ރަމަޟާންމަހު ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާ ގަޑިތަކުގައި ކަރަންޓު އިގްތިޞާދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި އެވެ.
ސްޓެލްކޯއިން ބުނީ ރަމަޟާން މަހުގެ ފުރަތަމަ ހަތް ދުވަހު މާލެ އާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، އެއް ޕެޓާންއަކަށް ކަރަންޓު ބޭނުން ކުރެވެމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.
އެގޮތުން ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 އާ ހަމައަށް ކަރަންޓު ބޭނުން ކުރާ މިންވަރު ދަށްވާ ކަމަށާއި، ހެނދުނު 6 އިން 9 ޖެހުމާއި ހަމައަށް އެއްހަމައެއްގައި މަތިވަމުންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެކަމަކު ހެނދުނު 9 އިން ފެށިގެން މެންދުރު 1 އާ ހަމައަށް ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ފާހަގަކުރެ އެވެ. އެވަގުތު ކަރަންޓު ބޭނުންކުރާ މިންވަރު މައްޗަށް ދަނީ އެ ގަޑިތަކަކީ ހޫނު ގަދަވަމުންދާ ގަޑިތަކަކަށްވުމުގެ އިތުރުން، އޮފީސް ގަޑިއަށްވުމުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި މެންދުރު 1 އިން ހަވީރު 5 ކާއި ދެމެދު، ހޫނުވުމުގެ އިތުރުން، ރަމަޟާން މަސް ކަމުން މި ވަގުތަކީ ބަދިގޭގެ އެޕްލަޔަންސްތައް ގިނައިން ބޭނުންކުރާ ވަގުތަކަށް ވާތީ، ކަރަންޓު ބޭނުންކުރާ މިންވަރު މި ގަޑިތަކުގައި އިތުރުވާ ކަމަށެވެ. އޭގެއިތުރުން ހަވީރު 5 އިން ފެށިގެން ރޭގަނޑު 7 ޖެހުމާ ހަމައަށް ކަރަންޓު ބޭނުން ކުރާ މިންވަރު ދަށް ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތުދެ އެވެ
ނަމަވެސް އޭގެފަހުން ދަންވަރު 12 ޖެހުމާއި ހަމައަށް މެންދުރުގެ ލޯޑާއި އެއްވަރެއްގައި ކަރަންޓު ބޭނުން ކުރަމުންދާކަމަށް ސްޓެލްކޯއިން ބުނެ އެވެ.
އެހެންކަމުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުކަމަށް ފާހަގަ ކުރެވިފައިވާ ގަޑިތަކުގައި ކަރަންޓު އިގްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
