ރޯދަވެރިޔާގެ ބޭނުންތައް ފުދުމަށް ﷲ ތަޢާލާ ދެއްވަވާ މިފުރުޞަތު ނަމަނަމަ ދޫކޮށްނުލާށެވެ!

ރޯދައަށް ހުންނަ ކޮންމެ ވަގުތަކީވެސް މުހިންމު ވަގުތެކެވެ. ދުޢާކުރަން އޮތް ވަގުތެވެ! ރޯދަވެރިޔާ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތީއެވެ. ނަމަވެސް ކޮންމެ ކަމަކަށްވެސް އެންމެ ފައިދާހުރި ވަގުތެއް އޮންނަ އުޞޫލުން ރޯދަވެރިޔާއަށްވެސް އެންމެ މުހިންމުކަންބޮޑު ވަގުތުކޮޅެއްވެއެވެ.

އެއީ ރޯދަ ވީއްލާ ވަގުތުކޮޅެވެ. އެވަގުތުކޮޅުގެ މުހިންމުކަން ބޮޑުވެގެންދަނީ މީހާ އެންމެ ބޮޑަށް ހައިހޫނުކަންމަތީގައި ހުންނަ ވަގުތުގައިވެސް ނުވަތަ ހައިހޫނުކަން އެންމެ ބޮޑުވާ ވަގުތުގައިވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން ﷲ ތަޢާލާ ލައްވަވާ ރަޙްމަތް ބޮޑުކަމުންނެވެ.

އެހެންވެ އެކަމަށް ދެއްވަވާ ނިޢްމަތަކީވެސް އިންސާނަކަށް ދެއްވަވާނެ އެންމެ ބޮޑު އެއް ރަޙްމަތެވެ. އެރަޙްމަތަކީ އެވަގުތުގައި ކުރާ ދުޢާ ޢިޖާބަނުކުރައްވަވައި ދޫކޮށްނުލެއްވެވުމެވެ. މިމަތިވެރި ނިޢްމަތް ލިބިގަތުމަށް ދެ ފުރުޞަތެއް ވެއެވެ. އެއީ ބަންގިގޮވުން ކައިރިކޮށް ދުޢާކުރުމެވެ. ދެވަނަ ފުރުޞަތަކީ ބަންގީގެ އަޑުއިވުމުން އަވަހަށް ރޯދަ ވީއްލައި ދުޢާކުރުމެވެ.

އެއިގެ މާނައަކީ ކާނެވަރަކަށް ކައި ބަނޑުފުރައިގެން ނުވަތަ ކެއުމަށް ވަގުތު ހޭދަކުރާނެ ވަރަކަށް ހޭދަކުރުމަށްފަހު ދުޢާކުރުމެއް ނޫނެވެ. އަވަސްގޮތަކުން ކުޑަމިންވަރަކުން ރޯދަވީއްލައި ހައިހޫނުކަމުގައި ހުރެ ދުޢާކުރުމެވެ.

އަހަރެމެން ކޮންމެ މީހަކީވެސް އެތައް ބައިވަރު ކަންކަމަށް ބޭނުންވެގެން އެދިއެދި ތިބި ބައެކެވެ. ވީމާ މިއަގުހުރި ފުރުޞަތު ނަގައިނުލާށެވެ! ދުޢާކޮށް ނިމިގެން ކައިބޮއި ހެދިނަމަވެސް ހަމަ ބޭނުންވަރަކަށް ކެވޭނެއެވެ! ރިޒުޤް މޭޒުމަތީގައި ހުންނާނެއެވެ!

އަހުރެންގެ ނަޞޭހަތަކީ ރޯދަ ވީއްލާ ވަގުތުގެ ބޭނުން އެންމެ ފައިދާހުރި ގޮތުގައި ހިފުމެވެ. އަދި ކައި ބަނޑުފުރުމަކީ މަޣްރިބް ނަމާދުކުރުމަށްފަހު ކުރާކަމަކަށް ހެދުމެވެ.

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *