ޚަޠީބުންގެ އާ ޖީލެއް އުފެއްދުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ޒުވާޏް ޚަޠީބުން ޕްރޮގުރާމް ނިންމާ ބައިވެރިންނަށް ސެޓްފިކެޓްދީފިއެވެ.
މިކަމަށްޓަކައި އައްޑޫގައި ބޭއްވެވި ރަސްމިއްޔާތުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލައްތުއްޝައިޚް މުޙައްމަދު ލަޠީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޕްރޮގުރާމް ނިންމާ 18 ބައިވެރިއަކު ވަނީ ސަނަދު ހާސިލްކޮށްފައެވެ.
ޒުވާން ޚަޠީބުންގެ ޕްރޮގްރާމާއި ބެހޭ ގޮތުން މީގެ ކުރިން މީޑިއާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ ރީތިކޮށް ޤުރުއާން ކިޔަވާ ޚުޠުބާ ކިޔާ ބަންގި ގޮވާ ޒުވާން ޖީލެއް ނެރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ފުރިހަމަ އިރުޝާދުގެ ދަށުން ކުރިއަށް ގެންދަވާ ޚާއްސަ ޕްރޮގްރާމެއް ކަމަށާއި މިދައުރުގެ ތެރޭގައި 1000 އެފަދަ ޚަޠީބުން ތަމްރީންކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި މިޕްރޮގްރާމަށް ލިބޭ ތަރުހީބަށްޓަކައި އުފާކުރައްވާ ކަމަށްވެސް ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެފައިވެއެވެ.
މި ޕްރޮގްރާމްގެ ދަށުން ތަމްރީނުވާ ފަރާތްތަކަށް ޚުޠުބާ ކިޔުމާއި، އިމާމުވެ ނަމާދުކުރުމާއި، ދީނާއި ގުޅުންހުރި އެހެނިހެން ޚާއްސަ ތަމްރީނުތައް ދެއެވެ. މިޕްރޮގްރާމަކީ ގްރޭޑު 10 އަދި 11 އާއި 12 ގައި އުޅޭ ދަރިވަރުންނާއި ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިގޮތުން މިޕްރޮގްރާމްގެ ދަށުން ޚަޠީބު ކަމުގެ ސަނަދު ނަގާއިވާ ކުދިން މިހާރު ރާއްޖޭގެ އެކި ރަށްރަށުގައި އިމާމުވެ ހުކުރު އަދި ރަމަޟާން މަހުގައި ތަރާވީޙް ނަމާދު އަދި ބަންގި ގޮވުމުގައި ޙަރަކާތްތެރިވަމުންދާކަން ފާހަގަކޮށްލެވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ދަށުން ފުރަތަމަ އަހަރުގެ ތެރޭގައި 270 ޒުވާން ޚަޠީބުން ވަނީ ތަމްރީން ނިންމާ ސަނަދު ޙާސިލްކޮށްފައެވެ. ވުޒާރާއިން އަމާޒު ހިފާފައިވަނީ ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން އުފެއްދެވުމަށެވެ. ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގްރާމަކީ ދީނަށް ލޯބިޖެހިފައިވާ ޒުވާނުންތަކެއް ބިނާކޮށް ދީނީ ކަންކަމަށް އިސްކަންދޭ މުޖުތަމަޢެއް ބިނާކުރުމުގެ މަސައްކަތް ކުރެއްވުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
