ޤައުމީ އެއަރލައިން، މޯލްޑިވިއަންއަށް އަލަށް ގެންނަ ވައިޑް ބޮޑީ އެއަރ ކްރާފްޓްގެ އޮޕަރޭޝަންތައް ފުރަތަމަ ފަށާނީ ޗައިނާގެ 3 މަންޒިލަކަށްކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. މޯލްޑިވިއަންގެ އުދުހުންތައް ފުޅާކުރުމަށް، އެކުންފުނީގެ ފްލީޓު ބޮޑުކުރުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށްޓަވާފައެވެ.
މޯލްޑިވިއަންގެ އޮޕަރޭޝަންތަކަށް ގެންނަ ވައިޑް ބޮޑީ އެއަރކްރާފްޓު ބޭނުންކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ. މިއާއެކު މޯލްޑިވިއަނުން ގެންނަ ފުރަތަމަ ވައިޑް ބޮޑީ އެއަރކްރާފްޓް އަންނަ މަހުގެ 7 ވަނަ ދުވަހު ރާއްޖެ ގެނެވޭނެކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ. އެ އެއަރކްރާފްޓް ރާއްޖެ ގެނައުމުގެ މަސައްކަތް މޯލްޑިވިއަނުން ފަށްޓަވާފައިވާއިރު، މިވަގުތު އެ އެއަރކްރާފްޓް އޮތީ ސިންގަޕޫރުގައެވެ. އަދި މިހާރު ކުރިއަށްދަނީ އެ ބޯޓުގެ އައު ލިވެރީގެ މަސައްކަތްތައްކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.
