އަހަރުމެންނަކީ ”ލަވް ބާރޑްސް“ ގެ ނަމުން މަޝްހޫރު ވެފައިވާ ދެމަފިރިންނެވެ. ރައްޓެހިން ވެސް ހިސާބު މީހުން ވެސް ދެމީހުން އެކުގައި ފެންނަ އިރަށް ”އެއްކަލަ ދެ ލަވް ބަރޑްސް ކޮންތާކަށް ނައްޓާލަނީ“ ކިޔާ ގޮވާ ހަދާން ވެއެވެ.
ފިރިމީހާ އަކީ އަހަރެން އެކަނި އެއްވެސް ތާކަށް ފޮނުވާ މީހެއް ނޫނެވެ. މަންމަމެން ކައިރިޔަށް ގެއަށް ދިއަޔަސް އައިސް ގޭތެރޭ ސިޓިންގް ރޫމުގައި އިންނާނެއެވެ. މިކަމާއި އަބަދުވެސް އަހަރެން ރުޅި އާދައެވެ. އެއްވެސް ކަހަލަ މިނިވަން ކަމެއް އަހަންނަށް ނޯންނާތީއެވެ.
މިނޫން އެއްވެސް ކަމެއްގައި ދުވަހަކުވެސް ޝަކުވާ ކުރާ ކަށް ނުޖެހެއެވެ. ބަރާބަރަށް ޚަރަދު ކޮށް އަހަރެން ބޭނުން ވާނެހެން ހީވާ ހުރިހާ އެއްޗެއް އަބަދުވެސް ހޯދާފައި ހުރެއެވެ. އޭނާ އަކީ އުމުރުގެ ގޮތުން ބަލާނަމަ އަހަންނަށް ވުރެ 13 އަހަރު ދޮށީ މީހެކެވެ. އަހަރެންގެ މިއީ ފުރަތަމަ ކައިވެންޏެވެ. ފިރިމީހާގެ 2 ވަނަ ކައިވެންޏެވެ.
އަހަރެން ރުޅި އަންނަ ކޮންމެ ފަހަރަކު ފިރިމީހާ ގާތް ވިޔަކަ ނުދެމެވެ. އޭނަ އާއި އެއް އެނދެއްގައި ވެސް ނޯންނަމެވެ. އަބަދުވެސް އޮންނަނީ ސޯފާ ގައެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު އަހަރެން ރުއްސަން ފިރިމީހާ ކުރާހާ މަސައްކަތް ހިތަށް އަރާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ ހިލެއެވެ. ނަމަވެސް މިއަދަކު ކުރެވޭނެ ކަމެއް ނެތެވެ.
ޒުވާބު ކުރުމާއި ޖަދަލު ކުރުން ނޫން ކަމެއް އެކުގައި އުޅުނު ދުވަސް ތަކުގައި އަހަރެން ނުކުރަމެވެ. ކުދި ކުދި ކަންތަކާ ވެސް ރުޅި ދައްކާ ހެދެއެވެ. ދަރިއަކު ބޭނުން ނުވެ ހުއްޓައި ވިހަން ޖެހުމުން ވެސް ހުރިހާ ރުޅިއެއް އަހަރެން ބޭލީ ފިރިމީހާ އަށެވެ. ބަނޑު ބޮޑުކަން އިނގުމުން ފިރިމީހާ އުފަލުން އަހަރެން ގާތް ކޮށްލަން މަސައްކަތް ކުރުމުންވެސް މޭގަ އަޅާ ކޮށްޕާލާފައި އަހަރެން ދިޔައީއެވެ.
ނަމަވެސް ވިހައިގެން ދަރިފުޅު ފެނުމުން އަހަރެންގެ ވިސްނުން އެކީ ބަދަލު ވިއެވެ. ބޭބީ ދެކެ ވީ ލޯބިން ފިރިއަކު ހުންނަކަން ވެސް އެކީ ހަނދާން ނެތިއްޖެ އެވެ. ފިރިމީހާ އަށް ކައްކާފައި ކާކަށް ނުދެމެވެ. ރޭގަނޑު ބަލަނީ ބޭބީ އާއި އެކީ އަވަހަށް ނިދޭތޯއެވެ. ނިދާފައި އޮންނަ ގަޑިއެއްގައި ފިރިމީހާ ގެއަށް އައިސް އަތް ލިޔަސް އަހަރެން ރުޅި އާދެއެވެ. އަހަރެން ރުޅި ނާރުވަން ފިރިމީހާ ފަހުން ނުވެސް ގޮވައެވެ. އަހަރެން ނުކައްކަން ފެށި ފަހުން ވެސް އެއްވެސް ޝަކުވާއެއް ނުކޮށް ”ރިހަޔާއި ރޮއްޓާ“ އަބަދުވެސް ހޮޓަލުން ގަނެ ތެއްޔަށް އަޅާފައި ހުރެއެވެ.
ވިހާ ގަދަވެގެން ވެސް އެއްވެސް ވަރަކަށް ގާތް ނުވެ 6 މަސް ހުރީމެވެ. ގާތް ވާން އުޅުނަސް އަހަރެން ފޫހި ވެއެވެ. އޭރު އަހަންނަށް އެހެންވި ސަބަބެއް ބުނެދޭކަށް ނޭނގެއެވެ. ވިހެއުމުގެ ތެރޭގައި އަހަރެން ގެ ކރމތ ފަރާތް ވަރަށް ބޮޑަށް އިރައިގެން ދިޔައެވެ. އެ ތަން ރަނގަޅު ނުވެ ގިނަ ދުވަހު އުޅެން ޖެހުމުން ވީ ފޫއްސެއް ކަމަށް ވެސް ވެދާނެ އެވެ. ބުނެދޭކަށް ނޭނގެއެވެ.
އަހަންނާއި އެކު ހޭދަކުރި ފަހު ދުވަސް ވެސް އިއްޔެ ވީ ކަމެއް ފަދައިން ހަދާން ހުރެއެވެ. އެރޭވެސް އަހަންނާއި ގާތް ވުމަށް ލައްކަ މަސައްކަތް ކުރިއެވެ. ނަމަވެސް ބޭބީ ހޭލަފާނޭ ކިޔާ ދުރަށް ދިޔުމުން އެހެންވީރު ”ހަގެއް“ އެކަނި ދޭށޭ ބުންޏެވެ. އެކަންވެސް އަހަރެން ނުކުރަމެވެ. ބޭބީ ކައިރިޔަށް އަރާ އޮވެ ނިދީއެެވެ.
ހެދުނު އިރު އެރި އިރުވެސް ފިރިމީހާ ނުހޭލައެވެ. ގޮސް ގޮވާ ގޮވާ ވެސް ނުހޭލާ ނޭވާ ނުލާ ކަން ޔަޤީން ވުމުން ބިރުން ބޭބެ އަކަށް ގުޅައިން ގެނެސް ފިރިމީހާ ހޮސްޕިޓަލަށް ގެންދިޔައީމެވެ. ގެންދިޔަ އިރުވެސް ފުރާނަ އެއް ނެތެވެ. ފިރިމީހާ އަކީ އެއްވެސް ބައްޔެއް ވެސް ހުންނަ މީހެއް ނޫނެވެ. ވަކިވީ ހަމަ ކުއްލި އަކަށެވެ. ހީވަނީ އަހަރެންގެ ނުބައި ކަމުން އަހަންނަށް ލިބުނު އަދަބެއް ހެންނެވެ.
ދެން އައީ ފަޅު ދުވަސްތަކެކެވެ. ، ސުބުހާނަﷲ . . އެ ދޭން ބުނި ”ހަގް“ ކަންފަތުގައި ގުގުމަ ގުގުމާ ހުރެއެވެ. އަހަރެންގެ ނުބައި ކަމާއި ޖާހިލު ކަން އަހަރެން ޤަބޫލު ކުރަމެވެ.
އަހަރެން އެންމެ އެދޭ އެދުމަކީ ފިރިމީހާ އެނބުރި އައުމެވެ. އެ ދުވަސް ތަށް އަނބުރާ ލިބިއްޖެ ނަމަ ޔަޤީނުން ވެސް އަހަރެން ޝަކުވާއެއް ނުކުރާނަމެވެ. އަހަރެން ދުވަހަކުވެސް އޭނަ ކަމެއް ބޭނުންވެފައި ހުއްޓައި ނުނިދާނަމެވެ. އަހަރެންގެ ފިރިމީހާ ނިޔާވި ފަހުން 2 އަހަރާއި ބައި ވެއްޖެ އެވެ. އަހަންނަކަށް އެހެން ފިރިހެނަކަށް ބަލާލަން ވެސް ނުކެރެއެވެ. އެހެން މީހަކު ބޭނުމެއް ވެސް ނުވެއެވެ.
ދަރިފުޅާ އެކު ދިރިއުޅެމުން މިދަނީ ފިރިމީހާގެ ގެއިން ލިބޭ ފައިސާއިންނެވެ. އޭނާ މަރުވުމަށް ފަހު ވެސް އަހަންނާއި ދަރި އަކަށް ދައްޗެއް ނުވެއެވެ. އަހަރެންގެ ވާހަކަ ހިއްސާ ކޮށްލީ ކަނބަލުން ވިސްނުމަށެވެ.
ރަނގަޅު ފިރިން ލިބުނީމައި އެމީހުންނަށް ގޮތް ގޮތް ނުހަދާށެވެ. އަބަދު ޝަކުވާ ނުކުރާށެވެ. ހިތް ހަމަ ނުޖެހޭ ކަމެއް ވިޔަސް ވާހަކަ ދައްކައިގެން ހައްލު ކުރާށެވެ. އަހަންނަށް އަދި އެއްފަހަރު ފުރުސަތު ލިބޭނެ ނަމައޭ ހިތަށް އަރައެވެ. އެކަމަކު އެކަމެއް ދެނެއް ދުވަހަކުވެސް ނުވާނެ އެވެ.
.
