5 އަހަރުވަންދެން އުޅެންޖެހުނު ހިތްދަތި ދިރިއުޅުން ބަދަލުވީ އުފާވެރި ދިރިއުޅުމަކަށް

އަޅުގަނޑުގެ ކައިވެންޏަށް 5 އަހަރު ފުރުނުއިރު 2 ދަރިން ވަނީ ލިބިފައެވެ. ފުރަތަމަ ދަރިފުޅު ލިބުނު ހިސާބުން ފެށިގެން ހިތްދަތިކަން އިޙްޞާޞްކުރަން ފަށަން ޖެހިއްޖެއެވެ. އެއީ ފިރިމީހާއަށް އަޅުގަނޑު ކަމުނުދާން ފެށުމުންނެވެ.

އެހެންވެ ދެވަނަ ދަރިއަކު ނުހޯދަންވެސް ގިނަ ބައަކު ނަޞޭޙަތްދިނެވެ. ނަމަވެސް އަޅުގަނޑު ނިންމީ ދަރިއަކު ނުހޯދަން އެއްވެސް ކަމެއް ނުކުރުމަށެވެ. ދެއްވަވައިފިނަމަ އެކަން ހެޔޮހިތުން ބަލައިގަތުމަށެވެ. އެހެނީ އެދަރިފުޅުގެ ސަބަބުން ވެސް ފިރިމީހާގެ ކަންކަން އިޞްލާޙްވެދާނެއެވެ. ދެވަނަ ދަރިފުޅަކީ ފިރިމީހާ އިޞްލާޙްވުމަށް މެދުވެރިވާ ސަބަބު ކަމުގައިވެސް ވެދާނެއެވެ!

ކޮންމެއަކަސް ދެވަނަ ދަރިފުޅު ލިބުމުން ކަންކަން ބަދަލުވީ ގޯހުން ގޯހަށެވެ. ފިރިމީހާގެ ކިބައިން ލިބެންފެށީ އިތުރު ހިތްދަތިކަމެވެ. އަނިޔާއެވެ. ނަމަވެސް އުންމީދު ކަޑައެއް ނުލަމެވެ. ކެތްތެރިވީއެވެ.

އެކުވެރިއަކު ދިން ނަޞޭޙަތަކާއި ގުޅިގެން ޛިކުރުކުރުން ގިނަކުރީމެވެ. ކަންކަމުގައި އުޅޭއިރުވެސް ވީވަރަކުން ޛިކުރުކުރަން ފެށީމެވެ. ގިނަގިނައިން މާތް ﷲ ގެމަތިން ހަނދާންކުރަން ފެށީމެވެ. އަޅުގަނޑަކީ އަޅައިލާނެ އެއްވެސް މީހަކު ޢާއިލާގައި ނެތް އެކަނިވެރިއަކު ކަމަށްވުމުން ޙާލަތު ބަޔާންކޮށް ކެނޑިނޭޅި ދަންނަވަން ފެށީމެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އެއްރޭ ދަމުނަމާދަށް ތެދުވެ ވުޟޫކޮށްގެން ނުކުމެ ހިތަށް އެރިއެވެ. ޙާލަތު ބަދަލުކުރައްވަވައި ދެއްވެވޭނީ ހަމައެކަނި މާތް ﷲ އަށެވެ. ވީމާ މިރޭ ވެސް ދަމުނަމާދަށް ފިރިމީހާ ހޭލައްވާނަމެވެ. (އެއީ ދޭތެރެދޭތެރެއިން އަޅުގަނޑުކުރާކަމެކެވެ. ގޮވީމާ ހޭލައެވެ. މިތެދުވަނީ ކަމަށް ބުނެއެވެ. ނަމަވެސް ނުތެދުވެ ނިދަނީއެވެ.)

އެރޭ ހަމަ ދެފަހަރަކު ގޮވާލާއިރަސް ފުންމައިގެން ތެދުވެއްޖެއެވެ. ވުޟޫވެސްކޮށްފިއެވެ. ދެމަފިރިން އެރޭ ދަމުނަމާދުކުރީއެކުގައެވެ. އަދި އެއީ އެކުގައި ދަމުނަމާދުކުރެވުނު ފުރަތަމަ ރޭވެސް މެއެވެ. ދަމުނަމާދުކޮށްގެން ފިރިމީހާ ނިދީއެވެ. ހޭލީ ފަތިސްވުމުން ފަތިސް ނަމާދަށް ގޮވުމުންނެވެ. އެއީ ފަތިސްނަމާދަށްވެސް ހޭލި ފުރަތަމަ ރެއެވެ.

އަޅުގަނޑަކަށް ޣައިބެއް ނޭނގެއެވެ. ވީމާ ސަބަބު ބުނާކަށް ނޭނގެއެވެ. ނަމަވެސް އެނގޭކަމަކީ ހަމަ އަނެއް ދުވަހުން ފެށިގެން ފިރިމީހާއަށް ބަދަލުތަކެއް އަންނަން ފެށިކަމެވެ. ދެ ދަރިންނާއި އަޅުގަނޑަށް އަޅާލަންފެށިކަމެވެ. ލޯބިދޭން މަސައްކަތްފެށިކަމެވެ. އެއިގެ ފަހުން މިހާރުމީ 7 ވަނަ އަހަރެވެ. އަޅުގަނޑުމެން ދެމަފިރިންނަށްވުރެ ވަކިން ބޮޑަށް އުފާވެރިކަމުގައި ދިރިއުޅޭ ދެމަފިރިއަކު ތިބެދާނެކަމަށް ޤަބޫލުކުރަން އުނދަގުލެވެ.

ކިޔުންތެރިންނޭވެ! މިއީ އަޅުގަނޑުގެ ތަޖުރިބާއެވެ! އަޅުގަނޑު އެއިރު އުޅުނު ޙާލަތުގައި އުޅެންޖެހިފައިވާ އަންހެނުން ނިކަން ތަޖުރިބާކޮށްލަބަލާށެވެ!

– މައީޝާ ވަޙީދު

  • މިއަދު ނޫހުން ނަގާފައި
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *