އަވަދިނެތިވުމަކީ ނަމާދު އެޅުމަށް އޮތް ޢުޛުރެއް ނޫން

އިސްލާމްދީނުގެ ތަނބުކަމުގައިވާ ނަމާދަކީ ކޮންމެ މުކައްލަފަކު ކުރުން ވާޖިބުވެގެންވާ އަޅުކަމެކެވެ. ރަށުގައި ޤާއިމުވެހުރި މީހާއާއި ދަތުރެއްގެމަތީގައިވާ މީހާއާއި ބަލި ތަންމަތީގައި އޮންނަ މީހާ ވެސް ކުރާން އަންގަވައިފައިވާ އަޅުކަމެކެވެ. މި އަޅުކަން ނުކުރެވޭނެ ހަމައެކަނި ޙާލަތަކީ ތިމާގެ ބުއްދި ފިލައިދިއުމެވެ. އެހެންކަމުން މި މަތިވެރި އަޅުކަމަށް އަހަރެމެން ވަގުތު ހުސްކުރަން ޖެހެނީ، ދުނިޔެވީ ގޮތުން ކުރާން ހުރި، ހުރިހައި ކަމެއް ނިމުމުން، ކުރާ ކަމެއްކަމުގައި އެއްވެސް ޙާލެއްގައި ދެކިގެންނުވާނެއެވެ. އަޅާގެ ޢަމަލުތަކުގެ ތެރެއިން ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ސުވާލުކުރެއްވޭނީ ނަމާދާ މެދުގައެވެ. ރަސޫލާ صلي الله عليه وسلم ޙަދީޘް ކުރައްވައިފައި ވެއެވެ. (إِنَّ أَوَّلَ مَا يُـحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ، فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْـجَحَ، وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ.) މާނައީ: "ހަމަކަށަވަރުން، ޤިޔާމަތްދުވަހުން އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭހުށީ، އޭނާގެ ނަމާދާ މެދުގައެވެ. ފަހެ، އެ ނަމާދު ރަނގަޅުވެއްޖެ ނަމަ، (އެބަހީ: އޭނާ ފުރިހަމަގޮތުގައި ރަނގަޅަށް ނަމާދުކޮށްފައިވާ ނަމަ) ހަމަކަށަވަރުން، އޭނާ ކާމިޔާބުވެ، ނަޖާވެއްޖެއެވެ. އަދި އެ ނަމާދު ފާސިދުވެއްޖެނަމަ، ފަހެ، ހަމަކަށަވަރުން، އޭނާ ނާކާމިޔާބުވެ، އަބާއްޖަވެރިވެއްޖެއެވެ."

ދިވެހީންނަކީ ޒަމާނުއްސުރެ ބުރަ މަސައްކަތްކޮށްގެން ޢާމްދަނީ ހޯދާ ބަޔެކެވެ. ޚާއްޞަކޮށް، މަސްވެރިކަމާއި ދަނޑުވެރިކަން ފާހަގަކުރެވެއެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ، ދުވާލުގެ ގިނަ ވަގުތު ތަކުގައި އަވަދިނެތި ވަޒީފާތަކުގައި އުޅޭ ބަޔެކެވެ. އޮފީސްތަކާއި ކުންފުނިތަކާއި ފިހާރަތަކުގައި ވަޒީފާގައި އުޅޭ ދިވެހިން ވެސް ވަރަށް ގިނަކަން ފާހަގަކުރެވެއެވެ. މި ގޮތަށް ދުވާލުގެ ވަގުތުތައް ހޭދަކުރާ އިރު، ނަމާދުތަކަށް ސަމާލުކަން ދެވެނީ ކިހާ މިންވަރަކަށްތޯ ސުވާލުކުރާން ޖެހެއެވެ. އޮފީހުން ލިބޭ ހުސްވަގުތު، ބައްޕައެއް ނުވަތަ މަންމައެއްގެ ހައިސިއްޔަތުން ކުރާން ޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. އެ ވަގުތަކީ މެންދުރުގެ ކެއުމާއި ދަރީންގެ ސްކޫލުގެ ކަންތައްތަކާއި މެންދުރު ނަމާދުކުރުން ފަދަ، ކަންކަންކުރުމަށް ލިބޭ ވަގުތުކޮޅެކެވެ. މި ކަންތައްތަކުގެ ތެރެއިން އިސްކަންދޭ ތަރުތީބުން ކަންތައްތައް ރާވައިނުލައިފި ނަމަ މީގެ ތެރެއިން ގިނަކަންތައްތައް އޮންނާނީ ނުކުރެވިފައެވެ. މުސްލިމެއްގެ ހައިސިއްޔަތުން ތިމާ އެންމެ ބޮޑަށް އިސްކަން ދޭންޖެހޭނީ ނަމާދަށެވެ.

ނަމަވެސް މިއަދު ގިނަ މީހުން ދުނިޔެވީ ކަންކަމުގައި މަޝްޣޫލުވެ ނަމާދާ މެދު ޣާފިލުވެތިބޭ ތަން ފެނެއެވެ. ރިޒުޤު ދެއްވާ ފަރާތަކީ الله سُبْحَانَهُ وَتَعَالَى ކަން އަންގަވައި ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ކަލޭގެފާނުގެ أهل ވެރިންނަށް ނަމާދުކުރުމަށް أمر ކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ!  رزق ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ، تقوى ވެރިންނަށެވެ."

ކީރިތި ރަސޫލާ صلي الله عليه وسلم ވަނީ ނަމާދު ކުރާން ވަރަށް ބޮޑަށް ބާރު އަޅުއްވައިފައެވެ. އަދި ނަމާދުއަޅާ މީހާއާ މެދު އިންޒާރުކުރައްވައި އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ، تَرْكَ الصَّلَاةِ.) މާނައީ: "ހަމަކަށަވަރުން، އަޅާއާ ޝަރީކުކުރުމާއި ކާފިރުކަމާ ދެމެދުގައިވާ އިމަކީ، ނަމާދުއެޅުމެވެ."  الله سُبْحَانَهُ وَتَعَالَىއާ އަހަރެމެންނާ ދެމެދުގައިވާ ގުޅުން ރަނގަޅުވުމާއި ނުވުން ބިނާވެފައިވަނީ ނަމާދުގެ މައްޗަށްކަން މި ޙަދީޘުން އެނގިއްޖެއެވެ. އެހެން ޙަދީޘެއްގައި ވެއެވެ. (خَمْسُ صَلَوَاتٍ كَتَبَهُنَّ اللهُ عَلَى الْعِبَادِ، فَمَنْ جَاءَ بِـهِنَّ لَـمْ يُضَيِّعْ مِنْهُنَّ شَيْئًا اسْتِخْفَافًا بِـحَقِّهِنَّ، كَانَ لَهُ عِنْدَ اللهِ عَهْدٌ أَنْ يُدْخِلَهُ الْـجَنَّةَ، وَمَنْ لَـمْ يَأْتِ بِـهِنَّ فَلَيْسَ لَهُ عِنْدَ اللهِ عَهْدٌ، إِنْ شَاءَ عَذَّبَهُ وَإِنْ شَاءَ أَدْخَلَهُ الْـجَنَّةَ.) މާނައީ: "އަޅުތަކުންގެ މައްޗަށް މާތް الله ފަސްނަމާދު ފަރުޟުކުރެއްވިއެވެ. އެއިން އެއްވެސް ނަމާދެއްގެ ޙައްޤާ މެދު އިހުމާލުނުވެ ފުރިހަމަކޮށްފި މީހާއަށް الله سُبْحَانَهُ وَتَعَالَى ކުރައްވައިފައިވާ ޢަހުދަކީ އޭނާ ސުވަރުގެ ވެއްދެވުމެވެ. ފަހެ އެ ނަމާދުތަކަށް އިހުމާލުވެއްޖެ މީހާއަށް  الله سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުގައި އޭނާ ރައްކާތެރިކުރައްވާނެކަމުގެ ޢަހުދެއް ނުވެއެވެ. ފަހެ الله سُبْحَانَهُ وَتَعَالَى އިރާދަކުރައްވައިފި ނަމަ އެ މީހަކަށް ޢަޛާބު ދެއްވަތެވެ. އަދި الله سُبْحَانَهُ وَتَعَالَى އިރާދަކުރައްވައިފި ނަމަ އެ މީހަކު ސުވަރުގެ ވައްދަވަތެވެ."

މަސައްކަތުގައި އަވަދިނެތި އުޅުމަކީ ތިމާ ނަމާދުތަކަށް ފަރުވާކުޑަކުރާން ޖެހޭ ސަބަބެއް ނޫނެވެ. ދިރިއުޅުމުގެ ބޭނުން ފުއްދުމަށް ޓަކައި ކޮންމެ ފަދަ މަސައްކަތެއް ކުރިކަމުގައި ވިއަސް ނަމާދު ވަގުތު ޖެހުމުން އެ ނަމާދުކުރާން އަވަސްވެގަންނާން ޖެހެއެވެ. ނަމަވެސް ބައެއް ބާވަތުގެ މަސައްކަތުގައި އުޅޭންޖެހޭ ގޮތުން މިސްކިތުގެ ޖަމާޢަތަށް ހާޒިރުވުމަށް ދަތިތަކެއް ހުރެދާނެއެވެ. އެ ފަދަ މީހުންނަށް އޮތީ އެ ތިބި ތަނެއްގައި ތިބެ ނަމާދުކުރުމެވެ. މިސްކިތު ޖަމާޢަތަށް ހާޒިރު ނުވެވުމަކީ ނަމާދު އެޅުމަށް އޮތް އުޒުރެއް ނޫނެވެ. 

ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ ޢަމަލުތައް ސީދާވެ ކުރާ މަސައްކަތުގައި ބަރަކާތް ލައްވާނެ ކަމެކެވެ. ދީނުގައި އަންގަވައިފައިވާ ގޮތުގެ މަތީން، ނަމާދުތައް އޭގެ ޝަރުޠުތަކާއި ރުކުންތަކާއި ވާޖިބުތަކާއި މުސްތަޙައްބު ކަންތައް ފުރިހަމަކޮށްފި މީހާއަށް ލިބޭ ފައިދާތަކުގެ ތެރޭގައި ފާޙިޝްކަންތައްތަކާއި މުންކަރާތްތަކުން ދުރުހެލިކޮށްދިނުމާއި، ވަގުތަށް ކަމޭހިތުމާއި، އަމުރަށް ކިޔަމަންވުމާއި، الله އަށް ބިރުވެތިވެ ޚުޝޫޢަތްތެރިވުން ފަދަ ކަންކަން ހިމެނެއެވެ.

  • މިއަދުގެެ ހުކުރު ޚުޠުބާއިން
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *