ލޮސް އެންޖެލީސް އަލިފާންގަނޑު އިތުރަށް ފެތުރެނީ

އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓްގެ ލޮސް އެންޖެލީސްގެ ޖަންގަލިތަކުގައި ރޯވެ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރިފައިވާ އަލިފާންގަނޑުތަކުގައި މިހާތަަނަށް 24 މީހުން މަރުވެ 12,300އަށްވުރެ ގިނަ އިމާރާތަށް އަލިފާނުގެ އަސަރު ކޮށްފިއެވެ.

އަނގާރަ ދުވަހުން ފެށިގެން ފެތުރެމުންދާ އަލިފާންގަނޑުތައް ވަނީ މައިގަނޑު ހަ ސަރަޙައްދަކަށް ފެތުރިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަލިފާންގަނޑު ފެތުރެމުންދަނީ ގިނަ ޢަދަދެއްގެ މަޝްހޫރު ފަންނާނުންގެ ގެދޮރު ހުންނަ އަގުބޮޑު އަވަށެއް ކަމުގައިވާ ޕެސިފިކް ޕެލިސޭޑްސްގައެވެ. އޭގެ އިތުރުން އެހެން ސަރަޙައްދުތަކެއްގައި އީޓަންއާއި ހަރސްޓުގެ ނަން ދީފައިވާ ހުޅުގަނޑުތަކެއް ވެސް ދަނީ ފެތުރެމުންނެވެ.

ޕެލިސޭޑުގެ ހުޅުގަނޑު ވަނީ މިހާތަނަށް 96 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް ފެތުރިފައެވެ. މިހާތަނަށް ކޮންޓްރޯލު ކުރެވިފައި ވަނީ އެ ހުޅުގަނޑުގެ އެންމެ 11 އިންސައްތައެވެ. އެ އަލިފާންގަނޑު ޕެލިސޭޑާ ޖެހިގެން އޮންނަ ބްރެންޓުވުޑާ ވެސް ވަނީ އަރާ ހަމަ ކޮށްފައެވެ.

ހުޅުގަނޑުތައް ރޯވެފައިވާ ސަރަޙައްދުތަކުގައި ޖެހެމުންދާ އާދަޔާޚިލާފަށް ގަދަ ވައިގެ ސަބަބުން އަލިފާންގަނޑު ކޮންޓްރޯލު ކުރުމުގައި ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. ގާތްގަނޑަކަށް ގަޑިއަކު 50 މޭލާއި 70 މޭލުގެ ބާރުމިނުގައި ޖެހެމުންދާ ވައިގެ ސަބަބުން އަލިފާނުގެ އަޅިތައް ހުޅުގަނޑުގެ ތިން ކިލޯމީޓަރު ދުރަށް ވެސް ދަނީ ބުރަމުންނެވެ. ނަމަވެސް ކުޑަ ވަގުތު ކޮޅަކަށް ކޮންމެވެސް ވަރަކަށް ވައި މަޑުވެފައި ވާތީ އެ ދަނޑިވަޅުގެ ފުރިހަމަ ބޭނުން ހިފައި އަލިފާންގަނޑު ފެތުރުން ހުއްޓުވުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އަނެއްކާ ވެސް ވައި ގަދަވެ ބުދަ ދުވަހާ ހަމައަށް އެ ޙާލަތު ދެމި އޮންނާނެ ކަމަށް ބެލެވޭތީ މި ދަނޑިވަޅުގައި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި އަވަސް އަދި މުހިންމު މަސައްކަތްތަކެއް ކުރަން ޖެހެއެވެ.

އީޓަން އަލިފާންގަނޑު ވަނީ މިހާތަނަށް 57 އަކަ ކިލޯމިީޓަރަށް ފެތުރިފައެވެ. އެއީ އެމެރިކާގެ ނިއު ޔޯކު ސިޓީގެ މެންހަޓަނާ އެއްވަރުގެ ސަރަޙައްދެކެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ މިންވަރު ވަނީ 15 އިންސައްތައިން 27 އިންސައްތައަށް އިތުރު ކޮށްފައެވެ. އޭގެ އިތުރުން ހަރސްޓު އަލިފާންގަނޑު މިހާރު ވަނީ 89 އިންސައްތައަށް ކޮންޓްރޯލު ކުރެވިފައެވެ. ބައެއް އެހެން ސަރަޙައްދުތަކުގައި އަނދަމުންދިޔަ ތިން ހުޅުގަނޑު ވަނީ އެއްކޮށް ނިއްވާލައިފައެވެ.

އަލިފާނުގެ ސަބަބުން ރަސްމީ އިދާރާތަކުން ވަނީ 100,000އަށް ވުރެ ގިނަ މީހުންނަށް ގެދޮރު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް އަންގައިފައެވެ. އިތުރު 87,000 މީހުންނަށް ވަނީ ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ދާން ޖެހިދާނެކަމުގެ އިންޒާރު ދީފައެވެ. ގާތްގަނޑަކަށް ދިހަ މިިލިޔަން މީހުންގެ ޖުމްލަ އާބާދީއެއް އޮންނަ ލޮސް އެންޖެލީސްގެ ކޮންމެ މީހަކަށް ވެސް އަލިފާނުން ސަލާމަތް ވުމަށާއި އަލިފާނުގެ ސަބަބަުން ތަޣައްޔަރު ވެފައިވާ ވައިގެ ނުރައްކަލުން ސަލާމަތްވުމަށް ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް އެންގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރަސްމީ އިދާރާތަކުން ބުނެއެވެ.

އެމެރިކާގެ ލޮސް އެންޖެލިސްގައި މިވަގުތު ހަ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގަމުންދާއިރު، އެތައް ސަތޭކަ ގެއެއް ހަލާކުވެ، 11 މީހުން ވަނީ މަރުވެފައެވެ. ޕެލިސޭޑްސް އަލިފާނުގެ ހާދިސާގެ މިސްރާބު ބަދަލުވުމާ ގުޅިގެން ބްރެންޓްވުޑް އަވަށުގެ ބޮޑު ސަރަހައްދަށާއި ސެން ފެނާންޑޯ ވާދީން މީހުން ހުސްކުރުމުގެ އާ އަމުރެއް މިދިޔަ ހުކުރު ދުވަހު ވަނީ ނެރެފައެވެ.

އެލްއޭ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ އޮފިޝަލުން ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. މިއީ "މިހާރު ހިނގަމުންދާ އަލިފާނުގެ ހާދިސާތަކާއި ވައިގަދަވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ" ނެރުނު ހާލަތެއް ކަަމަށް ބުނެފައި ވެއެވެ.

އެ ޑިޕާޓްމަންޓުން ހުކުރު ދުވަހު ނެރުނު އިއުލާނެއްގައި ބުނީ އަލިފާނުގެ ހާދިސާތަކާއި ވައިގަދަވުމުގެ ސަބަބުން ނުރައްކާތެރި ދުމާއި ވައިގެ ކޮލިޓީ ވަރަށް ބޮޑަށް ދަށަށް ގޮސް، އާންމު ސިއްހަތަށް ވަގުތުން އަދި ދިގު މުއްދަތަކަށް ނުރައްކާވެފައިވާ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *