އިހުސާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލައިފި

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ, ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ މެންބަރުންގެ ވޯޓުން ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މީގެ މަހަކަށް ވުރެ ގިނަ ދުވަސް ކުރިން އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއެކު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދީ އޭނާ ގާނުނުތަކާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެއެވެ. އެގޮތުން، އެ މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް މެމްބަރުން ވެއްދި ކަމަށެވެ.

މިއަދުގެ ޖަލްސާގައި އޮތީ އެ މައްސަލަ އެޖެންޑާކޮށްފައެވެ. މިނިސްޓަރު އިހުސާން ވަނީ ޖަލްސާއަށް ވަޑައިގެން އެ މައްސަލާގައި ޖަވާބުދާރީވެވަޑައިގެންފައެވެ.

އިހުސާންގެ އިތުބާރު ނެތްތޯ ބެލުމަށް ނެގި ވޯޓުގައި އެ މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލުމަށް ޕީއެންސީގެ 64 މެންބަރުން ވަނީ ވޯޓުދެއްވައިފައެވެ. އިހުސާންގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެންބަރުންނެވެ.

އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ފާހަގަ ކޮށްލާފައިވަނީ

– ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން އިމިގްރޭޝަނުން ބޭނުންކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އެކްސްޕެޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނިކޮށް، އެ ނިޒާމް ހުއްޓުވައި، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުން. މި އެއްބަސްވުމުގެ ދަށުން އަހަރަކު 460 މިލިއަން ރުފިޔާ ދައްކަން ޖެހުން.

– ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި ސަރުކާރަށް ނިސްބަތްވާ މީހުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުމާއި ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސްއެޅުން.

– އެތައް ބައެއްގެ ޒާތީ މައުލޫމާތުތައް ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށް ނަގައި، އެ މީހުންގެ ރުހުމަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދުން.

– އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަައިވާ ސައްހަ ނޫން ފޯމުތަކުގައި ހުރި މައުލޫމާތަކީ ޑީއެންއާރު ޑޭޓާބޭސް އަށް އެކްސެސް އޮތް މީހަކަށް ނޫނީ ނުލިބޭނެ މައުލޫމާތަކަށް ވާއިރު، ޑީއެންއާރުގެ ޑޭޓާބޭސްގެ ހުރިހާ ކަމެއް ބަލަހައްޓަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާންގެ ބެއްލެވުމުގެ ދަށުންކަން.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *