ރީ-ރަޖިސްޓްރީ ނުކުރާތީ 101 މަރުކަޒެއްގެ ސަނަދުތައް ގަބޫލު ނުކުރަން އެމްކިއުއޭއިން ނިންމައިފި

މަތީ ތައުލީމާއި ތަމްރީނުދޭ 101 މަރުކަޒަކުން ރީ-ރަޖިސްޓްރީ ނުކުރާތީ، އެ ތަންތަނުން ހިންގާ ކޯސްތަކުގެ ސަނަދުތައް ބަލައިނުގަތުމަށް, މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ނިންމައިފިއެވެ.

އެމްކިއުއޭއިން ކުރި އިއުލާނެއްގައި ބުނީ، މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ހިންގޭނީ، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާގައި ރަޖިސްޓާ ކުރުމަށް ފަހު ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ރީ-ރަޖިސްޓްރީ ކޮށްފައިނުވާ 101 މަރުކަޒެއް ހިމެނޭ ކަމަށް އެމްކިއުއޭއިން ބުންޏެވެ.

އަދި އެ ލިސްޓްގައި ހިމެނޭ 101 މަރުކަޒަކުން ކުރިން ހުއްދަދީގެން ހިންގަމުން އައި ޕްރޮގްރާމްތައް މިއަދުން ފެށިގެން މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އެ އޮތޯރިޓީން ގަބޫލުނުކުރާނެ ކަމަށް ވަނީ ބުނެފައެވެ.

މި ނިންމުމާ ގުޅިގެން، ދަރިވަރުންގެ ފަރާތުން ކަންބޮޑުވުންތައް ފާޅުކުރަމުންދާއިރު، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކާ މެދު ސުވާލު އުފެދިފައިވެއެވެ. ނަމަވެސް، އެމްކިއުއޭއިން ބުނެފައިވަނީ މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ސަނަދުތައް ޤަބޫލުކުރާނެ ކަމަށެވެ.

ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީަރައްޤީކުރުމާ ބެހޭ މިނިސްޓްރީން މި މައްސަލައާ ގުޅިގެން ވިދާޅުވެފައިވަނީ، މި ފިޔަވަޅަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރު ހިފެހެއްޓުމަށާއި، ޤާނޫނާ އެއްގޮތަށް ޢަމަލުކުރުވުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިގު މުއްދަތުގައި ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް ފައިދާކުރާނެ ކަމަށް އެ މިނިސްޓްރީން ދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *