ލައިލަތުލްޤަދްރިވިލޭރޭ ޖިބްރީލްގެފާނު ތިބާއަށް ސަލާމް ވިދާޅުވާނެ މީހަކަށްވާށެވެ!

ލައިލަތުލްޤަދްރިވިލޭރޭ ބިމަށް ފައިބާ ވަޑައިގަންނަވާނެ މަލާއިކަތުންގެ ޢަދަދު އެނގޭހެއްޔެވެ؟ ބިމާއި އުޑާއި ދެމެދު ފުރިގެންދާނެއެވެ. ބިމުގައި ހުރި ވެއްޔަށްވުރެ ގިނައެވެ. އުޑުގައިހުރި ތަރިތަކަށްވުރެ ގިނައެވެ.

އެމަލާއިކަތުން ލައިލަތުލްވިލޭރޭ އިޙްޔާކުރަން ތިބޭ މީހުންނަށް ޒިޔާރަތްކުރައްވަވައި ސަލާމް ވިދާޅުވާނެތެވެ. އެރެއަކީ ވަޙީގެ މަލާއިކަތާ ޖިބްރީލްގެފާނުވެސް ބިމަށް ފައިބައިވަޑައިގެން މީސްތަކުންނަށް ސަލާމް ވިދާޅުވާނެރެއެވެ. ތިބާއަކީ ޖިބްރީލްގެފާނު ސަލާމް ވިދާޅުވާނެ މީހަކު ކަމުގައި ވެވިއްޖެނަމަ ހުރި އުފާވެރިކަމާއި ތިބާގެ ގެއަކީ ޖިބްރީލްގެފާނު ޒިޔާރަތްކުރައްވަވާނެ ގެއެއް ކަމުގައިވެއްޖެނަމަ ހުރި އުފާވެރިކަމުގެ ބޮޑުކަމާއެވެ.

މީސްތަކުންނޭވެ! މިމަތިވެރި ނިޢުމަތް ލިބިގަނެވޭނީ ތިބާއަކީ ލައިލަތުލްޤަދްރިވިލޭރޭ އަޅުކަންކުރާ މީހަކު ކަމުގައިވެވިގެންނެވެ. ކީރިތި ޤުރްއާން ކިޔަވަން ވަގުތު ހޭދަކުރާ މީހަކު ކަމުގައިވެވިގެންނެވެ. ޛިކުރުކުރާ މީހަކުކަމުގައިވެވިގެންނެވެ. ތިބާގެ ގޭގައި މިކަންކަން ކުރެވިގެންނެވެ.

ތިބާގެ ގެއަކީ ލައިލަތުލްޤަދްރިވިލޭރޭ ފައިބައިވަޑައިގަންނަވާ ގެއަކަށް ހެދުމަށް ޢަމަލުކުރެވިދާނެ ގޮތެއް ބުނެފާނަމެވެ. އެއީ ގޭގެ އަހުލުވެރިން ޑިޔުޓީ ބަހައިގެން ނަމަވެސް މުޅި ރޭ ގޭގައި އަޅުކަންކުރުމެވެ. ޚާއްޞަކޮށް ނަމާދުކޮށް ޤުރްއާން ކިޔެވުމެވެ. ފަތިސް ވަންދެން އެގޮތުގައި ދެމިތިބުމެވެ.

ގޭގައި ޓީވީން ނަމަވެސް ނުވަތަ އެހެން ގޮތަކުން ނަމަވެސް ދީނީ ޕްރޮގްރާމެއް ނޫނީ ނުބަލާށެވެ! އަހުރެންގެ ވިސްނުމުގައި ލައިލަތުލްޤަދްރިވިލޭރޭ ލިބިގަތުމަށް އެދޭނަމަ އޮތީ ޓީވީ ބެލުމެއް ނޫނެވެ. އަޅުކަންކުރުމެވެ.

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *