ގިނަ ބައަކު ހާރުކަނީ ވަރަށް ބަރުކޮށެވެ. މާނައަކީ ވަރަށް ގިނައިން ކައެވެ. މީރުހާތަކެތި ކައްކުވައިގެން ގިނަ އަދަދަކަށް ކެއުމުން ލިބޭ އެންމެ ބޮޑު ގެއްލުމަކީ ރޭ އަޅުކަން ނުކުރެވުމެވެ.
ޢާންމު ގޮތެއްގައިވެސް ގިނައިން ކައިގެން ނިދުމަކީ ނިދިގަދަވާ ކަމެކެވެ. މީހާ ލޮޑުވެ ފަތިހު ހޭލަން އުނދަގޫވާ ކަމެކެވެ. އަނެއްކަމަކީ ފަޖުރުލުމާއި ކައިރިކޮށްފައިވެސް ގިނައިން ކެއުމުން ރޭއަޅުކަންކުރަން ކަންނެތްވެއެވެ. ރޭއަޅުކަމަށްފަހު ގިނައިން ކައިފިނަމަ ފަތިސްނަމާދުގެ ޖަމާއަތަށްދާން ބުރަހެލިވެ ކަންނެތްވެއެވެ.
މިކަންކަމުން މިއެނގެނީ ގިނައިން ހާރުކެއުމަކީ ރަމަޟާން މަހުގެ ފުރިހަމަ ޘަވާބް ލިބިގަންނަން އޮތް ހުރަހެއް ކަމެވެ. ވީމާ އަހުރެންގެ ނަޞޭޙަތަކީ ހާރުކެއުން ލުއިކުރާށެވެ. ހަށިގަނޑަށް ފައިދާކުރާނެ ތަކެތި މަދުމިންވަރަކައްކާށެވެ! އެއިރުން ހަކަތަ މަދުވެގެން އުޅޭކަށް ނުޖެހޭނެއެވެ.
ރޯދަ ވީއްލާއިރުވެސް އަދި ހާރުކާއިރުވެސް ސުންނަތުގައިވާ ގޮތަށް ޢަމަލުކުރާށެވެ! އެއީ ގޮހޮރުގެ ތިންބައިކުޅައެއްބައަށް ކެއުމެވެ. އަނެއްބައަށް ފެން (ދިޔާއެއްޗެތި) ބޯށެވެ! އަނެއްބައި ނޭވާލުމަށްޓަކައި ހުހަށްބަހައްޓާށެވެ.
އަބަދުވެސް ބުނާ ފަދައިން ރޯދައިގެ ޘަވާބު ލިބުން ވަނީ ކާތަކެތި ގިނަވެފައި މީރުވުމަކުން އަދި އަގުބޮޑުވުމަކުން ނޫނެވެ. އަޅުކަންކުރެވުނު ވަރަކުންނެވެ. ރަމަޟާން މަހުގެ ފައިދާ ލިބުން އޮތީވެސް ހަމަ މިގޮތުންނެވެ. ރޭއަޅުކަންކުރުން ގިނަކުރެވުނު ވަރަކުންނެވެ. ވީމާ ކައިބޮއި ހަދަން ޖެހޭނީ މިކަންކަމަށް ވިސްނައިގެންނެވެ.
– އިސްލާމީ ތިލަފަތުގެ ދަރުސަކުން
