ރަމަޟާންމަހަކީ ލޮލުގެފެނުން މަރާމާތުކޮށްލާ މައްސަރުކަމަށް ހަދަމާހެއްޔެވެ؟

އިންސާނުންނަށް ލޮލުގެ ފެނުމާއި އެހެންވެސް ނިޢްމަތްތައް ދެއްވަވަނީ ﷲ ތައާލާއެވެ. ގިނަ ނިޢްމަތްތައް ދެއްވަވާފައިވަނީ ޢުމުރުން ދުވަސްވީވަރަކަށް އެ ނިޢްމަތް އުނިވާ ގޮތަށެވެ. އެގޮތުން އުމުރުން ދުވަސްވީވަރަކަށް ލޮލުގެ ފެނުންވެސް އުނިވެއެވެ. ލޯބޯ ކޮށިވެއެވެ.

އައިނު އެޅުން، ލެންސް ލެއްވުން ފަދަ ކަންކަން ކޮށްގެން ލޮލުގެ ފެނުން ދަމަހައްޓަން މަސައްކަތްކުރެވިދާނެއެވެ. ނަމަވެސް ލިބޭ އުނިކަން ނުލިބޭނެ ގޮތެއް ނުހެދޭނެއެވެ.

ލޮލަށް ފެނުން ދެއްވެވީ ހަމައެކަނި އެމީހާގެ ހިތް އުފާވާ ތަންތަން ބެލުމަކަށް ނޫނެވެ. ލޮލަށް ފެނުން ދެއްވެވި އެންމެ ބޮޑު އެއް ބޭނުމަކީ ކީރިތި ޤުރްއާން ކިޔެވުމެވެ. ނަމަވެސް އެކަން ހަނދާން ހުންނަނީ ހާދަ މަދުބައެކެވެ. ކީރިތި ޤުރްއާން ކިޔެވުންވެސް ހަދާފައި މިވަނީ އުމުރުން ދުވަސްވެ ކުރެވޭނެ އިތުރު ކަމެއް ނެތުމުން ކުރާ ކަމަކަށެވެ. ވީއިރު އެ ނިޢްމަތް ދެއްވެވި އެންމެ ބޮޑު ބޭނުން ކޮބައިހެއްޔެވެ؟

މި ބުނީ އާދައިގެ ވާހަކައެއް ކަމަށް ހީނުކުރާށެވެ! އެހެނީ ތިމާއަށް ﷲ ތަޢާލާ ދެއްވެވި ކޮންމެ ނިޢުމަތެއްގެ ބޭނުން ހިފި ގޮތާއިމެދު ޤިޔާމަތް ދުވަހު ސުވާލުކުރައްވަވާނެތެވެ! ޖަވާބު ނުދީ ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ.

ލޮލަށް ފެނުން ދެއްވެވި ފަރާތުން އެ ނިޢްމަތް އަނބުރައި ގެންދަވައިފާނެކަމަށް ބިރުވަތިވަނީ ކިހައި ވަރަކަށް ހެއްޔެވެ؟ އެއްވެސް ވަރަކަށް ބިރުގަނޭ ހެއްޔެވެ؟

"ޓީވީ އާއި ފޯނުން އެމީހަކު ބަލާހިތްވާ ކަންކަން ބެލުމަށް ދުވާލަކު އެތައް ގަޑިއިރެއް އެބަ ހޭދަކުރަމުއެވެ. ނިކަން ބުނެބަލާށެވެ! ކީރިތި ޤުރްއާން ކިޔަވަން މުޞްހަފަށް ބަލަން ދުވާލަކު ހޭދަކުރަނީ ކިހައި އިރެއް ނުވަތަ ވަގުތެއް ހެއްޔެވެ؟ އެންމެ ބައިގަޑިއެއްހައި އިރު ހޭދަކުރަމު ހެއްޔެވެ؟ ދުވާލަކު 30 މިނިޓް އެކަމަށް ހޭދަކުރާ މީހާއަށް ކޮންމެ 60 ދުވަހަކުން ޚަޠިމެއް ކުރެވޭނެއެވެ. ވީއިރު ތިބާއަށް ދެލޯ ދެއްވަވައި ފެނުމުގެ ނިޢްމަތް ދެއްވެވުމުން އެބަ ޝުކުރުވެރިވެވޭ ހެއްޔެވެ؟"

މިވާހަކަތައް އަބަދުހެން އެބަ ދައްކަމެވެ. ރަމަޟާން މަސް އައުމުންވެސް މިކަންކަން ހަނދާންކޮށްމިދިނީ ރަމަޟަމާން މަހަކީ ލޮލުގެ ފެނުން މަރާމާތުކޮށްލަންވެސް ލިބޭ ފުރުޞަތަކަށްވާތީއެވެ. އެފުރުޞަތު ބޭނުންނަމަ ވީހައި ގިނައިން ކީރިތި ޤުރްއާން ކިޔަވާށެވެ! އަދި ލޮލުގެ ފެނުން ފުރިހަމަކުރައްވަވައި ދެއްވެވުން އެދި ދުޢާވެސް ކުރާށެވެ! އިން ޝާ ﷲ ތިބާއަށް ހިންމަވައި ދެއްވަވާނެތެވެ!

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *