ބަހަކީ އޭގެ ޠަބީޢަތުގައި މޫޖީޒާތީ ސިފަތަކާއި އަޖައިބުވަނި ގޮތްތަކެއް ލައްވައިފައިވާ އިލާހީ ނިޢުމަތެކެވެ. ކޮންމެ ބަހަކީ ވެސް މާތްﷲގެ ދެއްވުމެކެވެ. އިންސާނުން އެކިއެކި ތާނތާނގައި ލައްވައި ޝުޢޫރުފާޅު ކުޅައުމަށް ޓަކައި މާތްﷲ ވަނީ ބަހުގެ މަތިވެރި ނިޢުމަތް ދެއްވައިފައެވެ. ދިރޭ ކޮންމެ މަޚުލޫޤެއް ވެސް މުއާސަލާތުކުރެއެވެ. އެހެނަސް ލަފުޒާއި އިބާރާތްތައް ހައްދެއް ނެތް މިންވަރަށް ބޭނުންކޮށްގެން ޝުއޫރުފާޅުކުޅައުމުގެ ގާބިލިއްޔަތު ދެއްވައިފައިވަނީ ހަމައެކަނި އިންސާނުންނަށެވެ. އިންސާނާ ތަރައްގީ ވަނީ، ކުރިއަރަނީ ބަހުގެ ޒަރިއްޔާއިންނެވެ. ބަހަކީ ހަޟާރަތުގެ ވިންދެވެ. ތަހުޒީބުގެ ރޫހެވެ. ގައުމިއްޔަތުގެ ފުރާނައެވެ. އަދިކިއެއްތޯއެވެ! މީސްތަކުގެ މެދުގައި ލޯތްބާއި އޯގާވެރިކަން އާލާވުމުގައްޔާއި އަދަބު އިޙުތިރާމް އަދާކުޅައުމުގައި ވެސް ބަސް އަދާ ކުރާ ދައުރު ވަރަށް މުހިންމެވެ.
އަދަބު އިޙުތިރާމް އަދާ ކުޅައުމުގައި އަމަލުގެ މުއާމަލާތަށް ވުރެ ފުރިހަމަ ދައުރެއް އަދާކުރަނީ ބަހެވެ. އިންސާނާ އޭނާގެ ކިބައިގައި ވާ ޖަޒުބާތީ ތޫނުފިލިކަން ހާމަކޮށް ދެނީ ކޮންމެވެސް ބަހަކުންނެވެ. އޯގާވެރިކަމާއި ރުޅިވެރިކަމާއި ލޯބިވެތިކަމާއި ހިތްތިރިކަމާއި ހިތްހެޔޮކަމާއި ހަމްދަރުދީގެ އިހުސާތަކާއި ޝުޢޫރުތައް ފަދަ މާނަވީ ސިފަތައް ބަޔާންކޮށް ފާޅުކުރަނީ ބަހުގެ ޒަރިއްޔާއިންނެވެ. އަދަބު އިހުތިރާމް އަދާ ކުރުމާއި މާތްކޮށް ހިތުމާއި އިންސާނީ ކަރާމާތައި ހައިބަތާއި މަތިވެރިކަން ހާމަކޮށް ދަމަހައްޓަނީ ވެސް ބަހުންނެވެ. މި ދެންނެވި ކަންކަން ފާޅުކުރާނޭ މިންގަނޑުތަކާއި ހަމަތަކާއި އުސޫލުތައް ކޮންމެ ބަހެއްގެ ޠަބީޢަތުގައި މާތްރަސްކަލާނގެ ވަނީ ލައްވައިފައެވެ.
މާތްރަސްކަލާނގެ ދެއްވި ކޮންމެ ބަހެއް ވެސް އުފެދި ތަރައްގީވެގެން އަންނަނީ އެ ބަހެއްގެ ވެށީންނެވެ. އާދޭހެވެ! ސަގާފަތާއި އާދަކާދައިގެ ތެރެއިންނެވެ. މިހެންވުމުން ކޮންމެ ބަހަކަށް ޚާއްޞަ ސިފަތަކެއް ވެއެވެ. ކޮންމެ ބަހަކަށް ޚާއްޞަ އަޑުތަކެއް ވެއެވެ. ލަފުޒަކީ އަޑުތަކުގެ ރަމްޒެކެވެ. އެ ފަދަ ރަމްޒުތަކުގެ އަޑުތައް ލިޔުމުން ފާޅުކޮށް ދައްކާން އިންސާނާ ސޫރަތަކެއް އިޚްތިޔާރު ކުރެއެވެ. އަޅުގަނޑުމެން އަކުރޭ ކިޔަނީ މި ފަދަ ސޫރަތަކަށެވެ. ބަހުގެ އުފެއްދުންތެރިކަން ކިރައި ވަޒަން ކުރުމުގައި އޭގެ މިންވަރަކަށް ހައްދެއް ނެތެވެ. އެހެނީ ކޮންމެ ބަހަކީ ވެސް އޭގެ ޒާތުން މުއްސަނދި ތަރިކައެކެވެ. ބަހެއްގައި އެކުލެވޭ ކޮންމެ ކަމަކުން ކޮންމެ އަޑަކުން، ކޮންމެ ރާގަކުން، ކޮންމެ ވައްތަރަކުން ބަޔާންކޮށްދެނީ ބަހަވީ ސިންދަފާތުގެ ތަނަވަސްކަމާއި މުއްސަނދިކަމެވެ. އެ ބަހެއްގެ ހުރި ގާބިލްކަމާއި ފޯރުންތެރިކަމެވެ. ކޮންމެ ހާލަތެއްގައި ބަހުގެ ބޭނުން ހިފޭނޭކަމެވެ.
ބަހުގެ ބޭނުން ނުޖެހޭ ދަނޑިވަޅެއް ވަގުތެއް ހާލަތެއް ނުވެއެވެ. ބަހުގެ ހިއްސު ވަކިވެއްޖައުމަށް ދާން ދެން އިންސާނާ ބަހުގެ ބޭނުން ކުރެތެވެ. ބަހަކީ މިހައި މުހިންމު އެއްޗެކެވެ. ބަހާއި ބަހުގެ މަސައްކަތާއި އޭގެ ވަޒީފާގައި އިންސާނާ އަދާ ކުރާން ޖެހޭ ވާޖިބަކީ އިހުތިރާމާ އެކު ބަހުގެ ބޭނުން ކުޅައުމެވެ. ލަދެއް ބިރެއް ސިހުމެއް ނެތި ވާހަކަދެއްކުމެވެ. ޝުޢޫރުފާޅުކުރުމެވެ. އެހެނީ އިންސާނާގެ ވިސްނުމާއި ފިކުރު ފުޅާވުމާއި ހަނދާން ގަދަކޮށްދިނުމާއި ޢިލްމުވެރިވުމާއި ހިކުމަތް ލިބުމުގައި ބަސް އަދާ ކުރަނީ އާދަޔާޚިލާފު ދައުރެކެވެ. އެހެނީ ޢިލްމާއި ޙިކުމަތުގެ ނާރެހަކީ ބަހެވެ.
ބަހަކީ އިލްމާއި ހިކުމަތުގެ ނާރެސް ކަމުގައި ވަނީ އިލްމު ވާސިލްވަނީ ބަހަކުން ކަމުގައި ވުމެވެ. އަދި އިލްމު ހާސިލްވަނީ ވެސް ބަހަކުން ކަމުގައި ވުމެވެ. ބަހަކީ އިންސާނުންގެ އެއްޗެއްގެ ގޮތުގައި މާތްﷲ ލައްވައިފައިވަނީ މިފަދަ އެތައް ސަބަބަކަށް ޓަކައެވެ.
ދުނިޔެ ތަރައްޤީކުރަނީ އިންސާނާއެވެ. އޭނާގެ ވިސްނުން ބޭނުންކޮށްގެންނެވެ. އެ ވިސްނުން އޭނާ ވިސްނަނީ އިލްމުގެ ހަކަތައިންނެވެ. އެ ވިސްނާ ވިސްނުން އޭނާ ވުޖޫދުކުރަނީ ބަހުންނެވެ. ތަރައްގީގެ މާއްދިއްޔަތަކީ ވިސްނުމާއި ދެކޭ ހުވަފެންތަކުގެ ނަތީޖާއެވެ. ސައްލާތަކާއި މަޝްވަރާތަކާއި ރޭވުންތަކާއި ތަދުބީރުތަކުގެ ނަތީޖާވެސްމެއެވެ.
ނަތީޖާގެ ފޮނިކަމާއި ކާމިޔާބުކަން ބިނާވަނީ މަސައްކަތާއި އަޒުމާއި ހިތްވަރުގެ މައްޗަށެވެ. އެއްބައިވަންތަކަމާއި ގުޅުންތެރިކަމުގެ މައްޗަށެވެ. އެކުވެރިކަމާއި ހިންގުންތެރިކަމާއި އިސްދާނަކަމުގެ މައްޗަށް ވެސްމެއެވެ. މިފަދަ ކޮންމެ ކަމެއް ބަދަހިކޮށް ދެމެހެއްޓުން ބިނާ ވަނީ މުއާމަލާތުގެ މައްޗަށެވެ. މުއާސަލާތުގެ މައްޗަށެވެ. މިފަދަ ކޮންމެ މުއާމަލާތެއް ވެސް ކޮންމެ މުއާސަލާތެއް ވެސް ބަރޯސާ ވާން ވާނީ އަދަބު އިހުތިރާމްގެ މައްޗަށެވެ. އަދަބުވެރިކޮށް ވާހަކަ ދެއްކުމުގެ މައްޗަށެވެ.
އަދަބުވެރިކޮށް ވާހަކަދެއްކުމުން އިންސާނުންގެ މެދުގައި އުފެދޭ ގުޅުންތަކުން ފާޅުވަނީ އުފާވެރިކަމެވެ. ވަށައިގެންވާ މާހައުލާ އިންސާނާ ގުޅުވައިދެނީ އޭނާގެ ބަހެވެ. އެއް ސަގާފަތުން އަނެއް ސަގާފަތަށް ތަރުޖަމާ ކުރާ ޚިޔާލުތަކާއި ވާހަކަތައް ސިފަކޮށްދީ ބަޔާން ކޮށްދެނީ ބަހެވެ. ވަށާޖެހިފައިވާ އިންސާނަކު ބިނާވުމުގައި މިފަދަ ކިތަންމެ ދައުރެއް ބަސް އަދާކުރެއެވެ.
އިންސާނަކު ބިނާވުމުގައި ބަސް އަދާ ކުރާ ދައުރުގެ މައްޗަށް ފޮތްފޮތް ފުރެންދެން ކިޔެވިދާނެއެވެ. އެހެނީ އިންސާނާ ކުރިއެރުމުގައްޔާއި ކުރިޔަށް ދިޔުމުގައި ވެސް އެންމެ ފުޅާ ދައުރެއް އަދާ ކުރަނީ ބަހެވެ. އިންސާނާގެ ދިރިއުޅުމުގެ އެއްވެސް ކަމެއް ބަހާ ނުލައި ފުރިހަމައެއް ނުވެއެވެ. އިންސާނުންނަށް އަންނަ ބަދަލު ބަހަށް އައުދެއެވެ. އެއީ އިންސާނާގެ ހަޔާތް އެ މައްޗަށް ބަރޯސާވެފައިވާ ބަރޯސާވުމުގެ ދިރިހުރި ހެތްކެކެވެ. މިހެންވުމުން އޭނާ ކޮންމެ ރޮނގަކުން ކުރިޔަށް ދިޔަޔަސް، އޭނާގެ ބަސް އޭނާގެ މަންޒިލްގައި ހީނލަހީނލައި އޮވެއެވެ.
އާދޭހެވެ! އިންސާނީ ތަރައްގީއާއި ކުރިއެރުމާއި ތަހުޒީބުގައި ބަސް އެކުލެވިގެން ވަނީ ކާބޯތަކެތީގައި މީރު ރަހަ އެކުލެވިގެން ވާ ފަދައަކުންނެވެ. އައުލާވެގެންވާ އެންމެ މޮޅު އިތުރު ގޮތަކީ ތިމާއީ ތިމާކަން ބުނެދޭ ބަސް ނެގެހެއްޓުމެވެ. ދެމެހެއްޓުމެވެ. އިހުތިރާމާއި ލޯބި އޭގެ މައްޗަށް އަބަދު ބޭއްވުމެވެ. ހަނދުގެ ހަނދުވަރު ފަދައިންނެވެ. އިރުގެ އަލި ދޯދި ފަދައިންނެވެ.
