އެމީހުންނަށް ލައިލަތުލްޤަދްރި ވިލޭރޭ ނުލިބުން ގާތް ބައަކުވެއެވެ!

އެބައަކަށް ފަހު ދިހަވެސް ލައިލަތުލްޤަދަރިވިލޭރޭ ވެސް ނުލިބުން ގާތް ބައަކުވެއެވެ.

އެއީ ފަހު ދިހަ އައިސް ބައްދަލުކުރުމުންވެސް ހިރި، އޮނަހިރިއަށް ބަލަންތިބޭ މީހުންނެވެ. މިފަދަ މީހުންނަކީ ރަމަޟާން މަސް ބައްދަލުކުރުމުން ފަހުދިހައަށް ބަލަހައްޓައިގެން ތިބި މީހުންނެވެ. ފަހު ދިހަ އައުމުން އެބަލަނީ ހިރި އޮނަހިރިއަށެވެ.

ޙަދީޘްފުޅުގައި އޮތީ ލައިލަތުލްޤަދްރިވިލޭރޭ ޙާޞިލުކުރަން އެދޭމީހާ އޮނަހިރި ރޭތަކުގައި ގަދައަޅައި މަސައްކަތްކުރުމަށެވެ. އެއިގެ މާނައަކީ އޮނަހިރިރޭތައް ކަމުގައި ހިމެނޭ ރޭތަކުގައި އިތުރަށް މަސައްކަތްކުރުމެވެ. އެނޫން ރޭތަކުގައި ކަންނެތްވެ ނިދަން އޮތުމެއް ނޫނެވެ.

ބަލަންވީ ރަސޫލް ﷺ ގެ ސުންނަތަށެވެ. ފަހު ދިހަ ބައްދަލުކުރުމުން ހުރިހާ ރޭތަކެއްގައިވެސް ހިތްވަރުފުޅު ކުރެއްވެވިކަމެވެ. ކަމަރުފުޅު ބާރުކުރެއްވެވިކަމެވެ.

އަހަރެމެން ކުރަން އޮތް ކަމަކީ ހިރި އޮނަހިރިއަށް ބެލުމެއް ނެތި ކުރާ އަޅުކަން އެއްރެއަށްވުރެ އަނެއް ރޭ އިތުރުކުރަން މަސައްކަތްކުރުމެވެ. ސަޖިދަކުރުން ގިނަކުރުމެވެ. ޤުރްއާން ކިޔެވުން ގިނަކުރުމެވެ. ޛިކުރުކުރުން ގިނަކުރުމެވެ.

މިސާލަކަށް ރޭ ކިޔެވިފައިވަނީ 500 އާޔަތްނަމަ އެއަދަދަށް ކޮންމެވެސް މިންވަރެއް އިތުރުކުރާށެވެ! ކުރީރޭ 50 ޑޮލަރު ޞަދަޤާތް ކުރިނަމަ މިރޭ ޢަދަދު ތަންކޮޅެއް ގިނަކޮށްލާށެވެ! ޛިކުރުކުރުމާއި ދުޢާކުރުންވެސް ކުރީރެއަށްވުރެ ގިނަ ކުރަންވާނެއެވެ! ލައިލަތުލްޤަދްރިވިލޭރޭ ލިބުން އެދި ގަދައަޅައި މަސައްކަތްކުރިކަމަށްވާނީ އެއިރުންނެވެ. ކާމިޔާބީ އަކީ އެކަމަށް އެދި މަސައްކަތްކުރާ އަޅުންގެ ޙައްޤެކެވެ. މި ރަމަޟާން މަހު ފާފަ ފުއްސަވައި ޢަފޫކުރައްވަވާ އަޅުންގެތެރޭގައި އަޅަމެން އެންމެން ލައްވަވާނދޭވެ! އާމީން. އިން ޝާ ﷲ

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *