ޤަތުލުއާންމު ހުއްޓާލުމާ ބެހޭ އެއްބަސްވުމަށް އަމަލު ކުރަން އިސްރާއީލުން ނިންމައިފި

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމަށް ޔަހޫދީ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ރުހުން ދީފިއެވެ. މި ކަން އިޢުލާނު ކޮށްފައިވާ ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ރަސްމީ އިދާރާއިންނެވެ. ޢުދުވާން މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފަށާނީ ޖަނަވަރީ 19ވަނަ ދުވަހުއެވެ.

ޔަހޫދީ ފައުޖުން ޣައްޒާގައި ޢުދުވާން ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާން ފަށާފައި ވަނީ އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ޢުދުވާނީ ޙަމަލާތައް ފަށާފައި ވަނީ، އެ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާއެކެވެ. އެ ދުވަހު ޙަމާސުން ވަނީ 250އެއްހާ މީހުން ރަހީނުކޮށްފައެވެ.

މި ޢުދުވާންތައް މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމަށް ޔަހޫދީ ވަޒީރުންގެ މަޖިލީހުން ރުހުން ދިނުމަށް ނިންމާފައި ވަނީ ހަ ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާތަކަކަށް ފަހުއެވެ. އެ މަޖިލީހުގައި ހިމެނޭ ހައްދުފަހަނަ އެޅި ޔަހޫދީ ޖަމާޢަތްތައް ތަމްސީލު ކުރާ ނިރުބަވެރި މިނިސްޓަރުން ދިޔައީ އެއްބަސްވުމަށް ރުހުން ދިނުމަށް ދެކޮޅު ހަދާފައެވެ. މި ކަމާ ގުޅިގެން، އެއްބަސްވުން ތަންފީޒު ކުރެވުމާ މެދު ސުވާލު އުފެދުނެވެ.

ޣައްޒާގައި ވެރިކަންކުރާ ޙަމާސާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަން ޖަނަވަރީ 15ވަނަ ދުވަހު އިޢުލާނު ކުރުމަށް ފަހު، އަނިޔާވެރި ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ދެމުން ދިޔަ ލާއިންސާނީ ޢުދުވާނީ ޙަމަލާތައް އިތުރުކޮށް، ވަރުގަދަ ކޮށްފައެވެ. ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ރެފިއުޖީ ކޭމްޕުތަކާއި، ގެދޮރު ނެތިކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔަކު ދިރިއުޅެމުންދާ ވަގުތީ ހިޔާތަކަށެވެ.

އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 119އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ މައުސޫމު ކުޑަކުދިންނާއި ކުށެއް ނެތް އަންހެނުންނެވެ. އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ސަހަރުގައި ދެކުނުގައި އޮތް ޚާން ޔޫނިސްގެ ހުޅަނގުން އޮތް އަލް-މުވާސީ ސަރަޙައްދަށެވެ. އެ ސަރަޙައްދުގައި ހުރި ފޭލިގެތަކަށް އަމާޒުކޮށް ދިން ނިރުބަވެރި ޙަމަލާތަކުގައި ފަސް މީހުން ޝަހީދު ކޮށްލިއެވެ.

ޙަމާސާއި ޔަހޫދީންނާ ދެމެދު ހަދާފައިވާ އެއްބަސްވުމަށް އަމަލު ކުރަން ފަށާނީ ޖަނަވަރީ 19ވަނަ ދުވަހު ރާއްޖެ ގަޑިން ހެނދުނު 11:30ގައެވެ. އެއްބަސްވުން އެކުލަވައިލުމުގައި ޙަމާސާއި ޔަހޫދީންނާ ދެމެދު މެދުވެރިންގެ ދައުރު އަދާ ކޮށްފައި ވަނީ ޤަޠަރާއި މިޞްރުންނެވެ. އެ ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަނާއި އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބުންގެ ދައުރު ވެސް އޮތެވެ. އެއްބަސްވުމަކަށް އާދެވިފައި މި ވަނީ، ޖަނަވަރީ 20ވަނަ ދުވަހު ޓްރަމްޕް އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގަތުމަށް ވަގުތު ކުޑަތަންވެފައިވާ ދަނޑިވަޅެއްގައެވެ. އޭނާގެ ވެރިކަމުގައި ޙަމާސް ނައްތައިލާނެ ކަމަށް ވިދާޅުވެ އޭނާ އޮތީ އިންޒާރު ދެއްވާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *