ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
މި ފޯރަމްގައި "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން" މި މަޢުޟޫއަށް ތަޤުރީރު ކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. މި އިޙްޔާ ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:30 ގައެވެ.
މިއަހަރު މާލޭގައި 8 އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖައްސާފައިވަނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭގައެވެ.
އިޙްޔާ ފޯރަމްތަކުގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން، އައްޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރު، ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފު، ޑރ. މޫސާ ޢަންވަރު ޙަސަން، ޑރ. އަނާރާ ނަޢީމުގެ އިތުރުން ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާޞިމްއެވެ.
މިއަހަރުވެސް ސްކޫލް ދަރިވަރުން ހުށައަޅައިދޭ ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދަރިވަރުންގެ އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހުގެ ރޭގައެވެ.
މީގެ އިތުރުން އަތޮޅުތެރޭގެ ހަތް ރަށެއްގައި މިއަހަރު އިޙްޔާ ފޯރަމް އޮންނާނެއެވެ. އަތޮޅުތެރޭގައި އިޙްޔާ ފޯރަމް ބާއްވާނެ ރަށްތައް ކަނޑައަޅާފައިވަނީ އެކަމަށްޓަކައި ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސަލް ހުށައެޅި ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތަކަށް ބަލައިގެންނެވެ. އެގޮތުން މިއަހަރުގެ ރަމަޟާން އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީ، ހދ. ނާވައިދޫ، ނ. މަނަދޫ، ތ. ގުރައިދޫ، ހއ. ބާރަށް، ގދ. ގައްދޫގެ އިތުރުން ރ. މީދޫގައެވެ. މި ރަށްތަކުގައި އިޙްޔާ ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ހުކުރު އަދި އަންގާރަ ދުވަހުގެ ރޭތަކުގައެވެ.
މިއަހަރުވެސް އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ހާއްސަ އެކި އިނާމުތައް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
