ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ ތިން ވަނަފަހަރަށް ހަ އަހަރުގެ ދައުރަކަށް ހުވާކުރުމުން އޭނާ ހައްޔަރު ކުރުމަށް އެހީވާފަރާތަކަށް 25 މިލިއަން ޑޮލަރުގެ އިނާމެއް ދޭނެކަމަށް އެމެރިކާ އިން އިއުލާންކޮށްފިއެވެ. މީގެ އިތުރުން އިންޓީރިއާ މިނިސްޓަރު ޑިއޮސްޑާޑޯ ކަބެލޯ ހައްޔަރުކުރާ ފަރާތްތަކަށްވެސް 15 މިލިއަން ޑޮލަރުގެ އިނާމެއް ދިނުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.
އިނގިރޭސިވިލާތުން ވަނީ ވެނެޒުއެލާގެ އިސް 15 އޮފިޝަލުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އޭގެ ތެރޭގައި ފަނޑިޔާރުންނާއި ސަލާމަތީ ބާރުތަކުގެ މެމްބަރުންނާއި އަސްކަރީ އޮފިޝަލުން ހިމެނެ އެވެ. ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ "ޑިމޮކްރަސީއާއި ގާނޫނުގެ ވެރިކަމާއި އިންސާނީ ހައްގުތަކާ ޚިލާފުވުމުން ކަމަށް ބުނެއެވެ. އީޔޫއިން ފާހަގަކުރާގޮތުގައި ވެނެޒުއެލާއާ ދެކޮޅަށް "ދަތިކުރުމުގެ ފިޔަވަޅުތައް" އަޅަނީ ޑިމޮކްރަސީއާއި ގާނޫނީ ވެރިކަން ގާއިމްކުރުމަށް މަސައްކަތް ނުކުރާތީ ކަމަށެވެ.
2020 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެއްޗާއި ކޮރަޕްޝަންގެ ދައުވާތަކެއް އެމެރިކާއިން ދަނީ ރައީސް ނިކޮލަސް މަޑޫރޯއަށް ކުރަމުންނެވެ. އަދި އެމެރިކާއަށް ކޮކެއިން އެތެރެކޮށް އެމެރިކާގެ ރައްޔިތުންގެ ސިއްހަތަށް ގެއްލުން ދޭކަމަށް ތުހުމަތުކޮށްފައިވެ އެވެ. އޭނާއަށް ފާޑުކިޔާ މީހުން ތުހުމަތު ކުރަނީ ކޮރަޕްޝަނާއި އިގްތިސާދީ ގޮތުން ގޯސް ނިންމުންތައް ނިންމާތީއެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކާއި އިދިކޮޅު ލީޑަރުން ކުރާ ގިނަ ތުހުމަތުތަކެއް މަޑޫރޯ އާއި އޭނާގެ ސަރުކާރުން ދަނީ ތަކުރާރުކޮށް ކުށްވެރި ކުރަމުންނެވެ.
މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް މަޑޫރޯއަށް ހިތްވަރު ލިބިދާނެ ކަމުގެ އުންމީދުގައި ވަގުތީ ގޮތުން ލުއިތަކެއް ދިނުމަށް ފަހު އެމެރިކާއިން ވަނީ މިދިޔަ އަހަރު އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ވެނެޒުއެލާގެ ރައީސްވަނީ އެ ގައުމު އިގްތިސާދީ ގޮތުން ފުނޑުފުނޑުވުމުގެ ޒިންމާ އެމެރިކާ ނަގަންޖެހޭނެކަމަށް ވިދާޅުވަމުންނެވެ. އަދި އެއީ ދަތިކުރުމުގެ ގާނޫނާއި ޚިލާފު އަދި ޤައުމު ހިންގުމަށް ދަތިކުރުމަށް ކުރާކަމެއްކަމަށް ބުނަމުންވެ.
އިންތިޚާބުގެ ނަތީޖާއަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަރަށް ބޮޑަށް ދެކޮޅު ހަދާފައިވާއިރު، އޭގެ ތެރޭގައި ވެނެޒުއެލާގެ ބައެއް ކަނާތުފިޔައިގެ އަވަށްޓެރި ބްރެޒިލް އާއި ކޮލަމްބިއާ ހިމެނެއެވެ. ވެނެޒުއެލާގެ އެކްރެޑިޓް ކުރެވިފައިވާ ގިނަ މީޑިއާތަކަށް އެތެރެއަށް ނުވަދެ، ބޭރުގެ ނޫސްވެރިންނަށް އެގައުމަށް ނުވަދެވެއެވެ. އީރާނާއި ޗައިނާ އަދި ރަޝިޔާ ހިމެނޭ ގޮތަށް މަދު އެކުވެރިންތަކެއް އެޤައުމަށް އެހީތެރިވިޔަސް ދުނިޔޭގެ މައިދާނުގައި އޭނާ ދަނީ އެކަހެރިވަމުންނެވެ.
