ޒީލަން (4)

(23 މާރިޗު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޖެހިގެންއައި ހުކުރުދުވަހެވެ. މޫސުން އެހާ ރަނގަޅުނޫންކަމުން ޒީލަން ބޭރަކަށް ނުނިކުމެއެވެ. އޭނާ ބޭރު ފަރާތާއި ދިމާއަށް ހުރި ބިއްލޫރިގަނޑު ކައިރިއަށް ދިޔައެވެ. އަދި ފޮތިގަނޑު ކަހާލުމަށްފަހު ބޭރު ބަލާލިއެވެ. ޖައްވުގައިވަނީ ފަނޑު އަނދިރިކަމެވެ. މަޑުމަޑުން ހިމަފޮދުވާރޭ ވެހެމުން ދިޔައެވެ. މަގުމަތިއޮތީ ވަރަށް އަމާންކޮށެވެ. މުޅި ހިސާބުގަނޑަށް ވެރިވެފައިވަނީ ފަޅުކަމެވެ. އޭނާ ގޭގެ ގޯތީގެ ތެރޭގައިހުރި ބަގީޗާއަށް ބަލާލިއެވެ. ކުއްލިއަކަށް ފެނުނު މަންޒަރު އޭނާއަށް ގަބޫލެއްވެސް ނުކުރެވުނެވެ. ހުދުޓީޝާޓަކާއި ކުރުޝޯޓެއް ލައްވައިގެން ގަސްތަކުތެރޭގައި އެއުޅުއްވަނީ ފަޒީނެވެ. ބައެއްގަސްތައް އިންދަވާ ކޮއްޓަވާ ހައްދަވަނީއެވެ. ވާރޭތެރޭގައި ހުސްފަޔާއެވެ. ޒީލަންއަށް މިމަންޒަރު ގަބޫލު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އެއީ އެތައް މުވައްޒަފުންނެއްގެވެރި މުއްސަންޖެކެވެ. ރާއްޖޭގެ ގިނަ މީހުން ދަންނަ އިއްޒަތްތެރިއެކެވެ. ގޭގައިވެސް މަސައްކަތު މީހުން ގެންގުޅުއްވާ ހަރުކަށި ވެރިއެކެވެ. ޒީލަންއަށް އޭނާގެ މިޒާޖުގައިވާ  ސާދާކަމާއި އާދައިގެކަން އަދިވެސް ވަނީ ނޭނގިއެވެ.

ޒީލަން އަވަސްއަވަހަށް ބަގީޗާތެރެއަށް ދިޔައެވެ. އޭނާގެ ވެރިމީހާ ވާރޭތެރޭގައި ވާއިރު އެމަންޒަރުބަލަން ހުރުމަކީ އޭނާއަށް ގަބޫލުކުރެވޭނެ ކަމެއްނޫނެވެ.

”ހުރިހާ މަސައްކަތު މީހުން އުޅޭއިރު އެމީހުންނަށް އަންގަވާ ނުލެއްވީ ކީއްވެތޯ. އަޅުގަނޑުވެސް ގޭގައި އެބައުޅެން.”

”އެއީ އެވަރު ކަމެއްނޫން. މިއަދަކީ އެމީހުންގެ ޗުއްޓީ ދުވަހެއްނު؟ އެހެންނޫނަސް މީ އަހަރެން ވަރަށް ކުރާހިތްވާކަމެއް ”

”އަހަރެން މަންމައާއެކު ވާރޭވެހޭ ދުވަސްދުވަހު މިތާ އުޅެން.” ފަޒީން އޮޅުންފިލުވައިދެއްވިއެވެ.

” އެކަމަކު ފަޒީން ވާރޭ ތެރޭގައި އުޅުއްވަންވީ ކީއްވެތޯ.”

”އަހަރެންނަކީ އާދައިގެ ވިޔަފާރިވެރިއެއްގެ ދަރިއެއް. އުޅެބޮޑުވީ ވާރޭތެރޭގައިވެސް އުޅެގެން. މަތީ ތަޢުލީމު ހޯދުމަށްޓަކައި ބޭރުގައި ހުރިއިރުވެސް ހުރިހާކަމެއް ކުރީ އަމިއްލައަށް.”

ޒީލަން ފަޒީނަށް ގަސް އިންދުމާއި ކޮށުމުގައި އެހީތެރިވެދިނެވެ. ނަމަވެސް އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެދެމެދުގައިވަނީ ހިމޭންކަމެވެ.

ކުއްލިއަކަށް ވާރޭ ބޯކޮށްލިއެވެ. އަވަސް އަވަހަށް ގޭގެ ދޮރުގެ އަސްކަނިދޮށަށް ފަޒީނު ދުރުވިއެވެ. ނަމަވެސް ޒީލަން މާބޮޑު ފަރުވާލެއް ނުބަހައްޓައި ގަސް އިންދުމުގައި އަވަދިނެތި އުޅެއެވެ. ބައެއް ފަހަރަށް ދުވެލާ އިށީނދެލާ ހަދަމުންދެއެވެ. ފަޒީން މިއަޖައިބެއް ފަދަ އަންހެންކުއްޖާއަށް ބަލަހައްޓައިގެން ހުންނެވިއެވެ. އޭނާގެ ތެމިފައިވާ ހުދުކުލައިގެ ހެދުން ގައިގާ ތަތްލާފައިވާއިރު އޭނާގެ ހަށިގަނޑުގެ ބައްޓަން ރީތިކޮށް ފާޅުވެއެވެ. ހާމައަށް ދޫކޮށްލާފައިވާ ދިގު ބުޅިއިސްތަށިގަނޑުގެ ބައެއް ވަނީ އޭނާގެ ދޮންމޫނުގައި ތަތްލާފައެވެ. އެއީ ސާފު އަލި ރީތި މޫނެކެވެ. އޭނާ އިށީނދެއިން ގޮތުން  ބޯކޮށް ވެހޭވާރޭއިރު އޭނާގެ ގަޔަށް އެޅޭ ފެންތައް މަޑުފިޔާތޮށިކުލައިގެ ތުންފަތުންނާއެކު ކުޑަކުޑަ ދަތްދޮޅިން ލާފައި ފައިބައެވެ. މިއީ ހާދަ ފުރިހަމަ އަންހެންކުއްޖެކެވެ. މިހާ ރީތި އަންހެންކުއްޖެއް އޭނާގެ ހަޔާތުގައި ވެސް ދެކެފައެއް ނުވެއެވެ. މިއަންހެން ކުއްޖާގެ ރީތިކަން ފަޒީނަށް އެތައް އަސަރެއް ކުރުވައެވެ. އަދި މިހާތަނަށް އަންހެން ކުއްޖަކަށް މިފަދަ ޝައުގުވެރިކަމެއް އޭނާއަކަށް ނުދެވެއެވެ. ނޫނެކެވެ. އޭނާއާމެދު މިގޮތަށް ދެކޭކަށް ނުވާނެއެވެ. އެއީ އަޅާލާނެ މީހަކުނެތް ނިކަމެތި ކުއްޖެކެވެ.

ޒީލަން ދުވެފައި ފަޒީންގެ ގާތަށް އައެވެ.

”މެންދުރުވަނީ. ކޭންބެއްލެވުން އޮތީ ކިހިނެއްތޯ”. އެއްވެސް މީހަކު ހުކުރުދުވަހު ގެއަކު ނޫޅޭނެއެވެ. ހުކުރު ދުވަހު ފަޒީން ކޭންބެއްލެވުން އޮންނަނީ އޭނާގެ ވަރަށްގާތް ރައްޓެއްސެއްގެ ގޭގައިކަން ޒީލަންއަށް އެނގިހުރެ ވެސް އަހާލިއެވެ.

”ކޮންމެ ހުކުރުދުވަހަކު އަހަރެންގެ ކެއުން އޮންނަނީ ވަރަށް ގާތް ރަށްޓެހިންކޮޅަކާއެކު ބޭރުން. ނަމަވެސް މިއަދު ގޭގައި ޒީލަން ހުންނަނަމަ ކެއުންތައްޔާރު ކުރުން މާރަނގަޅުވާނެ. އަހަރެންވެސް އެހީވެދޭނަން.” އޭނާ ޒީލަން ގާތު ހުންނެވުމަށް ބޭނުންވެލައްވައެވެ.

” ނޫން އަޅުގަނޑު އަމިއްލައަށް ކައްކަން.” ފަޒީނު ބަދިގެއިން ފެނުމަށް އޭނާއަށް އިންކާރު ކުރެވެއެވެ.

ޒީލަން އަވަސްއަވަހަށް ފެންވަރާލައިގެން ބަދިގެއަށް އައިއިރު ފަޒީން ބަދިގޭގައި އުޅުއްވައެވެ.

”ޒީލަން ކޮފީބޮންތަ؟ އަން!”  އޭނާ ޒީލަންއަށް ޖޯޑު ދިއްކޮށްލަވަމުން ބުނުއްވިއެވެ.

”ފަޒީން އަމިއްލައަށް ކޮފީ ހައްދަވަންތޯ؟” ޒީލަންއަށް ފަޒީން އެކަހަލަ ކަންތައް ކުރައްވާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

”އަހަރެން ބައެއް ފަހަރު އަމިއްލަކަންތައް ވަގުތު އޮންނަ ގޮތަކުން އަމިއްލައަށް ކުރަން.”

ޒީލަންގެ ހިތުން އޭނާއަށް ތަޢުރީފުކުރެވުނެވެ. ކިތަންމެ މުއްސަންޖަކަސް އަދި މޮޅަސް އޭނާގެ އެއްވެސް ބޮޑާކަމެއްނެތެވެ. ބައެއް މީހުން ތަންކޮޅެއް މޮޅަށް ކިޔެވުމުން އެހެން މީހުންނަކީ އޭނާގެ އަޅެއް ކަމުގައި ހީކުރެއެވެ. ނަމަވެސް ފަޒީން މުޅިން ތަފާތެވެ.

ފަޒީން ހުކުރުން ދުރުވިއިރު ޒީލަން ހުރީކެއުން ތައްޔާރުކޮށްފައެވެ.

”ޒީލަން ވެސް ބައިވެރިވާންވާނެނު.”އޭނާ އެތައް އިންކާރެއް ކުރިނަމަވެސް ފަޒީނު ބޭނުންވެލެއްވީ ޒީލަން ވެސް އޭނާއާއެކު ކެއުމަށެވެ. އެހެންކަމުން ޒީލަން ވެސް ކެއުމަށް ޓަކައި އިށީނެވެ. ނަމަވެސް އޭނާ ވަނީ ވަރަށް ލަދުގެންފައެވެ. ފަޒީން ފަދަ ބޭކަލަކާ އެކު އޭނާ ކަހަލަ އާދައިގެ ކުއްޖަކާއި އެއް މޭޒަކުން ކެއުމަކީ އޭނާގެ ފެންވަރެއް ނޫނެވެ. ނަމަވެސް ދެކޮޅުހެދުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ވެސް ނޫނެވެ. ޒީލަން ކެއުމަށް އިންސާފު ކުރިއެވެ. ދެ މީހުންގެ މެދުގައިވަނީ ބީރައްޓެހި ކަމެވެ. ދެ މީހުން ވެސް ވަނީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ. ފަޒީނަށް ވެސް މިދެމެދުގައިވާ ހިމޭންކަން މާނަ ކުރާނެ ގޮތެއް އެނގިއެއް ނުލެއްވިއެވެ.

”ހާދަ މީރޭ. ޒީލަން ކުރިން ވެސް ކައްކަންތަ؟” އެންމެ ފަހުން ފަޒީން ފެއްޓެވިއެވެ.

”އާދެ! އެކަމަކު މިއެއްޗެހި ކައްކާފައި މިވަނީ ފަހީމައްތަ ކިޔައިދިން ގޮތަށް.”

”ޒީލަން ކިޔެވުން ކިހިނެއްތަ؟”

”ރަނގަޅު.” އޭނާ މަޑުމަޑުން ބުންޏެވެ.

ފުރަތަމަކޮޅު އެމީހުންގެ މެދުގައި މިފަދަ ރަސްމީ ވާހަކަތައް ދެކެވުނެވެ. ނަމަވެސް މިހާރު އެއީ ކޮންމެވެސް ވަރަކަށް ރަހްމަތްތެރިވެފައިވާ ބައެކެވެ.

ޒީލަން ކޮލެޖަށް ދިޔައިރު ކުލާހުގެ ބައެއް ކުދިން ގޯތިތެރޭގައި ހުރި ގޮނޑިތަކުގައި ތިއްބެވެ.

”އަލް ކީއްވެ ކުލާހަށް ނުގޮސް ތިހުރީ.” އަޒޫ ކޮލެޖްގެ ގޯތިތެރޭގައި ހުރި ގޮނޑިއެއްގައި އިށީންނަމުން ބުންޏެވެ. އޭރު ޒީލަން އެމީހުންނާ އަރާ ހަމަކުރަނީއެވެ.

”މިސް ކުޑަކޮށް ލަސްވެދާނެޔޯ އޮފީހުން ބުނީ. އެމެރިކާގެ ކޮންމެވެސް ބަޔަކު އައިސްގެންނޯ.” އަލްހެނާ ޖަވާބުދިނެވެ.

”އެއީތަ ޓީވީން މިއަދު ޚަބަރުން ކީ އަންހެނުންނާ ބެހޭ ބައްދަލުވުން؟”

”ވެދާނެ؟  ކިތަންމެ ބައްދަލުވުމެއް ބޭއްވިއަސް ރަނގަޅެއް ވޭތަ؟” އަލް ފޫހިކަމާއެކު ބުންޏެވެ.

”އަލްކީއްވެ ތިހެން ބުނަންވީ. އަލްއަށް ވެސް އެނގޭނެ އަންހެނުންނަށް ދިމާވާ ކަންތައްތައް ހައްލު ކުރެވޭނެ ގޮތްތައް މިހާރު.” އަޒޫ ވާހަކަދެއްކިއެވެ.

”އެހެންވީއިރު އަހަރެންގެ ގޭގައި ހިނގާ ކަންތައް ހައްލުނުކުރެވިގެން މި އުޅެނީ ކީއްވެ.”

”އަލް ތިއުޅެނީ ކިހިނެއް ވެގެންތަ؟” ޒީލަން އަނެއް ފަރާތުގައި އިށީންނަމުން ބުންޏެވެ.

”އަހަރެން ހުންނަގޭ ދައްތައަކީ ފޮނަދޫ މީހެއް. އޭނާގެ ފިރިމީހާ ޑްރަގްސް ނަގާ. އޭނާގެ  ސްކޫލުގައި އުޅޭ ފަސް ކުދިންނަށް ޚަރަދު ކުރަނީ ރަށުގައިހުންނަ އޭނާގެ ބައްޕަ. މިހާރު ބައްޕަ ނިޔާވުމުން ލާރި ލިބޭ ހަމައެކަނި ގޮތަކީ އަހަންނާއެކު އުޅޭ ބާރަށު ދެ ކުދިން ގެއަށް މަހަކު ދައްކާ ތިން ހާސް ރުފިޔާއިން. އެ ފިރިހެންމީހާ އެ ލާރިކޮޅު ހޯދަންވެގެން ރޭގައި ވެސް ދައްތަ ގައިގައި ވަރަށް ބާރަށް ތެޅި. އަހަރެމެންނަށް އެއްވެސް ކަމެއްނުކުރެވުނު.”

”ވަގުތުން ޕޮލިހަށް ގުޅިނަމަ.” ޒީލަންއަށް ފެންނަ އެންމެ ރަނގަޅު ގޮތް ބުންޏެވެ.

“އެއް ފަހަރަކު އޭނާ ޕޮލިހަށް ހަވާލުކުރާށޭ ބުނީމާ ދައްތަ ރުޅިއައީ. ބުނީ އެ އަނިޔާއަށް ކެތްކުރެވިދާނެޔޯ. އެކަމަކު ޕޮލިހުންނާ ހަވާލުކުރާކަށް ނޭދެމޯ. އޭނަ ވަރަށް ލޯބި ވެސް ވެއޭ.” އަލް ފޫހިކަމާއެކު ބުންޏެވެ.

” އެހެންވީއިރު އެއީ އޭނާ އަމިއްލައަށް ލިބިގަންނަ ކަންތަކެއްނު. އެއީ ރާއްޖޭގެ އަންހެނުންގެ މައްސަލައަކީ. ފިރިމީހާ ވިއްޔާ ހެޔޮ މަރާލިއަސް. ކީއްވެތަ އެއީ؟”

”އެއީ ލޯބިވާތީއެއްނު.” ޝައީމު ޒީލަންމެންނާ އަރާހަމަކުރަމުން ބުންޏެވެ.

“ޒީލަން މިރޭ މަށާއެކު ބޭރަށް ދާންނަންތަ؟” ޒީލަންގެ ކަންފަތްދޮށުގައި ސިއްރުސިއްރުން އޭނާ އަހާލިއެވެ.

”އަހަރެން ކޮލެޖް ފިޔަވާ އެހެންތަނަކުން ސައީމުއާއި ބައްދަލުކުރަން އަވަސްކަންނޭނގެ. ޝައީމު ބޭނުންނަމަ ލައިބްރަރީއަށް ދެވިދާނެ.” ޒީލަން ފިރިހެނުންނާމެދު ދެކޭ ގޮތް އަދިވެސް ބަދަލެއްނުވެއެވެ. އެހެންކަމުން މާބޮޑަށް ބައްދަލުކުރުމުގެ ޝައުގުވެރިކަމެއް ނުހުރެއެވެ.

ހަވީރު ވަގުތެވެ. ޒީލަން މިގަޑީގައި ކުރާނެ  އެއްވެސް ކަމެއްނެތުމުން ފަހީމައްތަ ގާތަށް ތިރިއަށް ދިޔައެވެ.

އޭނާ ވަރަށް އަވަސް އަވަހަށް ކޮފީ ހެދުމުގައި އަވަދިނެތި އުޅެއެވެ.

”ފަހީމައްތަ ކޮފީބޯން ފެށީ ކޮންއިރަކު؟” މިހާރު އޭނާ ފަހީމައްތައާއި ވާހަކަދައްކަނީ އާދައިގެ ބަހުރުވައިންނެވެ. އެއީ ފަހީމައްތަ ބޭނުންވާ ގޮތެވެ.

”މިއީ ފަޒީނަށް ހަދާ ކޮފީ ތައްޓެއް. އަހަރެން މިރޭ ކަލާފާނު ސްކޫލުގައި އޮންނަ ދީނީ ނަސޭހަތް ދޭތަނަށް ދާންވެގެން މިއުޅެނީ. ކޮންމެވެސް ޕާޓީއަކުން ކުރީރެއަކުވެސް ވަރަށް ރަނގަޅު ވާހަކަ ދެއްކިޔޯ. އަހަރެމެންގޭގައި އުޅޭ ހަސީނާބުނީ. އެހެންވެ އަވަހަށް ނިންމާލާފައި ދެވޭތޯ މިއުޅެނީ. ޒީލަން މިކޮފީތަށި ފަޒީނަށް ގެންގޮސްދެވިދާނެތަ؟ މިގަޑީގައި ޓެރަސްގައި އިންނަވާނެ؟” ފަހީމާ ވަރަށް އަވަހަށް ކޮފީ ހަދާ ނިންމާލިއެވެ

”އާން. ފަހީމައްތަ ދެންދޭ. ދެންހުރިކަންތައް އަހަރެން ކޮށްލަފާނަން.” ޒީލަން ކޮފީތަށި ހިފައިގެން މައްޗަށް އަރަމުން ބުންޏެވެ.

ހަވީރު ވަގުތުކަމުން މުޅިޓެރަސްއަށް ވަނީ ހިޔާ އަރާފައެވެ. ކަނޑުން ޖެހޭ ފިނިވައިން އާދަޔާ ޚިލާފު އިހުސާސެއް ކުރުވައެވެ. މާލެއިން މިފަދަ މަންޒަރެއް ފެނުމަކީ ނާދިރުކަމެކެވެ. ރީތި ހަވީރެއްގެ ހިތްހަމަޖެހުމަކީ ޒީލަންއަށް މާލެ އައިފަހުން ވަރަށް ނުލިބޭ ކަމެކެވެ. ކުޑަހިނދުކޮޅަކަށް ޒީލަންގެ ރަށްމަތިން ހަނދާންވިއެވެ. އޭނާގެ ލޯބިވާ މަންމަގެ ހަނދާންވިއެވެ. ނަމަވެސް އިތުރަށް އެކަމާމެދު ޚިޔާލުނުކޮށް ކުރިއަށް ދިޔައެވެ. އެޚިޔާލު ތަކުން އޭނާއަށް އާދަޔާ ޚިލާފު ރިހުމެއް އިހުސާސް ކުރުވާތީއެވެ.

ޓެރަސްގެ އެއްފަރާތުގައި ހުރި މޭޒެއްގައި ލެޕްޓޮޕެއް ބަހައްޓަވައިގެން ނެޓުން ކޮންމެވެސް އެއްޗެއް ބައްލަވަން އިންނެވި ފަޒީނަށް ޒީލަން ކޮފީތަށި މޭޒުމަތީގައި ބެހެއްޓިއަޑަށް ބައްލަވާ ލެއްވުނެވެ.

”އެންމެ ކޮފީތައްޓެއްތަ؟” އޭނާ ބޭނުންވެލައްވަނީ މިފަދަ ރީތި ހަވީރެއްގައި ޒީލަން އޭނާގެ ގާތުގައި ހުރުމަށެވެ.

”އަދި އިތުރަށް ގެންނަންވީތޯ؟” ޒީލަން ހައިރާންކަމާއެކު އެހިއެވެ.

”ޒީލަން ނުބޯނަންތަ؟” އޭނާ އެއްސެވިއެވެ.

”އަޅުގަނޑު ބޯނީ ފަހުން.” އިރުކޮޅަކު ހުރުމަށްފަހު ފަޒީން އެއްޗެކޭ ނުބުނުއްވުމުން ޒީލަން ދާން ހިނގައިގަތެވެ.

”ޒީލަން މިތާ އިށީނދެބަލަ. އަހަރެމެންމީ އެއްގެއެއްގައި އުޅޭ ބައެއްނު. ވީމާ ރަޙްމަތްތެރިކަން އޮންނަންޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭތަ؟” ފަޒީން ޒީލަންއާއި ވާހަކަ ދައްކަވާހިތްވެއެވެ.

”އަޅުގަނޑުމީ ކާކުތޯ؟ ފަޒީންފަދަ ބޭކަލުންގެ ރައްޓެއްސަކަށްވާން؟” ޒީލަން އިސްޖަހައިލައިގެން އިނދެ ނަންގަތެވެ.

”ޒީލަންއަކީ އިންސާނެއް ނޫންތަ؟

”ފަޒީން ހިނިތުންވެފައި ބުނުއްވިއެވެ. އޭނާއަކީ މީހުންގެ ދަރަޖަތައް ތަފާތު ކުރުމާއި ދެކޮޅުހަދާ މީހެކެވެ. އޭނާ އަކީވެސް އާދައިގެ އިންސާނެކެވެ. ވާހަކަ ދެއްކުމަކަށް މޮޅު އަދި ދެރަމީހެއް އޮންނާކަށް ނުޖެހޭކަމަށް އަބަދުވެސް އޭނާ ގަބޫލު ކުރައްވައެވެ.

ޒީލަންއިށީނެވެ. އަދި އިސްޖަހައިލައިގެންއިނެވެ. އޭނާ ފަޒީނާ ހަތަރުކަޅި ހަމަކޮށް ވާހަކަދައްކަން ލަދުގަނެއެވެ. އޭނާއަށް ނުހަނު އިހުތިރާމު ކުރެއެވެ.

”ޒީލަން މިހާރު އަހަރެންގެ ވަޒީފާގައި އުޅޭތާ އަހަރުވަނީ. އެއްގެއެއްގައި އުޅުނަސް އެއްރަށެއް ނަމަވެސް އަދިވެސް ޒީލަންގެ އެއްވެސް ކަމެއްނޭނގޭ. ޒީލަންގެ ހަޔާތުގައިވީ އެއްވެސް ކަމެއް ކިޔައެއްނުދެމެއްނު؟”

”އަޅުގަނޑުގެ އެއްވެސް ބަޔަކު މިދުނިޔެއަކުނެތް. މަންމަގެ ހަޔާތުގައި ކުރިމަތިވި ނުލަފާ ފިރިހެނެއްގެ ސަބަބުން ކެހިވެރިކަމާއި މަކަރުވެރިކަމުން ދިރިއުޅުން ގެއްލުނީ. އެކަމުގެސަބަބުން ކާފަ ނިޔާވެ ދުވަސްކޮޅެއްވީތަނާ މާމަވެސް ނިޔާވީ. އަޅުގަނޑަށް ދެއަހަރުގައި މާމަ ނިޔާވުމުގެ ސަބަބުން ދެމައިން އުޅުނީވަރަށް އެކަނިވެރި ހަޔާތެއް. ރަށުމީހުންވެސްތިބެނީ އަޅުގަނޑުމެން އެކަހެރިކޮށް ބާކީކޮށްލާފައި.” ޒީލަން މިވާހަކަތައް ކިޔައިދެވުނީތީ ހައިރާންވިއެވެ. އެއީ އޭނާ މާގިނަ މީހުންނަކަށް ކިޔައިދޭވާހަކައެއްނޫނެވެ.

”ރަށުމީހުން އެގޮތަށް ހެދީކީއްވެ.”

”އެއީ އަޅުގަނޑަކީ ބައްޕަނެތް ކުއްޖަކަށްވީމަ. އެކެހިވެރި ފިރިހެންމީހާ މަންމައާއި އިންނާނަމޭ ބުނެ ލަނޑުދީފައި ބަލިވެއިނުމުން ފިލީ. އަދި އޭނާގެ ދަރިއަކަށްނުވާނޭ ބުނެ ރަށަށް ބޭޒާރުވެސް ކުރީ.”

”ތިކަމުގައި ހަމައެކަނި ބައްޕަ ކުށްވެރި ކުރަނީ ކީއްވެ؟ ޒީލަންއަށް އިވޭނީ މަންމަ ބުނާއެއްޗެއްނު.”

”އެއީ އޭގެފަހުން މަންމަ އެފަދަ ގޮތަކަށް އުޅެފައިނުވާތީ. އަބަދުވެސް ނަމާދުކުރުމާއި ހެޔޮކަންތަކުގައި އުޅޭތީ. އަދި މަންމަގެ މުޅިދިރިއުޅުން ހޭދަކުރީ އަޅުގަނޑަށްޓަކައި. އަޅުގަނޑަށް ކިޔަވައިދީ އަޅުގަނޑުގެ ހިތްހަމަޖައްސައި ދިނުމަށްޓަކައި. އެހެންވީމާ މަންމަގެ އެއްވެސް ކުށެއް އޮތްކަމަކަށް ގަބޫލެއްނުކުރެވޭ.” އޭނާ ހީވާގޮތެއް ބުންޏެވެ.

”ޒީލަން މާލެއަންނަން ޖެހުނީކީއްވެ؟” ފަޒީނު ޒީލަންއާބެހޭ ގޮތުން އޮޅުންފިލުވަން ބޭނުންވެ ލައްވައެވެ.

ޒީލަންގެ މަންމަ ނިޔާވިފަހުން ނާޒިމާއްތައާއި ދިމާވެ ކަންތައްވީ ގޮތުގެ ވާހަކަ ކިޔައިދީ ނިންމާލިއިރު ޒީލަންއަށް ވަރަށް ހިތްދަތި އަސަރުތަކެއް ކުރުވިއެވެ. ނަމަވެސް ފަޒީނުގެގާތުގައިހުރެ ރޮވިދާނެތީ އޭނާ އިސްޖަހާލިއެވެ. ޒީލަންއާއި ފަޒީނު ވަރަށް ގިނައިރުވާންދެން ވާހަކަދައްކަން ތިއްބެވެ.

ޒީލަންގެ ކޯހުގެދެވަނަ އަހަރުގެ ފަހުސެމިސްޓާގެ ޓެސްޓަށް ވަރަށްބުރަކޮށް ތައްޔާރުވަމުން ދެއެވެ. އޭނާ މިހާރު ކޮންމެ ރެއަކުވެސް ނިދަނީ ވަރަށް ލަސްވާ ފަހުންނެވެ. ކުރިއަށްއޮތީ ބަންދުދުވަހެއް ކަމުން އޭނާ އެރޭ ދޭއްޖަހަން ދެން ކިޔަވަން އިނެވެ. އެހެންކަމުން ހޭލެވުނީ ނުވައެއްވެސް ޖެހިފަހުންނެވެ. ޒީލަންއަށް ހޭލެވުނުއިރު ނިޝާ ދެފަހަރު ގުޅާފައިއޮތެވެ. އަވަސްއަވަހަށް އޭނާ އެނަންބަރަށް ގުޅާލިއެވެ.

”ހާދަދުވަހެއްކޮށްލާފައި ތިގުޅާލީ. އަނެއްކާ އެހާ ހެނދުނާ.  ހުރިހާކަމެއް ރަނގަޅުތަ؟” ޒީލަން ހީކުރީ ކަމެއްގޯސްވީ ކަމަށެވެ.

” އާނ މިއުޅެނީ ވަރަށްބޮޑުކަމެއް ޖެހިގެން. ވަގުތު އޮތިއްޔާ ވަރަށް އަވަހަށް ޑައިނަމޯއަށް އައިސްބަލަ.”

”އަނެއްކާ ކިހިނެއްވީތަ؟”

”ލަސްނުކޮށް އައިސްބަލަ؟” ނިޝާ ފޯނުކަނޑައިލިއެވެ.

ޒީލަން ވަރަށް އަވަސްއަވަހަށް ފެންވަރާލާ ތައްޔާރުވެލިއެވެ. އަދި ސައިވެސް ނުބޮއި ކާރަކަށް އަރައިގެން ޑައިނަމޯކައިރިއަށް ގޮސް ނިޝާއަށް ގުޅިއެވެ.

” އަހަރެން މިހިރީ ތިތާ ކުރިމަތީގައި. އަވަހަށް ނިކުމޭ.”

”މިހާރު މާލަސްވެއްޖެ. ޒީލަން އަންނާނެކަމަށް މީހަކު ވަރަށް ގިނައިރު އިނދެފައި ދިޔައީ.” ނިޝާ ޒީލަންގެ ގާތަށް އައެވެ.

”އަހަރެންނަށް ވަރަށް ލަހުން ހޭލެވުނީ. ނިޝާ ގުޅާފައި އޮތްކަން ވެސް އެނގުނީ ފޯނުބަލާލީމަ.” އޭރު ދެ މީހުންނަށް ވެސް އެމީހުން ތިބޭ މޭޒަށް އާދެވިއްޖެއެވެ.

” ޒީލަން  ކޮންއެއްޗަކަށް އޯޑަރުދޭންވީ.” ނިޝާ އިށީންނަމުން ބުންޏެވެ.

”ރަނގަޅުވާނެ ކޮންމެ އެއްޗެއްވެސް. ނިޝާއަށް ފެންނައެއްޗެއް ގެނޭ.” ޒީލަންވެސް އިށީނދެއްޖެއެވެ.

ވޭޓަރު އައުމާއެކު ސޭންޑްވިޗަކާއި ފްރެޝް އޮރެންޖަކަށް އޯޑަރުދިނެވެ.

ހޫނ. ކޮން ބޮޑުކަމެއްތަ އެހާ އަވަހަކަށް އަހަރެން އަންނަން ތިބުނީ.” ޒީލަންހުރީ އެއީކޮންކަމެއްތޯ ވަރަށް ބަލާހިތްވެފައެވެ.

” އެއީދޯ. އަހަރެން މިއުޅެނީ ކައިވެނި ކުރަން. މިހާރު ހުރިހާކަމެއް ނިމިއްޖެ.”

”އެހެންތަ. ކީއްވެ ކުއްލިއަކަށް.” ޒީލަން ހައިރާންވިއެވެ.

”ކުއްލިއަކަށް ނޫނޭ. ޒީލަންއާއި ދިމާނުވާތާ ވަރަށް ދުވަސްވެއްޖެއްނު. އެހެންވީމާ ތިނޭނގުނީ”. އޭނާ އޮޅުންފިލުވައިދިނެވެ.

”ދެންކާކުތަ އެހާއަވަހަށް ނިޝާ އިންނަހިތް ޖެއްސީ.”

”އެއީ މިއުޅެނީއެއްނު ކޮންޕިއުޓަރު ވިޔަފާރިކުރާ ވަރަށް މަޝްހޫރު ހުސެންމަނިކެއް. އޭނާގެދަރިއެއް. އޭނާހުންނަނީ ޖަޕާނުގައި ވިޔަފާރީގެކަންތައް ބަލަހައްޓަން.” ނިޝާ ވާހަކަ ދެއްކިއެވެ.

ތިލިބުނީ ނިޝާ ބޭނުންވާ ކަހަލަމީހެއްނު. ދެން ކައިވެނި ކޮށްގެން އުޅެނީ ކޮންތާކު؟”

”އަހަރެންވެސް އޭނާއާއެކު ޖަޕާނަށްދަނީ”.

”އޭނާ ނިޝާދެކެ ލޯބިވޭތަ؟”

”އާން ވަރަށް ލޯބިވޭ. އެންމެ ފުރަތަމަ ޕާޓީން ފެނުނު ރޭގައި އޭނާ ގުޅީ. ރައްޓެހިވެގެން މިއުޅުނު އެއްމަސްދުވަހުގެ ތެރޭގައި ވަރަށް ރަނގަޅު.” ރައްޓެހިވެވުނުގޮތް އޭނާ ޒީލަންއަށް ކިޔައިދިނެވެ.

” އަހަރެންވަރަށް އުފާވެއްޖެ ނިޝާ ބޭނުންވާ ކަހަލަ ކުއްޖަކުލިބުނީތީ.” އެކަމަކު އޭނާ މާލޭގައި ނުހުންނާތީ ޒީލަން ވަރަށް ދެރަވެއެވެ. ނިޝާއަކީ އޭނާ އެންމެ ފުރަތަމަ މާލެއައިދުވަހު ލިބުނު ރަނގަޅު އެކުވެރިޔެކެވެ.

”ޒީލަން އަންނަންދެން ވަރަށްގިނައިރު ބޭންދިން. ނަމަވެސް ވިޔަފާރި ކޮންމެވެސް ތަނަކަށް ދާންޖެހިގެން އެދިޔައީ. ތިވާހަކައެއްނޫނޭ. ކޮންމެވެސް ކުއްޖަކުބުނި ޒީލަންވެސް ކޮންމެވެސް ކުއްޖަކާ ރައްޓެހިވެގެން އުޅެއޭ. ކާކުތައެއީ.”  ނިޝާއަށް ލިބުނު އުފާވެރި ޚަބަރެއްގެ ވާހަކަ ބުންޏެވެ.

” އެއީ ކޮލެޖުންދިމާވި ކުއްޖެއް. މިހާރު އުޅެނީ ކޮންމެވެސް އިމާރާތްކުރާ ސާމާނު އެތެރެ ކުރާ ކުންފުންޏެއްގައި. އޭނައަހަރެން ދެކެ ވަރަށްލޯބިވެޔޭ ބުނޭ. ނޭނގެދެން.” ޒީލަން އަދިވެސް ޝައީމަކަށް އެހާ އިތުބާރެއް ނުކުރެވެއެވެ.

”ހާދަފާޑަކަށް . ޒީލަންލޯތްބެއްނުވޭތަ؟”

”ލޯބިވޭކަންނޭނގެ. އެކަމަކު މާބޮޑަކަށް އިތުބާރެއް ނުކުރެވޭ.” އޭނާއަށް ފެންނަގޮތެއް ބުންޏެވެ.

”އެއްކަލަ ޒީލަން . ކޮންމެ ފިރިހެނަކު އެއްގޮތެއްނުވާނެ. ކޮންމެވެސްވަރަކަށް ތިވިސްނުން ބަދަލުކޮށްބަލަ. ކޮންމެގޮތެއްވިޔަސް އަބަދަކު މީހަކާ ނީނދެއެއް ނޫޅެވޭނެއެއްނު.” ނިޝާ އަބަދުވެސް ދޭ ނަސޭހަތް ތަކުރާރު ކުރިއެވެ.

”އެހެންވިސްނޭތިއްޔޭ ރައްޓެހިވެގެން މިއުޅެނީވެސް. އަހަންނަށް ހީވަނީ އަހަރެން ލޯބިވެސް ވާހެން.” ޒީލަން އެއްބަސްވިއެވެ.

” ކޮބާތަ ޒީލަންގެ ބޮސް . އަދިވެސް އެހާބިރުގަނޭތަ؟”

”ކޮންމެވެސް ވަރަކަށް ބިރުގަނޭ. އެކަމަކު އެއީ ވަރަށް ރަނގަޅު މީހެއް. އަހަރެންނަށް ކިޔަވައިދިނުމުގެ ޚަރަދު ކުރަނީ  އޭނާ. ބައެއްފަހަރު ގޭގައި ކިޔަވާގަޑީގައި އެހީތެރިވެސްވޭ. މިހާރު ކޮންމެވެސްވަރަކަށް ވާހަކަވެސް ދައްކާ. އެއްވެސް ބޮޑާކަމެއް ނުހުރޭ.”

”ޒީލަން ހަމަތެދެއް މިބުނީ އެއީ ޒީލަންއަށް ވަރަށް ރަނގަޅުވާނެ މީހެއް ، ތިކަންތައް ވޭތޯބަލާ.” އެއީ ނިޝާ މިހާރު މާގިނައިން ދައްކާ ވާހަކައެކެވެ.

”ސާބަސް އެއީ އަހަރެންނަށްވުރެ މާދޮށިމީހެއް. އެހެންނޫނަސް އެއީ އަހަރެންގެ ވެރިމީހާ. އަޅާލާނެ މީހަކުނެތް ދުވަހު އެހީވި ފަރާތް.”  އެ ވާހަކަ ދައްކާތީ އޭނާ ނިޝާދެކެ އަބަދުވެސް ރުޅިއާދެއެވެ.

”އޭނާ އެގޮތަށް ކިޔަވައިދީ ހަދަނީ ޒީލަން ރުއްސަން. އޭނަ ޒީލަން ބޭނުންވަނީ ކަންނޭނގެ.” ނިޝާ ހީވާގޮތް ބުނެލިއެވެ.

”ނިޝާ ތިކަހަލަ ވާހަކަ ނުދައްކާ. އޭނަގެ ހުރިހާ މުއްޒަފުންނަށްވެސް  އެހީވޭ. ބައެއް މީހުން މިހާރުވެސް ރާއްޖޭން ބޭރުން ސްކޮލަޝިޕް ދީގެން ފޮނުވާފައި އެބަތިބި.” ނިޝާ އެބުނާ އެއްޗެއް އޭނާ ގަބޫލެއް ނުކުރެވެއެވެ. އެކަހަލަ އެއްވެސް ކަމެއް އޭނާގެ ފަރާތުން ފެނިފައެއްވެސް ނުވެއެވެ.

”އާނ މިހާރު ވަރަށް ގިނަ ވާހަކަ ދެއްކިއްޖެއްނު. ދެންދަމާ. ކޮންމެވެސް ހުކުރު ދުވަހެއްގެ ރޭގައި އޮންނަ ޕާޓީއަށް އަންނާތި.” ޒީލަން އޭނާއަށް އެންމެ ފުރަތަމަ މާލެއިން ލިބުނު ރައްޓެހި ކުއްޖާ ކުރަން ހަމަޖެހިފައިވާ  ކައިވެންޏަށް ހެޔޮދުއާ ކުރިއެވެ. އަދި މަރުހަބާކިއެވެ. ކައިވެންޏަށް ދިއުމަށް ވައުދުވިއެވެ.

ޒީލަން ކްލާސް ނިންމާފައި ލައިބްރަރީއަށް ދިޔައެވެ. އޭރު ޝައީމު އޭނާގެ އިންތިޒާރުގައި އިނެވެ.

”ހާދަލަސްވީ.” ޝައީމު ޝަކުވާ ކުރިއެވެ.

”އެއީ ރައްޓެހިކުއްޖަކު އެއްޗެއް އޮޅުން ފިލުވަންވެގެން އުޅުނީމަ ކިޔައިދޭންވެގެން މަޑުކޮށްލެވުނީ” ޒީލަން ލަސްވިސަބަބު ބުންޏެވެ.

”ޒީލަން އަހަރެމެން އަބަދު މިތާތަ ބައްދަލުކުރާނީ. މިހާރު އަހަރެން އުޅެނީ ކޮލެޖަކުވެސް ނޫނެއްނު.”

”އެކަމަކު ބޭރަށް ދާނީ  ކިހިނެއް.”

”ކޮންމެރެއަކު ނުދިޔަޔަސް ބައެއް ހަފްތާބަންދުތަކުގައި ދެވިދާނެއްނު.” ޝައީމު ޝަކުވާ ކުރިއެވެ.

”އާން އަހަރެން ޓެސްޓް ވަރަށް އަވަހަށް ނިމޭނެ. އޭރުން ވަރަށް ހުސްވާނެ. އޭރުން ދޯ ދާނީ.”

”ޝައީމު ވަޒީފާ ކިހިނެއްތަ؟” ޒީލަން އޭނާގެ ވަޒީފާއާ ބެހޭ ގޮތުން ވާހަކަ ދެއްކިއެވެ.

”ވަރަށް ރަނގަޅު ތަނެއްއެއީ. ވަރަށް އަވަހަށް ކުރިއަށް ދެވޭނެހެން ހީވަނީ. މިހާރު ވަންފަހުން އެސިސްޓެންޓް މާކެޓިން މެނޭޖަރއަށް ބަދަލުކޮށްފި. މިގޮތަށް މަސައްކަތް ކުރަންޏާ އަދި ވަރަށް އަވަހަށް މެނޭޖަރަކަށް ވެސް ބަދަލުވާނެ. އެކަހަލަ ވާހަކައެއް އޮފީހުގެ އަހަރެމެންގެ ހެޑްބުނި.”  ޝައީމުގެ އެދުމަކީ ވެސް އެއީއެވެ.

”އެހެންނޫނަސް ތީދެން މާމޮޅުމީހެއްނު.” ޒީލަން ސަމާސާ ކޮށްލިއެވެ. އެ ދެ މީހުން ވަރަށް ގިނައިރު ވަންދެން ލައިބްރަރީގައި ތިއްބެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *