސްޓްހައުސްތަކާއި ހޮޓާތަކުން ޑޮލަރު މާރުކުރަންޖެހި، ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނޭކަމެއްކަންވެސް ވިޔަފާރިވެރިން ފާހަގަކުރެއެވެ. ނަމަވެސް އެމްއެމްއޭއިން އެކުލަވާލާފައިވާ ބޭރު ފައިސާއާބެހޭ ބިލުގައި ވަނީ އެކަމަށް ހައްލެއް ގެނެސްދެއްވާފައެވެ.

ބޭރު ފައިސާއާބެހޭ ބިލު މިހާރު އޮތްގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތަކާއި ހޮޓާތަކުން ޑޮލަރު މާރުކުރަންޖެހޭ މިންވަރު މަދުކޮށް، ބީ ކެޓަގަރީގައި ވަނީ ހިމަނާފައެވެ. މި ބަދަލު ގެނައުމާއި ގުޅިގެން އެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ސަރުކާރުގެ ނިންމެވުމަށް މަރުހަބާ ކިޔާފައެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ހިންގާ ކާނި ހޮޓެލްސްގެ ވެރިޔާ އަދި ގެސްޓްހައުސް އާއި ހޮޓާތައް ތަމްސީލްކުރާ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު ވަނީ ގެސްޓް ހައުސްތަކުން ޑޮލަރު މާރުކުރަންޖެހޭ ކެޓަގަރީއަށް ބަދަލުކުރެއްވުމަކީ އުއްމީދީ ބަދަލެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ރަށްރަށުގެ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ވަށާޖެހޭ ހައްލެއް ގެނެސްދޭނެ ކަމެއްކަންވެސް ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް ފާހަގަކުރެއްވިއެވެ.

ބޭރު ފައިސާއާބެހޭ އުސޫލުތަކަށް ސަރުކާރުން ގެންނަވަމުންދާ ބަދަލުތަކަށް ގިނަ ބަޔަކު ދަނީ މަރުހަބާ ވިދާޅުވަމުންނެވެ. އަދި މީގެކުރިން އެއްވެސް ސަރުކާރަކަށް ހައްލުނުވި ޑޮލަރުގެ މައްސަލަ ހައްލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ފައްޓަވާފައިވާ މުހިއްމު މަސައްކަތަކީ ތަޢުރީފް ހައްޤު މަސައްކަތެއްކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *