ދަރީންނޭވެ! އަޑު އަހާާށެވެ! އަހައިފީވިއްޔާ ވިސްނާށެވެ! ވިސްނައިފީވިއްޔާ ބުއްދިކުރާށެވެ! ބުއްދިކޮށްފީވިއްޔާ އެނގޭ އެންމެ ހެޔޮގޮތް ޚިޔާރުކުރާށެވެ!
ދުނިޔޭގެ ހަޔާތަކީ، ދާދި ކުޑަކުޑަ ހިނދުކޮޅެކެވެ! މީގެ ސަތޭކަ އަހަރު ކުރީގައި އުޅުނު ގިނަމީހުން ތިބީ ކަށްވަޅުގެ ތަންމަތި ތަކުގައެއް ނޫންހެއްޔެވެ؟ ދުނިޔެ އޭގެ ޖިސްމުގެ ވަށައިގެން ބުރެއްއަޅާ ކޮންމެ ފަހަރަކީ، ޢުމުރުން ފާއިތު ވެގެންދާ ދުވަހެކެވެ! ކަށްވަޅާ ކައިރިޔަށް ގެންދާ ވަގުތު ކޮޅެކެވެ! އެކަންކަމަށް ޣާފިލުވެ ހުރެ ދުނިޔޭގެ މައްޗަށް ލެނބިނުގަންނާށެވެ!
ހޯދިގޮތެއްގެ ހަމަ، ލަމަ، ބެއްޔަސް، ނުބެއްޔަސް، އެއްކުރިހައި މުދަލެއް ދޫކޮށްފައި، ކަށްވަޅަށްގޮސް އެކަނިމާ އެކަނި އޮންނާން ޖެހޭ ދުވަސް އޮތީ، ދާދި ކައިރިން ކުރިމަތީގައެވެ!
އެކަންދަނެ، ބަހުންވެސް ޢަމަލުންވެސް އިންސާނުނާއި ހައިވާނުނާއި ދޫނިސޫފާ ސޫތްޕާ މެދުވެސް ހެޔޮކޮށް މެނުވީ ކަމެއް ނުކުރާށެވެ! ފުރާނަ ލެއްވި ކޮންމެ އެއްޗެއްވެސް ދުނިޔޭގައި ލެއްވީ ހަމަ، މާތްﷲ އެވެ!
ޒަމާނުގެ ހެޔޮ ދުވަސްވަރު ދުނިޔެއާ އަލްވަދާޢު ކިޔައި ވަކިވެގެން ދިޔަތާ ކިތަންމެ ކިތަންމެ ޒަމާނެއް ވެއްޖެއެވެ! އެ ޒަމާންތަކުގައި އުޅުނުފަދަ ލަފާދާރު މީހުން މިޒަމާނު އުޅޭނޭ ކަމަށް ހީވެސް ނުކުރާށެވެ! ހެޔޮ ޒަމާން ދުނިޔެއާ ވަދާޢުކޮށްފައި ދިޔައީ ހެޔޮ މީސްކޮޅުވެސް ގޮވައިގެންނެވެ!
މިޒަމާނުގައި އެކުވެރިވާނީ ފައިސާއަށްޓަކައެވެ. ލޯބިވާނީވެސް ފައިސާއަށްޓަކައެވެ.
ފަހެ، ދިޔަވަރު ހިކެންޏާ މަސްތަކަށް ފަޅުން ނުނުކުމެއެއް ނުވާނެއެެވެ!
ވަފާތެރިކަމާއި އަމާނާތްތެރިކަން އުފުއްލަވައިފައިވާ ކަހަލައެވެ! އެއިން ކަމަކަށް ބަލައިލައި އަޅައިލާތީއެއް ނުފެންނާނެއެވެ.
ގޮއިވެރީން ރުކެއް ބޭނުމެއް ނުވެއެވެ! ބޭނުންވަނީ ރުކުން ލިބޭ މަތިވަރެވެ! އެތުން ލިބޭ ރާއެވެ!
ގޮވީން ބަކަރިއެއް ބޭނުމެއް ނުވެއެވެ! ބޭނުންވަނީ ބަކަރީގެ މަހެވެ! ވައްގަނޑު ތަކުން ފެލޭ ކިރެވެ!
ވެރީން ގައުމެއް ބޭނުމެއް ނުވެއެވެ! ބޭނުންވަނީ ވެރިކަމެވެ! ގައުމުގެ މާލެވެ!
ކެންޑިޑޭޓުން ރައްޔިތެއް ބޭނުމެއް ނުވެއެވެ! ބޭނުންވަނީ އިންތިޚާބުވުމެވެ! ވޯޓެވެ!
އެހެރަހައި ކަންކަމާމެދު ފިސާރިޔަށް ހޭއަރައި ޒަމާނާމެދު ފަރުވާތެރިގެން އުޅޭށެވެ!
ނަސޭހަތްދީ އިޞްލާޙު ކުރަންވީ އަމިއްލަ ނަފުސެވެ!
ނަފުސު އިޞްލާޙު ވެގެން މެނުވީ، ނުދިނޭނެކަމީ ކަށަވަރު ކަމެއްކަން ދަންނާށެވެ!
