މީލާދީ އާ އަހަރުގެ ފެށުމާ ދިމާކޮށް 'މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް' ނަމުގައި ދެ ދުވަހަށް ޚާއްސަ ހަރަކާތެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ބާއްވަން ނިންމައިފިއެވެ.
މިއަދުން ފެށިގެން މާދަމާ ރޭގެ ނިޔަލަށް މި ހަރަކާތް ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މިއީ ދިވެހިންނާއި ފަތުރުވެރިންނަށް ވެސް ތަފާތު ތަޖުރިބާއެއް ލިބޭނެ ފެސްޓިވަލެއް ކަމަށާއި ޝައުގުވެރި ހުށަހެޅުންތަކާއި އިންޓަރެކްޓިވް ހަރަކާތްތަކާއި ދިވެހި ކެއުންތަކުގެ ސްޓޯލްތަކުން ފުރިފައިވާ ޕްރޮގްރާމެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މީލާދީ އައު އަހަރު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ 23:59 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި ހަރަކާތް ކުރިއަށް ދާނީ 5 މިނެޓެއް ހާއިރު ކަމަށްވެސް ވިދާޅުވިއެވެ.
މި ހަރަކާތާއި ގުޅިގެން މީގެ ކުރިން ފަރިތަކުރުންތައްވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.
އާ އަހަރު ފާހަގަކުރުމަށް "މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް" ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތައް މިރޭ އާއި ބުދަ ދުވަހުގެރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށް ދާނެއެވެ.
ފެސްޓިވަލް މިރޭ 20:00 ގައި ފަށަން ވަނީ ނިންމާފައެވެ. މި ހަރަކާތުގައި ދިވެހިރާއްޖެއަށް ފަތުރުވެރިއަކު ޒިޔާރަތް ކުރާ ދަތުރު ދައްކާލުމުގެ ޑްރޯން ޝޯއަކާއި ބޮޑުބެރުގެ ހުށަހެޅުންތަކާއި، ދަފި ނެގުން ފަދަ ޝައުގުވެރި ސަގާފީ ހަރަކާތްތައް އެކުލެވޭނެވެ.
މި ފެސްޓިވަލްގައި ދިވެހި ސަގާފީ ފުޑް ފެސްޓިވަލަކާއި 15 މިނެޓުގެ ޑްރޯން ޝޯއަކާއި ދިވެހި ސަގާފަތް ދައްކާލުމުގެ ހަރަކާތްތައްވެސް ދައްކާލާނެވެ.
މާދަމާ ހަވީރު 16:00 އިން 22:00 އަށް ވެސް މި ފެސްޓިވަލް ބާއްވަން ހަމަޖެހިފައިވެއެވެ. މާދަމާ ފެސްޓިވަލް އޮންނާނީ އާއިލާތަކަށް ޚާއްސަ ގިނަ ހަރަކާތްތަކާ އެކުއެވެ.
މާދަމާ ވެސް ކާބޯތަކެއްޗާއި ސަގާފީ ސްޓޯލްތައް ދައްކާލާނެ ކަމަށާއި ފުލުހުންނާއި ފަޔާ ޓްރަކް ހުށަހެޅުމަކާއި ކްލައިމްބިން ވޯލް އާއި ބައުންސް ހައުސް އަދި ޓްރާންސްފޯމާސް ޑިސްޕްލޭއެއް ވެސް ހިމެނޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންނެވެ. ބޮޑުބެރު ހުށަހެޅުންތަކާއި ފޯރިގަދަ ރޮބޯމޭން ޝޯކޭސްއެއް ވެސް އޮންނާނެއެވެ.
