މަސްތުވާ ތަކެއްޗާއި ދުންފަތުގެ ބާވަތްތައް ގަންނަން ބައެއް މައިންބަފައިންވެސް ދަރިންނަށް ފައިސާ ޚަރަދުކުރެއެވެ. އަދި އެކުވެރިން ކަމަށް ހެދިގެން ތިބޭ މީހުންވެސް ފައިސާ ޚަރަދުކުރެއެވެ. ނަމަވެސް އެކުރެވެނީ ވަރަށް ނުބައި އަމަލެކެވެ.
ނިސާ ސޫރަތުގެ 5 ވަނަ އާޔަތުގައި ﷲ ތަޢާލާ އަންވާފައި އެވަނީ ބެލެނިވެރިކަމުގެ ގޮތުން އެފަދަ މީހުންގެ މުދައު އަތުގައި ހުރިނަމަ އެ މުދައުވެސް މުދަލުން އިސްރާފްކުރާ މީހުންނާއި ޙަވާލު ނުކުރުމަށެވެ.
އަދި، ދޯދިޔާ މީހުންނަށް، (އެބަހީ: ވިޔާނުދާ ޚަރަދު ކޮށް، އިސްރާފް ކޮށް އުޅޭމީހުންގެ އަތަށް) ތިއަބައިމީހުންގެ އަތުގައިވާ އެއުރެންގެ މުދާތައް ނުދޭށެވެ! އެ މުދަލަކީ، ދިރިއުޅުން ހިފަހައްޓައިދެނިވި ބާރެއްކަމުގައި ﷲ ތިއަބައިމީހުންނަށް ލައްވާފައިވާ އެއްޗެކެވެ. އަދި، ތިއަބައިމީހުން އެއިން، އެއުރެންނަށް ކާންދޭށެވެ! އަދި އެއުރެންނަށް އަންނައުނު ދޭށެވެ! އަދި، ތިއަބައިމީހުން، އެއުރެންނަށް ހެޔޮބަސް ބުނާށެވެ! (އައްނިސާ: 5)
މިއާޔަތުން އެނގިގެންދަނީ މުދަލުން، ފައިސާއިން އިސްރާފްކުރާ މީހުންގެ މުދައު ތިއަ ބައިމީހުންގެ އަތުގައި ހުރިނަމަވެސް އެ މުދައު އެމީހުންނާއި ހަވާލުކޮށްގެން ނުވާނެ ކަމާއި ދޭން ޖެހޭނީ އެމީހުންގެ ކެއިން ބުއިމަށާއި އައުރަނިވާކުރެވޭނެ ވަރަށް ހެދުން ފަދަ ތަކެތި ކަމެވެ.
ކަންއޮތީ މިފަދައިން ކަމަށްވާއިރު ދަރިފުޅު "ސިކް"ވެދާނެ ކަމުގެ ބިރަށް ނަމަވެސް މަސްތުވާތަކެތި ގަންނަން ނުވަތަ ދުންފަތުގެ އިސްތިޢްމާލްކުރަން ފައިސާ ދިނުން ﷲ ތަޢާލާ އެވަނީ ކަނޑައެޅިގެން ނަހީކުރައްވަވައިފައެވެ. އެފަދަ ކޮންމެ އަމަލަކީ ޙަރާމް ކަމެއްގެ އިތުރުން ބޮޑުވެގެންވާ އިސްރާފެކެވެ. އިސްރާފްކުރާ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެނެއް ނުވެތެވެ!
ދަރިފުޅު ނުވަތަ ރަޙްމަތްތެރިޔާ "ސިކް"ވާނަމަ އޭނާއަށް ބޭނުންވާ ފަރުވާ ހޯދައިދީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށްދެން މަސައްކަތްކުރާށެވެ! އެކަމުގައި އެހީތެރިވާށެވެ. ތަކުރާރުކޮށް ބުނަމެވެ. ސިގިރޭޓް ފަދަ ތަކެތި ގަންނަން ފައިސާ ޚަރަދުކުރުމަކީވެސް ހަމަ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. ވީމާ ޙަރާމް ކަންކަމަށް ފައިސާ ޚަރަދު ނުކުރާށެވެ! ފައިސާ ހުރީ އެމީހާގެ އަތުގައި ނަމަވެސް އެއީ ﷲ ތަޢާލާގެ މިލްކެއްކަން އަބަދުވެސް ވިސްނަންވާނެއެވެ!
– އިސްލާމީ ތިލަފަތުގެ ދަރުސަކުން
