ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރަކަށް ޠާރިޤު އިބްރާހީމް ޢައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް ޢައްޔަނުކުރައްވައިފިއެވެ.

މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން،  އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް އަދުނާންގެ ކުރިފުޅުމަތީގައި ޠާރިޤު އިބްރާހީމް ވަނީ ހުވައި ކުރައްވާފައެވެ. އަދި މި ރަސްމިއްޔާތުގައި މިނިސްޓަރކަމުގެ ލިޔުން ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް ޢައްޔަނުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅާއާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ތިމާވެއްޓާއި ފަތުރުވެރިކަން ގުޅުވައިގެން ރާއްޖެ އިޝްތިހާރުކުރެއްވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލެއްވުމާއި ގުޅިގެން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދަށުން ހިނގަމުންދިޔަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާއި މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީހަކީ، މިއަދުން ފެށިގެން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިންގަމުންދާ ތަންތަނުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.

މި ގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކުރައްވަމުން ގެންދެވި، ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމާބެހޭ ކަންކަމާއި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާބެހޭ ކަންކަމާއި، ހަކަތައާއި، ފެނާއި، ނަރުދަމާއާއި، ކުނި މެނޭޖްކުރުމާބެހޭ ކަންކަމާއި، ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމާބެހޭ ކަންކަމާއި މީޓިއޮރޮލޮޖީގެ ދާއިރާއާބެހޭ މަސައްކަތްތައް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރައްވަމުން ގެންދަވާގޮތަށް ވަނީ  ހަމަޖައްސަވާފައެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ "ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ" އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *