ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް ހިންގަމުން އަންނަ ކުރަނގި އޮޕަރޭޝަނަށް، އޭޕްރިލް 20 ގެ ކުރިން މައުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓު ކުރާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.
އެ ވުޒާރާއިން ކުރި އިއުލާނެއްގައި ވިދާޅުވީ މާލެ ސަރައްހައްދުގައު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި ވަޒީފާއަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް މާރިޗް 01 ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް އަންގާ ކަމަށެވެ. އަދި ރިޒޯޓްތަކާއި ސަފާރީތަކާއި، ދަނޑުވެރިކަން ކުރުމަށް ޚާއްސަކޮށް ދޫކޮށްފައިވާ ރަށްރަށުގައާއި، އަދި އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އޭޕްރީލް 15 ވަނަ ދުވަހުގެ ކުރިން އެންސީއައިޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރ ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާއި އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް އަންގާ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން "ކުރަނގި" އޮޕަރޭޝަން ފެށީ މެއި، 2024 ގަ އެވެ. އެ އޮޕަރޭޝަންގެ ދަށުން 59 ރަށެއްގައި މިހާރު ވަނީ ހުރިހާ ބިދޭސީންގެ މައުލޫމާތު ނަގައި ނިންމައިފަ އެވެ.
ހޯމްލޭންޑް މިނިސްޓްރީން މިއަދު ބުނީ ބިދޭސީންގެ ފޮޓޯ އާއި ފިންގަޕްރިންޓް އަޕްޑޭޓުކުރުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހެވެ.
މި މުއްދަތުގައި މައުލޫމާތު ނުދޭ ބިދޭސީން ރާއްޖެއިން ޑީޕޯޓު ކުރެވޭނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވެ އެވެ.
