ޕާޓީއަށް ވަނުމަށް އީ-ފާސް ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އީ-ފާސް މެދުވެރިކޮށް ރެޖިސްޓްރީވެވޭ ގޮތް ހެދުމާ ބެހޭގޮތުން ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ، އެންސީއައިޓީއާއެކު އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ އީ-ފާސް ބޭނުންކޮށްގެން ޕާޓީތަކުގައި ރެޖިސްޓްރީވެވޭ ގޮތް ހަދައިފިނަމަ، ޕާޓީތަކަށާއި އާންމުންނަށް ދިމާވެދާނެ ދަތިތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. ޒަކަރިއްޔާ ވިދާޅުވީ އީ-ފާސްގެ ތެރެއިން ޕާޓީތަކުގައި ރެޖިސްޓްރީވެވޭ ޕޯޓަލް މިހާރު ޑިޒައިންކޮށްފައިވާ ކަމަށެވެ.

"އިދާރީ ގޮތުން އަޅުގަނޑުމެންކުރާ ކަންކަމާއި އެންސީއައިޓީގެ ފަރާތުން މިކަން ވީހާވެސް ފަސޭހަކޮށް މެދުނުކެޑި މި ޚިދުމަތް ދިނުމުގައި ދެ ފަރާތުން ގުޅިހެން ކުރެވޭނެކަންކަމަށް މަޝްވަރާކުރެވުނު." ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީވާން އެދި ހުށައެޅޭގޮތަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޕާޓީތަކަށް ވަނުމަށް އެދި ހުށައަޅާ ކަރުދާސް ފޯމު ބަލައިގަތުން އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްޓާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި ބަދަލު ގެނައުމުން މީހާއަށް ނޭނގި އެކި ޕާޓީތަކަށް ވައްދާ މައްސަލަ ނިމުމަކަށް ގެނެވޭނެ ކަމަށެވެ. އަދި ޕާޓީތަކުގެ ދަފްތަރުގެ ޞައްހަކަން އިތުރަށް ކަށަވަރުކުރެވޭނެކަމަށް އީސީން ވިދާޅުވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *