ކައިވެނިކުރާނެ ކަމަށް ބުނެ ލަނޑުދިނީމާ އަންހެނަކު ބަދަލު ހިފިގޮތް

އަޅުގަނޑު މިކިޔައިދޭ ވާހަކަ އެނގުމުން އެއް ބައަކު އަޅުގަނޑަށް މަލާމާތް ކުރާނެއެވެ. އެއްޗެތިވެސް ގޮވާނެއެވެ. އަނެއްބައަކު އަޅުގަނޑަށް ތަޢުރީފްވެސް ކުރާނެއެވެ. މިވާހަކަ މިކިޔައިދެނީ އެކަން އެނގިހުރެއެވެ.

އަޅުގަނޑު މަތީސާނަވީ ނިންމައި ކޮލެޖުން ކިޔަވަން ފެށިތަނާ ތަނަވަސް ފިރިހެނަކު އަޅުގަނޑުގެ ފަހަތުން އެނބުރެން ފެށިއެވެ. އެއިރު ޢުމުރުން 20 އަހަރުވެސް ނުފުރެއެވެ. އެހެންވެ ފިރިހެނުން ޖަހާނެ މަޅިތަކެއްވެސް އެހައި ބޮޑަކަށް ނުވިސްނެއެވެ. އަންހެނުން ޓިޝޫ ކަރުދާހުގެ ގޮތުގައި ބޭނުންކުރާ ވާހަކަ ވެސް އަޑުއަހަމެވެ. ނަމަވެސް އެކަމުގެ ތަޖުރިބާ ނެތުމުން އަތްދަށުލެވުނީއެވެ.

ލޯބީގެ ދަޅަ ދައްކައި ކައިވެނި ކުރާނެކަމަށްބުނެ އޭނާ އަޅުގަނޑުގެ ބޭނުންކުރީ މަކަރުންނެވެ. ނަމަވެސް ކައިވެނިކުރާނެ ކަމަށް ބުނާ އަންނަ މަސް ދުވަހަކުވެސް އަންނަ ގޮތެއް ނުވިއެވެ. ކޮންމެ މަހަކުވެސް ބުނަނީ އަންނަ މަހު ކައިވެނިކުރާނެ ކަމަށެވެ.

އަހަރު ދުވަސް އެގޮތުގައި ފާއިތުވުމުން އަޅުގަނޑުވެސް މަޅިއެއް ޖެހީމެވެ. އަޅުގަނޑުގެ ރައްޓެހި ކުއްޖަކު ބަލިވެ އިނދެ އެކަމުގެ ލިޔުން (ޓެސްޓް ނަތީޖާ) ލިބުމުން އޭގައި އޮތް އެކުވެރިޔާގެ ނަން އަޅުގަނޑުގެ ނަމަށް ބަދަލުކުރީމެވެ. އަދި އެހިފައިގެން ގޮސް އޭނާގެ މަންމަ އާއި ބައްޕަ އާއި ބައްދަލުކުރީމެވެ.

ބުނީމެވެ. "ދަރިފުޅު މިދިން އަނިޔާގެ ބަދަލު ހިފާނަމެވެ. ވިހާފައި ޑީއެންއޭ ރިޕޯޓް ނޫހުގަވެސް ޖަހާނަމެވެ."

އެއީ ތަނަވަސްކަމުގެ އިތުރުން ޤަދަރުވެރިވެސް ބައެކެވެ. މަތީ މަޤާމުގައިވެސް ތިބި ދެމަފިރިންނެވެ. އެމީހުން ބޭނުންވީ އަވަހަށް ކައިވެނި ކުރުވާށެވެ. އަޅުގަނޑު އެކަމަށް ދެކޮޅު ހެދީމެވެ. ބުނީމެވެ. "މިހާރު މިވަނީ އެތައް ފަހަރަކު އެންމެ ބޮޑު ފާފަ ކުރެވިފައެވެ. ހަށިހުއްދަ ނޫން ޙާލަތުގައި ކައިވެނިކޮށް އެކަމުގެ ފާފަ އާއި އިތުރަށް ޒިނޭ ކުރުމުގެ ފާފަ ބޮލުގައި އަޅާކަށް ނެތީމެވެ."

އެހިސާބުން އެމީހުން ސުވާލުކުރީ ދެން އޮތް ގޮތަކީ ކޮބައިތޯއެވެ؟ ބުނީމެވެ. "އަހަރެންގެ އެކައުންޓަށް —— މިހާ ފައިސާ ޖަމާކުރާށެވެ! ވިހައި ގަދަވުމުން ކައިވެނިކޮށްފިނަމަ އަނބުރައި ދޭނަމެވެ. ކައިވެނިނުކޮށްފިނަމަ އެންމެ ރުފިޔާއެއްވެސް ނުދޭނަމެވެ." އެގޮތާއި ރުހި އެމީހުން ފައިސާ ޖަމާކޮށްދިނުމުން އަވަސް އަވަހަށް އެހެން މީހަކާއި ކައިވެނިކުރީއެވެ. އޭނާ ކައިވެނިކުރާނެކަމަށްބުނެ ޖަހައިގަތީ އަޅުގަނޑު ޢިއްފަތްތެރިކަމެވެ. އެއީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ވީމާ މަކަރު ހަދައިގެން އަޅުގަނޑު އެއިގެ ބަދަލުގައި ދަމައިގަތީ ދިރިއުޅެވޭނެވަރަށް ފައިސާއެވެ. ޙަޤީޤަތުގައި ޢިއްފަތްތެރިކަމުގެ އަގު ފައިސާއިން ނުހޯދޭނެކަންވެސް އެނގެއެވެ. ނަމަވެސް ބަދަލު ހޯދޭނެ އެހެން ގޮތެއް ނެތުމުން މަކަރު ހެދީއެވެ.

ކައިވެނިކުރުމުން ލޯބިވެގެން ކަމަށް ހެދިގެން އުޅުނު މީހާ ގުޅައި ތިއަހެދީ ކިހިނަތުންތޯ ސުވާލުކުރުމުން ބުނީމެވެ. "އަންނަ މަސް ނައުމުން ކައިވެނިކުރާނެކަމަށް ބުނެ އެތައް ފަހަރެއްގެ މަތިން އަހަރެންގެ ކިބައިން މަކަރުން ފޭރިގަތް ޢިއްފަތްތެރިކަމާ އަޅުވާ ބަލައިފިނަމަ އެކަމުގެ ފައިސާއަކުން ނުވެސް ދެވޭނެއެވެ. ނަމަވެސް ލިބެން އޮތްވަރު ހޯދީއެވެ. އަދިވެސް މިހިރީ އަހަރެންގެ ވައުދުގައެވެ. ކައިވެނި ރޫޅުނު ދުވަހަކުން އިނދެފިނަމަ ފައިސާ އަނބުރާ ދޭނަމެވެ." ޖަވާބުގައި ބުނާނެ ބަހެއް އޭނާއަކަށް ނުވެސް ވިސްނުނެވެ.

އެކައިވެނި ރޫޅުނެވެ. އެކަމާ ދެރައެއްވެސް ނުވެއެވެ. ފުރަތަމަ ލޯބިވެވުނު މީހާ ދިން އަނިޔާއިން ހިތް ވަނީ ހިލަވެފައެވެ. ކައިވެނި ރޫޅުމުން ގުޅާފައި ކައިވެނިކުރަންވެސް ބުނީމެވެ. ކައިވެނިކޮށްފިނަމަ ވަޢުދާ އެއްގޮތަށް ފައިސާ އަނބުރާ ދޭނެކަމަށްވެސް ބުނީމެވެ. އޭނާ އެއިރު ހުރީ ކައިވެނިކޮށްގެންނެވެ. ދަރިންވެސް ވަނީ ލިބިފައެވެ. ވީމާ ދެވަނަ އަނތްބަކަށްވެސް ކައިވެނިކުރާނެ ހިތްވަރެއް އޭނާގެ ކިބައަކު ނެތެވެ.

އެހައިތަނަށް އަޅުގަނޑު އެފައިސާގެ ބޭނުމެއް ނުކުރަމެވެ. ބޭނުންކުރީ ދެއަނތްބަށްވެސް ކައިވެނި ނުކުރާނެ ކަމަށާއި އެ ފައިސާ ބޭނުން ނޫންކަމަށް ބުނުމުންނެވެ. ވީމާ މަކަރަކުން ފައިސާ ހޯދިނަމަވެސް ބޭނުންކުރީ އޭނާ ހުއްދަދިނުމުންނެވެ.

ނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް އުޚުތުންނަށް ދަންނަވާލަން އޮތީ މިފަދަ ލަނޑުތަކުން ސަލާމަތްވެވެން އޮތީ އަނިޔާވެރިންނަށްވުރެ އަޅުގަނޑުމެން އަންހެނުން ސްމާޓްވެގެންނެވެ. އަނިޔާވެރިވެ ލަނޑުދިނީމާ ދަރި ވައްޓާލައި އިތުރު ފާފަކުރަންވީއެއް ނޫނެވެ. ވިހާފައި ޑީއެންއޭ ހަދައި ނޫސްތަކުގައި ލިޔުއްވަންވީއެވެ. އަހަރެމެންގެ އަބުރު ދުއްވާލާފައި އަބުރުވެރި ބައެއް ކަމަށް ދެއްކިގެން އުޅުނަ ނުދީ ފަޟީޙަތްކުރަންވީއެވެ.

ދީނުގައި އެއީ ކިތަންމެ ބޮޑު ޙަރާމްކަމެއް ނަމަވެސް ލޯބީގެ އަވާގައި، މަސްތުގައި ޖެހި ޢިފަތްތެރިކަން ނަގާލެވުން މިދަނީ އިތުރުވަމުންނެވެ. ލޯބީގެ ދަޅަ ދައްކައި އަންނަމަހުގެ ހުވަފެން ދައްކައިގެން އަހަރެމެންގެ ނާޖާއިޒު ފައިދާ ނެގުން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެމީހުން ބަލިވެ ނީންނާތީ އެމީހުން ތިބެނީ އަބުރުވެރިންކަމަށް ހެދިގެންނެވެ. އެއީ ކިތަންމެ ބޮޑުފާފައެއް ނަމަވެސް ދަރިވެއްޓުމުގެ ފާފަވެސް އުފުލަން މިޖެހެނީ އަންހެނުންނަށެވެ. ވީމާ ޙައްލު ހޯދަން މިވަނީ މާބޮޑަށްވެސް މަސައްކަތްކުރަންޖެހިފައެވެ. މިވާހަކަތައް ނުދައްކައި ސިއްރުކޮށްގެން ތިބެވެން އޮތްކަމަކަށް އަދި ނުދައްކައި ތިބެގެން ޙައްލުކުރެވެން އޮތް ކަމަކަށްވެސް ނުދެކެވެ.

އަޅުގަނޑުވެސް ބުނަން އޮތީ މިއީ މިކަމުގައި އަޅުގަނޑު ވިސްނާ ގޮތް ކަމަށެވެ. ފަށަމުން ފުރަތަމަވެސް ބުނިފަދައިން މިކަމުގައި ޚިޔާލުތަފާތުވާނެއެވެ. އެއީ މައްސަލައެއް ކަމަކަށްވެސް ނުދެކެވެ. އަދި މިއީ ކުރެވުނު ފާފައެއް އިޝްތިހާރުކުރުން ކަމަކަށްވެސް ނުދެކެމެވެ. ސަބަބަކީ މިއީ މުޖުތަމައުގައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާތީއެވެ.

 

– އަޒްލިފާ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *