ދައުލަތުގެ އިސް މަޤާމުތަކެއް ފުރުއްވައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަންކުރައްވަމުން ގެންދަވާ ޤާސިމް އިބްރާހިމްގެ ޙަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޮގުރަފީ ނެރެފިއެވެ.
"ޤާސިމް އިބްރާހިމް: ލާމަސީލު ދިވެހި ދަރިއެއް" މިނަމުގައި ލިޔެފައިވާ ފޮތް ނެރެދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވަޒީރުކަމާއި ދައުލަތުގެ އިސް މަޤާމުތަކެއްފުރުއްވާފައިވާ އިލްޔާސް އިބްރާހިމެވެ.
ޤާސިމް އިބްރާހިމްގެ ބަޔޮގުރަފީ ނެރެދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އިލްޔާސް އިބްރާހިމް ވިދާޅުވީ ޤާސިމް އިބްރާހިމް ފާހަގަކޮށްލެވެނީ ކަންކަމުގައި އައު ގޮތްތައް ހޯއްދަވައިގެން، ހަޔާތުގަޔާއި ކުރެއްވި ވިޔަފާރިތަކުގައި ކާމިޔާބީ ހޯއްދެވި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އަދި ޤައުމަށް އެކި ދާއިރާތަކުން ކުރިއެރުން ހޯދައިދިނުމުގައި ޤާސިމްކުރެއްވި ބައެއް ވިޔަފާރިތައް އިލްޔާސް އިބްރާހިމް ފާހަގަކުރެއްވިއެވެ.
އިލްޔާސް ވިދާޅުވީ ޤާސިމް ވިޔަފާރިކުރެއްވީ އަމިއްލަ ފައިދާއަށްވުރެ ބޮޑަށް ޤައުމަށް ކުރިއެރުން ހޯދައިދިނުމުގެ މަޤުޞަދުގައި ކަމަށެވެ. އަދި ވިޔަފާރިތަކުން ލިބުނު މަންފާ އެހެން މީހުންނަށް އެހީތެރިވުމުގައި ވަރަށް ބޮޑަށް ހޭދަކުރެއްވިކަން އިލްޔާސް ފާހަގަކުރެއްވިއެވެ.
މި ފޮތް ލިޔުއްވާފައި ވަނީ ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލެވެ. މިއީ ޖަމީލުގެ ތިންވަނަ ފޮތެވެ. އޭނާގެ އަނެއް ދެ ފޮތަކީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން އިންގިލާބުކޮށްލި ހާދިސާގެ މައްޗަށް ލިޔުއްވާފައިވާ 'އޯކިޑް' އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ބަޔޯގްރަފީ 'އިންސާފު' އެވެ.
ރަސްމިއްޔާތުގައި ޤާސިމްގެ ބަޔޮގުރަފީއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ މިފޮތް އެކުލަވާލުމަށް ވަރަށް ގިނަ އިންޓަވިއުތައް ނެގި ކަމަށެވެ.
ފޮތާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޖަމީލްވަނީ ޤާސިމްގެ ހަޔާތުގެ ކުރު ޚުލާސާއެއް ޙިއްސާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ޤާސިމްގެ ބަޔޮގުރަފީގެ އޯޑިއޯ ބުކެއްވެސް ނެރެފައިވެއެވެ. އަދި މި ފޮތުގެ އިނގިރޭސި ތަރުޖަމާ މިހާރު ލިޔަމުންއަންނަކަން ޖަމީލްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ގާސިމުގެ ހަޔާތުގެ އެކި ދުވަސްވަރުގެ ފޮޓޯތައް ހިމެނޭ މައުރަޒެއް ވެސް ވަނީ ހުޅުވައިފަ އެވެ. އެ މައުރަޒަށް މާދަމާ ހެނދުނު 9:00 އިން ރޭގަނޑު 10:30 އަށް އާއްމުންނަށް ވަދެވޭނެ އެވެ. މައުރަޒަށް ޒިޔާރަތްކުރާ މީހުންނަށް ފޮތުގެ ކޮޕީއެއް ހިލޭ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ
