ރައީސް އެއާޕޯޓުގެ މަސައްކަތް ބައްލަވައިލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަށް ޒިޔާރަތް ކުރައްވައި، ޓަރމިނަލު ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ޓަރމިނަލްގެ މަސައްކަތް ކުރާ ސައުދީ ބިންލާދިން ގްރޫޕުގެ އިސްވެރިން ވަނީ، އައު ޓަރމިނަލުގައި ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޤާއިމުކުރާ އެކިއެކި ގިމަތަތަކާއި އެތަނުގެ ވަޞީލަތްތަކާއި ޚިދުމަތްތަކާބެހޭ އިތުރު މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައެވެ. މި ޓަރމިނަލަކީ އަހަރަކު ހަތް މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޑިޒައިން ކުރެވިފައިވާ ޓަރމިނަލެކެވެ.

އެއާޕޯޓުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރި މަސައްކަތެކެވެ.

ބިން ލާދިން ގްރޫޕާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ.

މި މަޝްރޫއަކީ ރައީސް ޑރ، މުހައްމަދު މުއިއްޒު ވެސް އެންމެ އިސްކަމެއްދެއްވާ އެއް މަޝްރޫއެވެ. އެގޮތުން ޔޫއޭއީ ސަރުކާރު މެދުވެރިކޮށް މި ފަހުން ރައީސް ވަނީ އެ މަޝްރޫއަށް 1.2 ބިލިއަން ރުފިޔާ ހޯއްދަވާފައެވެ.

ރައީސް ވިދާޅުވީ މަސައްކަތް ކުރައްވަނީ މި އަހަރުގެ ޓޫރިޒަމް ސީޒަން ފެށެންވާއިރަށް އެ މަޝްރޫއު އެއްކޮށް ނިންމައިލާ، ޓާމިނަލް އޮޕަރޭޝަނަށް ގެނައުމަށް ކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *