އެންމެންގެ އައިސްތު ޓީޗަރު

އުމުރުން އެންމެ ބާރަ އަހަރުގައި ކިޔެވުމަށް އޮތް ލޯތްބެއްގެ ބޮޑުކަމުން މާލެއަށް ފުރައިގެން ދިޔައީ ހަޔާތުގެ ލަނޑުދަނޑި ތަކުގައި ރަންކުލަ ޖެއްސުމަށެވެ. 1970 ގެ ފަހުގެ އަހަރުތަކުގެ ދުވަސްވަރަކީ ކިޔެވުމަކީ މާބޮޑު އިސްކަމެއް ދެވިފައިވާ ޒަމާނެއް ނޫނެވެ. ރަށުން ތަޢުލީމް ހާސިލް ކުރުމުން، ނުވަތަ އެދުރު ގެއިން "ފާސް" ވުމުން ކިޔެވުން އެހިސާބުން ނިމުނީއެވެ. ނަމަވެސް 'ޓީޗަރު އައިސްތު' ގެ ކަށީގައި ހިފާފައި ހުރީ ފަނޑު ނުވާނެފަދަ ހިތްވަރަކާއި، ނުގުޑާނެ ފަދަ ވަރުގަދަ އަޒުމެކެވެ. "ނުވާނެ"، "ނުކުރެވޭނެ" ފަދަ ބަސްތަކަކީ 'ޓީޗަރު އައިސްތު" ގެ ރަދީފުގައި ނުވާ ބަސްތަކެއް ފަދައެވެ. ކުރަން ވިސްނައިފި ކަމެއް ނުކޮށް ދޫކޮށްނުލައެވެ.

ފުރަތަމަ ފަހަރަށް މާލެ ދުރުވެ، އުއްމީދީ ސްކޫލްގައި ތަޢުލީމް ޙާސިލް ކުރަމުން ގެންދިޔައެވެ. މިގޮތުން، ހިސާބު، އިނގެރޭސި، ދިވެހި، އިސްލާމް އަދި ޤުރުއާން، މި މާއްދާ ކިޔަވަމުން ގެންދެވިއެވެ. އުންމީދީ ސްކޫލުން ތަޢުލީމް ޙާސިލް ކުރުމަށްފަހު 1980 ވަނަ އަހަރުގައި އީ.ޑީ.ސީ (އޭރުގެ ޔުނިވަރސިޓީ) އިން މުދައްރިސުންނަށް ތަމްރީނު ދޭ ކޯހެއްގައި ބައިވެރިވެލެއްވިއެވެ. ކުރީގެ ގޮތުން ބުނާނަމަ، ސަނަދު ނަގާ ކޯހެއް ހެއްދެވިއެވެ. އަދި ކޯސް ހައްދަވަމުން މަޖީދިއްޔާ ސްކޫލަށް ކިޔަވައިދެއްވިއެވެ. އަދި ސަނަދު ނެންގެވުމަށްފަހު ރަށަށް ދުރުވެ، "މަކުނުދޫ މަދަރުސާ" ގައި މުދައްރިސެއްގެ ޒިންމާ އަދާކުރަން ފެށިއެވެ. ކިޔަވައިދެއްވި މާއްދާތަކުގެ ތެރޭގައި އިސްލާމް، ދިވެހި، އިނގެރޭސި، ހިސާބު، ޕީ.އޭ، ޕީ.އީ، އަދި ތިމާވެށީގެ ޢިލްމު ހިމެނެއެވެ. މިހާރުގެ ކަރްކިއުލަމް އަށް ރަށުގައި ކިޔަވައިދޭން ފެށުނީ ޓީޗަރު އައިސްތުގެ ބުރަ މަސައްކަތުންކަން އުފަލާއިއެކު ފާހަގަ ކޮށްލަމެވެ. ދެވަނަ ބަހަކުން ބުނާނަމަ ޓީޗަރު އައިސްތު އަކީ މަކުނުދޫގެ މިހާރުގެ ކިޔެވުމުގެ ފުރަތަމަ 'ބިންގާ' އެވެ. ހަމަ އެއާއި އެކު ހަމަ އެ އަހަރުގައި ޓީޗަރު އައިސްތު ކައިވެނި ކުރެއްވިއެވެ.

މަކުނުދޫގައި ކިޔަވައިދެއްވާ އަހަރެއް ވުމުން، 1982 ވަނަ އަހަރު ކުޅުދުއްފުއްޓަށް ދުރުވެ، ހަމަ އެ މާއްދާތައް ގްރޭޑް 1 ކަށް ކިޔަވައިދެއްވިއެވެ. ކުޅުދުއްފުށީގައިވެސް 1 އަހަރު ވުމުން، 1983 ވަނަ އަހަރު ފުވައްމުލަކަށް ދުރުވެ ހަމަ އެ މާއްދާތައް ކިޔަވައިދެއްވަމުން ގެންދެވިއެވެ.

"އެ ދުވަސްވަރުގައިވެސް ވަޒީފާ ދެވިފައި އޮންނަނީ ކޮންޓްރެކްޓް އުސޫލުން ކަމަށް ވާތީ، ކޮންމެ ސްކޫލެއްގައި ވެސް ކިޔަވައިދިނުން އޮންނަނީ އެންމެ އަހަރަކަށް. ކޮންޓްރެކްޓް ހަމަވުމުން އެހެން ރަށަކަށް ބަދަލުވަނީ." އުފާވެރި ހަނދާންތަކެއް އާކުރައްވަމުން އައިސްތު ފާހަގަކުރެއްވިއެވެ،

ފުވައްމުލަކަށް ޚިދުމަތް ކޮށްދެއްވުމަށްފަހު 1984 ވަނަ އަހަރު އެނބުރި މަކުނުދޫއަށް ދުރުވެ 3 އަހަރު ވަންދެން، ރަށު މަދަރުސާގައި ކިޔަވައި ދެއްވިއެވެ. ޚާއްސަ ކުލާސްތަކާއި، ޕްރިންސިޕަލް ދެއްވެވި ކޮންމެ ކްލާހަކަށް ޓީޗަރު ދިޔައީ ކިޔަވައި ދެއްވަމުންނެވެ. 1987 ވަނަ އަހަރު ވައިކަރަދޫ އަށް ދުރުވެ، ވައިކަރަދޫގައި އަހަރެއް ވަންދެން ކިޔަވައިދެއްވިއެވެ. އެއަށްފަހު 1988 ވަނަ އަހަރު ޓީޗަރު އައިސްތުގެ މިސްރާބު އަމިއްލަ ވަޒަނަށް ބަދަލުވެ އެ ދުވަހުން ފެށިގެން 2017 ވަނަ އަހަރާއި ހިސާބަށް އުފަން ރަށުގައި ކިޔަވައިދެއްވިއެވެ. އަދި އަމިއްލައަށް ލެސަން ޕްލޭން ހައްދަވައި ހާޒިރީ ބައްލަވަމުން ގެންދެވިއެވެ. ގޯނި މަދަރުސާއިން، ފަން މަދަރުސާއިން ފެށިގެން ގޮސް މަދަރުސާ ސްކޫލަކަށް ބަދަލުވި ދުވަސްވެސް އަޅުގަނޑުމެންގެ އައިސްތު މިސްއަށް ފެނިގެން ދިޔައެވެ. މިހިސާބުންވެސް މިސް ކިޔެވުން ހުއްޓައެއް ނުލައްވައެވެ. މުދައްރިސުން ތާޒާ ކުރުމުގެ ކޯސްތަކާއި، ވޯކްޝޮޕްތަކުގައި ބައިވެރިވެލެއްވިއެވެ. ސްކޫލްގައި ކިޔަވައިދެއްވަމުން ޕްރައިމަރީ ޓީޗިންގ ކޯހެއް ހައްދަވައި، ދިވެހި އަދި އިސްލާމުން ޑިޕްލޮމާ ޙާސިލް ކުރެއްވިއެވެ. ހިނެވުމުގެ ކޯހަކާއި، ދަނޑުވެރިކަމުގެ ކޯހެއްވެސް ހެއްދެވިއެވެ.

ޓީޗަރު އައިސްތުގެ އާއިލާއަށް ބަލާލާއިރު މުޅި އާއިލާ އަކީވެސް ކޮންމެވެސް ހަރުދަނާ ދާއިރާ އަކުން ނުވަތަ ރޮނގަކުން ނަމޫނާ ދެއްކެވި އާއިލާއެކެވެ. ޓީޗަރު އައިސްތުގެ ބައްޕަ، ޙުސައިން އިދުރީހަކީ މުޅި ބޮޑުތިލަދުންމައްޗަށް ދިވެހި ބޭސް ކުރެއްވި ހުނަރުވެރި ފަރާތެކެވެ. ރުއްގަލު ބޭހާއި، އޮޕަރޭޝަން ބޭހާއި، ނުރައްކާތެރި ބަލިތަކަށް ބޭސް ކޮށްދެއްވިއެވެ. އަދި އެހާމެ މޮޅު ކެޔޮޅެއް ވެސް މެއެވެ. ޚިތާނު ވެސް ކުރެއްވިއެވެ. ރާވެރިކަމާއި ކަނބުރުވެރިކަން ވެސް ކުރެއްވި ފަރާތެކެވެ. މަންމަ އަކީ އަތުން ލިބާސް ފަހާ، ލިބާހުގައި އަޅާ ބޯވަޅުގެ ފަށްތައް ގެތި ކަނބަލެކެވެ. އަދި ކޮއްކޮ އަކީ މިހާރުގެ އެންމެ މަޝްހޫރު ދިވެހި ބޭސްވެރިންގެ ތެރެއިން އެކަކެވެ.

ޓީޗަރު އައިސްތުގެ ޙަޔާތުގައި ވެސް އެތަކެއް ފޮނި ތަޖުރިބާއެއް ކުރެވިފައި ވެއެވެ.

"ދިވެހި ދަޢުލަތަށް 37 އަހަރު ޚިދުމަތް ކުރުމުން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރުމުން ދެވޭ އެވޯރޑް ލިބުމަކީ ތަޢުލީމީ ދާއިރާއިން ކުރެވުނު އެންމެ ފޮނި ތަޖުރިބާ. އޭގެ އިތުރުން 3 ފަހަރަށް މި ދުނިޔެމަތީގައިވާ އެންމެ މާތް ބިން، މައްކާ އަށް ދެވުމުގެ ނަސީބު ލިބުނުކަމީވެސް ވަރަށް ޝުކުރުވެރިވާކަމެއް." އައިސްތު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އައިސްތު ފާހަގަކުރައްވާ ގޮތުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިއަކަށް އޯލެވެލް ހަދައިދެވުމާއި، އެ ކުއްޖާއަށް ޤާރީ ކޯހުގެ، ޤިރާޢަތު ކޯހުން އެންމެ މަތިން ފާސްވެ، މުޅި ކޯހުން އެއް ވަނަ ލިބުމަކީ ވެސް އައިސްތު ޓީޗަރަށް ލިބިލެއްވި ވަރަށް އުފާވެރި އަދި އެހާމެ ފޮނި ތަޖުރިބާއެކެވެ. އަދި އައިސްތު މިސްގެ ދަރިން ހަރުދަނާ ވަޒީފާތަކުގައި ޤައުމަށް ޚިދުމަތް ކުރާތަން ފެނުމަކީވެސް ވަރަށްބޮޑު ހިތްހަމަ ޖެހުމެއްކަމަށް ގަބޫލު ކުރައްވައެވެ. އެއް ދަރިއަކީ ސްޓާފް ނަރުހަކަށް  ވީހިނދު އަނެއް ދަރިއަކީ މުދައްރިސެކެވެ.

"އެންމެ ދެކެން ބޭނުންވާ ދުވަސް މިހާރު ފެނިއްޖެ. އަޅުގަނޑު ކިޔަވައިދިން ގިނަ ކުދިން މިހާރު ތިބީ ސަރުކާރުގެ ފެންވަރު ރަނގަޅު ވަޒީފާތަކުގަ. ޤައުމަށް ޚިދުމަތެއް ކޮށްދެވުނު ކަމުގެ އުފާ އަޅުގަނޑަށް އިހުސާސްކުރެވޭ." އައިސްތު ހިނިތުންވެލާފައި ބުނުއްވިއެވެ.

ރިޓަޔަރމެންޓް ދުވަސް ޖެހި، ވަޒީފާއިން ވަކިވާން ޖެހުނު ނަމަވެސް، އަދިވެސް އެ ވަޒީފާ އަދާކުރުމުގެ ޝައުގުވެރިކަން ހުންނަކަމަށާއި ބޭނުމެއް ޖެހިއްޖެ ކޮންމެ ޙާލަތެއްގައި އަދިވެސް އައިސްތު ޓީޗަރު ހުންނެވީ ކިޔަވައިދެއްވަން ތައްޔާރަށެވެ.

މިހާރު ދިރިއުޅުމަށްޓަކައި ޓީޗަރު ކުރައްވާ ކަމަކީ ދަނޑުވެރިކަމާއި، ފަންގި ވިޔުމާއި، ރޯނު ވެށުމެވެ. އަދި ވަރަށް ކުރާހިތުން ކުރާ އެތައް ކަމެއް ހިމެނޭއިރު، މަސްވެރިކަމާއި، ކެއްކުމާއި، ހަންދަ(ސަނދަރަ) ނެގުމާއި، ގޯތިތެރޭގައި ބަގީޗާ ހައްދަވައެވެ. އައިސްތު ޓީޗަރުގެ ދިރިއުޅުއްވުމުގެ ވައްޓަފާޅި އަދިވެސް ޒުވާނެއްގެ ދިރިއުޅުމާއި ތަފާތެއް ނެތެވެ. ތަފާތު މަސައްކަތް ތަކުގައި އަވަދިނެތި އުޅުއްވައެވެ.

ކުރީ ޒަމާނުގައި ކަނޑު ދަތުރު ކުރުމަކީވެސް ކުޑަ ކަމެއް ނޫނެވެ. މަކުނުދޫ އިން ނަމަ، މާލެ ދާން މަހެއް ހާ ދުވަސް ނަގައެވެ. އާއިޝަތު ޙުސައިން މާލެއިން ތަޢުލީމް ހާސިލްކުރައްވާ އެންމެންގެ ލޯތްބާއި އިޙްތިރާމާއިއެކު "ޓީޗަރު އައިސްތު" ވެލައްވަން ކުރެއްވި ދަތުރަކީ ނިޔާމަ ދަތުރެއް ނޫނެވެ. މި ވާހަކަތައް ދެތިން ސަފްޙާއިން ކިޔާލަން ކިތަންމެ ފަސޭހަނަމަވެސް ޙަޔާތުގެ 37 އަހަރު ދެތިން ފޮޅުވަތުން ލިޔެ ނިންމާލުމަކީ ވާނެ ކަމެއް ނޫނެވެ. ދިވެހި ދަޢުލަތަށާއި، ރަށަށް ކޮށްދެވި ޚިދުމަތަކީ ގަލަމު ތުނޑުން ލިޔެ، ދެލި ހުސްވި ނަމަވެސް ތައުރީފުގެ ބަސް ހުސްނުވާނެހާ ވެސް އަގުހުރި މަސައްކަތެކެވެ. ޓީޗަރު އައިސްތުގެ ޙަޔާތުން ޢިބްރަތް ލިބިގަންނަން ބޭނުންވާ ފަރާތްތަކަށް މިއަދު ފަސޭހަ ފުރުޞަތު އެބައޮތެވެ. ބޭނުން ނަމަ ކޮންމެ ޙާލެއްގައިވެސް ކިޔެވިދާނެއެވެ.

ޚުދު އަޅުގަނޑަކީ އައިސްތު މިސްގެ ދަރިވަރަކަށް ވެ ހުރެ، މިސް ކޮށްދެއްވި ހުރިހާ މަސައްކަތަކަށާއި، ވެދެއްވި ހުރިހާ އެހީއަކާއި، ދަސްކޮށްދެއްވި ހުރިހާ ފިލާވަޅަކަށް ވަރަށް ބޮޑަށް ޝުކުރުވެރި ވަމެވެ. އުންމީދަކީ މިސް އަބަދުވެސް ދުޅަހެޔޮ ސިއްޙަތެއްގައި ލައްވާ، ދިގު އުމުރެއް ލައްވަވާ، މިސްގެ ޙަޔާތް ބަރަކާތުން ފުރާލުމެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *