ވާހަކަ: ޝުޢައިބު (2 ވަނަބައި)

(13 މާރޗް 2025 ގެ ނޫހާއި ގުޅޭ)

ޝުޢައިބުގެ މަސައްކަތުގެ ކަންކަމާއި ދިރިއުޅުމުގެ ކަންކަން މިގޮތުގައި ކުރިޔަށް ގެންދަމުންދިޔައެވެ. އެއްދުވަހަކު އޭނާ ބަލިމީހަކަށް ފަރުވާ ކުރުމުގައި އަވަދިނެތި އުޅުނެވެ. އަދި ކައިރީ އަވައްޓެރިޔަކު ގެއަށް އައިސް ޝުޢައިބު އާއި ބައްދަލުކޮށް ކަމަކަށް އެދެންޖެހޭ ކަމުގައި ބުންޏެވެ. އަވައްޓެރިޔާ މިގޮތަށް ބުނުމުން އެއީ އަނެއްކާ ކޮންކަހަލަ ކަމެއްތޯ ސުވާލުކުރިއެވެ.

" ޝުޢައިބު، ވަރަށް ދުރު ހިސާބަކުން މިޝަހަރަށް ވަރަށް ހާލުދެރަ ބަލި މީހަކު އައިސް އަހަރެންގެ ގޭގައި އެބަހުރި. އަދި އޭނާއަކީ ބަލީގެ ބާވަތުން އެތައް ފަރުވާއެއް ކޮށް، ނަމަވެސް ފަރުވާ ރަނގަޅު ނުވެ، އެތައް ބޭސްވެރިޔަކު އުންމީދު ކަނޑާލައިފަވާ މީހެއް. އަހަރެންނާއި އޭނާ އެވާހަކަ ދެއްކުމުން އަހަރެން ކަލޭގެ ވާހަކަ އޭނާގާތުގައި ބުނިން. އަދި އޭނާ ޝުޢައިބު ގެ ގާތުން އެބައްޔަށް ފަރުވާއެއް ލިބޭނޭ ގޮތެއް ހަދައިދިނުމަށް އަހަރެންގެ ގާތުގައި ވަނީ އެދިފަ. "

އަވައްޓެރިޔާގެ މީހާގެ ވާހަކަތައް ކަނުލާ އަހާ ނިންމުމަށްފަހު ޝުޢައިބު އޭނާގެ ގާތުގައި ބުންޏެވެ.

" އެތައް ބޭސްވެރިޔަކު އުންމީދު ކަނޑާލައިފައިވާ ބަލިމީހަކަށް އަހަރެންނަށް ވަކި ކޮށްދެވޭނީ ކޮން ފަރުވާއެއް. ބައްޔަކާއިމެދު ބޭސްވެރިޔަކު އުންމީދު ކަނޑާލާނީ އިތުރަށް އެކަމުން އެއްވެސް އަލިމަގެއް ނުފެނުނީމަ. ވީމާ އަހަރެންނަށްވެސް ތިޔަކަމުގައި މަސައްކަތް ކޮށްލަދެވިދާނެ. ނަމަވެސް ކާމިޔާބު ވާނޭ ނޫނީ ނުވާނޭ ބުނަން އެނގޭނީ އެކަމާއި އުޅެލެވުނީމަ. އެކަމަކު ބުނަންތަ؟ އެތަކެއް ބޭސްވެރިންނެއް އުންމީދު ކަނޑާލައިފައިވާ އެތަކެއް ބަލިމީހުނެއް ވަނީ ﷲ ގެ ތަނަވަސް ރަހުމަތުން އެކީ ބަލިން ފަސޭހަވެސް ވެފައި. ވީމާ ފަހު ނޭވާއާއި ޖެހެންދެންވެސް ﷲ ގެ ރަހުމަތުން އުންމީދު ކަނޑާލައިގެން ނުވާނެ. މާދަމާ އޭނާ މިގެޔަށް ގެނޭ! އަދި އޭނާގެ ހުރިހާކަމަކާ އަހަރެން ހަވާލުވާނަން. "

ޝުޢައިބު މިހެން ބުނުމުން އަވައްޓެރިޔާ ވަރަށް ހިތްހަމަ ޖެހުމާއިއެކު ހިނގައްޖެއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު އަވައްޓެރިޔާ ބަލިމީހާ ގޮވައިގެން ޝުޢައިބުގެ ގެޔަށް އަތުވެއްޖެއެވެ. އަދި އޭނާގެ އަސްލު ބައްޔަކީ ކޮބައިތޯއާއި އަދި ބަލީގައި ހޭދަވީ ކިހާ މުއްދަތެއްތޯ ބަލިމީހާއާއި ސުވާލުކުރިއެވެ. ޝުޢައިބުގެ މިސުވާލުތަކަށް ޖަވާބުދެމުން ބަލިމީހާ ބުންޏެވެ.

" އަޅުގަނޑު މިބަލީގައި އަދި މިވޭނުގައި އުޅެމުން ގެންދާތާ ބަރާބަރު ފަސް އަހަރު މިހާރު ވެގެން ހިނގައްޖެ. މުޅި މި ކަރައިގެ އެތަކެއް ބޭސްވެރިން ގާތަށް ދުރު ދަތުރުތައް ކޮށް އެތައް ފަރުވާއެއްވެސް ވަނީ ކުރެވިފަ. ނަމަވެސް އެންމެންވެސް ބުނެފައި ވަނީ މީކީ ފަސޭހަވާނޭ ބައްޔެއްނޫން ކަމުގައި. އެކަމަކު އަޅުގަނޑުގެ މިބައްޔަށް ޝިފާ ދެއްވާނޭ ކަމުގެ ޔަޤީންކަން އަބަދުވެސް ހިތުގައި އޮވޭ. ވީމާ ޝުޢައިބު ވެސް އަޅުގަނޑަށް މިކަމުގައި މަސައްކަތް ކޮށް ދެއްވާ. ފަރުވާގެ އެއްވެސް ކަމަކަށް ހިނގާނޭ ޚަރަދަކާއި ދޭތެރޭ ކުޑަކޮށްވެސް ވިސްނާނެ ކަމެއްނެތް. ކިތަންމެ ގިނަ ފައިސާއެއް ޚަރަދު ކުރަން ޖެހުނު ކަމުގައި ވިޔަސް އެކަމަށް ހޭދަކުރާނޭ ފައިސާ އަޅުގަނޑުގެ އަތުގައި އެބަހުރި."

ބަލިމީހާގެ މިވާހަކަ އަޑުއެހުމަށްފަހު ސީދާ ބައްޔަކީ ކޮބައިކަން އޭނާއަށް ބުނެދޭން ނޭނގުމުން ޝުޢައިބު އޭނާގެ ގާތުގައި ބުންޏެވެ.

" ކަލޭ ކިތަންމެ ބޮޑަށް ބަލިވެ ބޭސްވެރިން އުންމީދު ކަނޑާލައިފާ ވީނަމަވެސް ކަލޭގެ ހިތުގެ އީމާންތެރިކަންހުރީ ވަރަށް ފުރިހަމަޔަށްކަން ތިވާހަކަތަކުން އެބައެނގޭ. ފަރުވާއަށް ހިނގާނޭ ޚަރަދުގެ ވާހަކައަކީ އަދި ފަހުގެ ކަމެއް. ތިޔަ ހިތްވަރާއި އުންމީދާއި މެދު އަޅުގަނޑު ވަރަށް ބޮޑަށް ކަލެޔާއިމެދު ޝައުގުވެރި ވެވިއްޖެ. ވީމާ ލަސްނުކޮށް ފަރުވާގެ ކަންކަން ކުރިޔަށް ގެންދަމާ ހިނގާ."

ބަލިމީހާގެ މިވާހަކަތައް އަޑުއެހުމަށް ފަހު އޭނާގެ ހަށިގަނޑުގައި ހުރި އެކި އަލާމާތްތައް ދެނެގަތެވެ. ފެނުނު އަލާމާތް ތަކަށް ބެލުމަށްފަހު އެކަމާއިގުޅޭ އެކި ބޭސް ހޯދާ ދެދުވަސްފަހުން ފަރުވާގެ ކަންކަން ކުރިޔަށް ގެންދަން ފަށައިފިއެވެ. އަދި ބަލިމީހާއަށް އަންނަމުން ދާ ބަދަލުތައް ޝުޢައިބު ދިޔައީ ވަރަށް ގާތުން ފާހަގަ ކުރަމުންނެވެ. މިގޮތުގައި ދުވަސްތައް ހިނގަމުން ދަނިކޮށް އެއްދުވަހެއްގައި ޝުޢައިބު އޭނާއާއި ސުވާލު ކުރިއެވެ.

" މިހާރު ކަލެޔަށް އެއްވެސް ބަދަލެއް އަންނަކަން ފާހަގަ ކުރެވޭތަ؟ "

ޖަވާބުގައި އޭނާ ބުންޏެވެ.

"ފަރުވާ ކުރަން ފެށި ފަހުން އަދި މިވީ އެންމެ ހަފުތާއެއް. އެކަމަކު ވޭތުވެދިޔަ ފަސް އަހަރު ތެރޭ ހަށިގަނޑަށް ދުވަހަކު ނުވާހާ ފަސޭހަ މިހާރުވެސް ވެއްޖެ ކަމުގެ އިހުސާސް ކުރުވައިފި."

އޭނާގެ ދުލުން މިވާހަކަ މިގޮތަށް އިވުމުން ޝުޢައިބުގެ މިކާމިޔާބީއާއިމެދު ވަރަށް ހިތްހަމަ ޖެހުނެވެ. އަދި އޭނާ ބަލިން ފަސޭހަ ކުރެވިދާނޭކަމުގެ ޔަގީންކަން ކުރިޔަށްވުރެވެސް ބޮޑަށް ހިތުތެރޭގައި އުފެދި ހިތުގެ އަޑީން ﷲ އަށް ޝުކުރު ކުރިއެވެ. އަދި ހިތާއިހިތާ ކިޔާ ލެވުނެވެ. "އިޚުލާސްތެރި ހެޔޮ ނިޔަތަކާއި އެކު ކުރާކޮންމެ ކަމެއްގައި ﷲ ސުބުހާނަހޫ ވަތަޢާލާ ބަރަކާތް ލައްވާނެ."

ދުވަސްތައް މިގޮތުގައި ފާއިތުވަމުން ދިޔައެވެ. ބަލިމީހާގެ ފަރުވާގެ ކަންކަމަށް ވަރަށް ޚާއްސަ އިސްކަމެއް ދީގެން އޭނާ ބަލިން ފަސޭހަ ކުރުމަށްޓަކައި ޝުޢައިބު ދިޔައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އަދި މިމަސައްކަތުގެ އިތުރުން ޝުޢައިބުގެ ދަރިފުޅު ސާރާގެ ކަންކަމަށް ވަގުތު ހުސްކޮށްގެން އެނގިފައިވާ މިންވަރަކަށް ދީނީ ޢިލްމުވެސް ދިޔައީ އުނގަންނައި ދެމުންނެވެ. މިގޮތަށް ދިޔަ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ނަމާދު ކޮށްލައިގެން ދަރިފުޅުގެ ގާތުގައި އިން ވަގުތެއްގައި، ޝުޢައިބު ފަރުވާ ކުރަމުން ގެންދިޔަ މީހާ ޝުޢައިބުގެ ގާތަށް އައިސް ވަރަށް ފަރުވާތެރި ކަމާއިއެކު ޝުޢައިބު އާއި ސާރާގެ މޫނަށް ވަރަށް ފުން ނަޒަރަކުން ބަލާލުމަށްފަހު ސުވާލު ކުރިއެވެ.

" އަޅުގަނޑު މިހާރު މިގޭގައި މިބައްޔަށް ފަރުވާ ހޯދަމުން ގެންތާ ހަތަރު މަސްވަނީ. އެކަމަކު ޝުޢައިބު އާއި މި ކުޑަ ދަރިފުޅުގެ އިތުރުން އިތުރު އެއްވެސް މީހަކު މިގެޔަކުން ނުދެކެން. އަޅުގަނޑު މިސުވާލު ކޮށްލަން ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއްވެސް ވެއްޖެ. ބުނެ ދީފާނަންތަ. ކަލޭގެ އަނބި މީހާ ކޮބާ؟ "

އޭނާގެ އެސުވާލަށް ވަރަށް އާދައިގެ ގޮތަކަށް ޖަވާބު ދެމުން ޝުޢައިބު ބުންޏެވެ.

" އަޅުގަނޑާއި އަނބިމީހާއާއި ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން އޭނާ އަޅުގަނޑުގެ ގާތުން ވަރިވެގެން މިގެއިން ހިނގައްޖެ. އަދި މިވަގުތު އިތުރަށް މިކަމާއި ބެހޭގޮތުން ވާހަކަ ނުދެއްކިއްޔާ ވަރަށް ރަނގަޅު. "

މިހެން ބުނެ ކުރު ޖަވާބެއްދިނުމަށްފަހު ސާރާ ގޮވައިގެން ހިނގައްޖެއެވެ.

ޝުޢައިބު އަވަދި ނެތި ބަލިމީހާއަށް ފަރުވާ ކުރުމުގައި އެއްވެސް ފޫހި ކަމެއްނެތި އެކި ބާވަތްތަކުގެ ބޭސް ބޭނުން ކޮށްގެން އެކި ފަރުވާ ކުރަމުން ގެންދެއެވެ. ނަތީޖާއެއްގެ ގޮތުން ހީވެސް ނުކުރާހާ އަވަސް މިނެއްގައި އޭނާ ދިޔައީ ބަލިން ފަސޭހަ ވަމުންނެވެ. އެކަމާއި އޭނާގެ އިތުރުން ޝުޢައިބު ވެސް ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައެވެ. އެބަލި މީހާގެ އިތުރުން އާދައިގެ އެކި ބަލިތަކުގައި އަންނަ މީހުންނަށް ފަރުވާކުރަމުގައި ޝުޢައިބުގެ މަސައްކަތްތައް ކުރިޔަށް ގެންދަމުން ދިޔައެވެ. އަދި މިކަމުން އޭނާއާއި ދަރިފުޅުގެ ދިރިއުޅުމުގެ ކަންކަން ހަމަ ޖެއްސޭނޭ ވަރުގެ ރަނގަޅު އާމްދަނީއެއް ލިބި އަތްމަތި ތިޔާގިވަމުން ދިޔައެވެ.

ހުކުރު ދުވަހެއްގެ ހުކުރު ވަގުތު ކަރިވެފައި ހުރި ވަގުތެވެ. ޝުޢައިބު ހުކުރަށް ދިއުމަށް ތައްޔާރުވަމުން ދަނިކޮށް ގޭގެ ދޮރުގައި މީހަކު ޓަކި ދިނެވެ. އޭނާގެ ހިތަށް އެރިއެވެ. "މިވަގުތު ދޮރުގައި ޓަކި ޖަހަނީ ކާކުބާވައެވެ. " ޝުޢައިބު ދޮރުހުޅުވާ ބޭރު ބަލާލި ވަގުތު ކުރިމަތީގައި އިސްދަށަށް ޖަހައިގެން ސުރައްޔާ ހުއްޓެވެ. އަދި ސުރައްޔާ ފެނުމުން އޭނާއާއި ސުވާލު ކުރިއެވެ.

"ކަމަކުތަ."

ސުރައްޔާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމުން ގޭތެރެއަށް ވަނުމަށް ބުންޏެވެ. ގޭތެރެއަށް ވަނުމުން ވީ ކިހިނެއްތޯ ސުރައްޔާ އާއި ސުވާލު ކުރިއެވެ. އޭނާ ކުށްވެރިއެއް ފަދައިން އިސްދަށަށް ޖަހައިގެން ހުރެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

" ޝުޢައިބު، އަހަރެންނަށް މަޢާފް ކުރޭ. އަހަރެންނަކީ ވަރަށްބޮޑު ކުށްވެރިއެއް. ޝުޢައިބު ބޭނުންވާ ކަމުގައި ވާނަމަ އަހަރެން މިހުރީ އަލުން ކައިވެނި ކުރަން ތައްޔާރަށް. އެކަމަކު ބުނަން. އަހަރެން މީހަކާއި އެކު ހިންގި ފާހިޝް އަމަލެއްގެ ސަބަބުން އަހަރެން މިއަދު މިއިނީ ނަހަލާލަށް ބަލިވެ. އެކަމަކު މިކަން އަދި ކަލޭ ފިޔަވާ އިތުރު އެއްވެސް މީހަކަށް ނޭނގޭނެ. މިއަދު އަހަރެން މިކަމުން ސަލާމަތް ކޮށްދެވޭނެ ހަމައެކަނި މީހަކަށްހުރި މީހަކީތީ. ކަލެޔަކީ ބޭސްވެރިއެއް. ވީމާ އަހަރެންގެ ބަނޑުގައި މިވާ ދަރިފުޅު ވައްޓާލަ ދީފާނަންތަ. ބަދަލުގައި އަހަރެން ކަލެޔާ އިނދެގެން މުޅި އުމުރު އެކީ އުޅެފާނަން. އަހަރެން ރަށުތެރޭގައި ބޭޒާރުވެ ފަލީހަތް ވާކަށް ބޭނުމެއް ނޫން. އަހަރެން މިކަމުން ސަލާމަތްކޮށްދީ! ބަދަލުގައި މުޅިއުމުރުގަ ޝުޢައިބުގެ އަޅެއްގެ ގޮތުގައިވެސް އުޅެފާނަން. "

އެވަގުތު ޝުޢައިބު ގާތަށް އިންތިހާ ރުޅި އައިސް އޭނާގެ ވާހަކަ ހުއްޓުވަމުން ބުންޏެވެ.

" ކަލޭ ތީ ހާދަ ގޮތެއްނެތް ވިޔާނުދާ ގޮތްކުޑަ އަންހެނެކޭ ދޯ؟ އަހަރެންނާއި ކައިވެނި ކޮށްގެން ހުރެ ކަލޭ އަހަރެންނަށް ނުޖައްސަނީ ކޮން ހާލެއް. މުޅިން ދައްކަމުން ގެންދިޔައީ އަހަރެންގެ ނުފޯރާ ކަމާއި ކަލޭ ހިތް ފުރޭނޭހާ ވަރަށް މުދަލާ ފައިސާ ނުލިބުނީމާ އަހަރެން ގެ ފެންވަރު ދަށްކަމުގެ ވާހަކަ. ނުވިތާކަށް އަހަރެންގެ ދަރިފުޅަށް ކަލޭ ބަލިވެ އިނުމުން ކަލޭގެ ތި ލޫޅާފަތި ހަށިގަނޑު ހަޑިވެދާނެތީ އެދަރިފުޅު ބޭނުން ނުވެގެން އެކަމާއި ވެސް ނުރުހި އަހަރެންނާއި ދިމާއަށް ހިތު ހުރި އެއްޗެއް ގޮވީ. އޭރުވެސް ކަލެޔާ ދިމާއަށް ބުރަ ބަހެއްވެސް ނުބުނީ ކަލޭ ދެކެ މި ހިތުގައި ސާފު ތެދުވެރި ލޯތްބެއް އޮތުމުން. އަދި ކެތް ކޮށްގެން ހުރީ ކަލެޔަށް ވިސްނިދާނޭ ކަމަށް ބަލައިގެން. އެކަމަކު ކަލޭ އެކި ގޮތްގޮތަށް ގެންދިޔައީ އަހަރެން ނިކަމެތި ކުރުމަށް މަސައްކަތް ކުރަމުން. އެންމެ ފަހުން އަހަރެންނާއި އިނދެގެން ހުރެ އެކިއެކި ހިލޭ ފިރިހެނުންނާއިއެކު ފާޙިޝް އަމަލުތައް ކުރުމުގަ ރެޔާއި ދުވާލު ހޭދަކުރަމުން ގެންދިޔައީ. ﷲ ޙަރާމް ކުރެއްވި އެތައް ފާޙިޝް ޢަމަލެއް ކޮށްފައި، ނަހަލާލަށް ބަލިވެ އިނީމަ އަނެއްކާ ތިޔަ ދިމާކުރީ ކުށެއް ނެތް މަޢުސޫމު ފުރާނައެއް ދުއްވާލާ އެފާފަވެސް ކުރުމަށް. އަދި ކަލޭ ތިޔަ ކުރި މުޑުދާރު އަމަލުން ސަލާމަތްވުމަށް އަހަރެންގެ އެހީ ހޯދާ އަހަރެން ވެސް އެފާފައިގަ ޝާމިލު ކުރުމަށް. ދުނިޔޭގެ ލޯތަކަށް ކަލޭ ތިކަން ސިއްރު ކުރި ކަމުގައި ވިޔަސް ކަލޭ ހެއްދެވިފަރާތަށް ތިކަން ސިއްރު ކުރެވިދާނެތަ؟ ނޫނީ ރަށުތެރޭގައި ބޭޒާރުވެ ފަލީހަތް ވުމުން ސަލާމަތް ވެވުނަސް އެދުވަހު ކަލޭ ކުރި ފާފައިން ކަލޭ ފަލީހަތް ވާނެކަން ކުޑަކޮށްވެސް ހަމަ ހަނދާނެއް ނުވަނީތަ ސުރައްޔާ؟ ހަނދާން ނައްތާލާ! ކަލޭގެ ހިތުގައި ﷲ ސުބުހާނަހޫ ވަތަޢާލާ އާއި ދޭތެރޭ އެއްވެސް ބިރުވެރި ކަމެއް އަދި ހިތުގައި އެއްވެސް އީމާންތެރި ކަމެއް ނެތްކަމުގައި ވިޔަސް އަހަރެން ﷲ ގެ އަޒާބަށް ބިރުވެތިވަން. އަދި ކުށެއް ނެތް ފުރާނައެއް އަހަރެންގެ މި ދެއަތަކުން ނުމަރާނަން. އަދި ތިޔަކަމުގަ ކަލެޔަށް ކުޑަނަމަވެސް އެހީއެއް އަހަރެން ނުވާނަން. އެއްވެސް އިންސާނަކަށް ކުށެއް ނެތް އިންސާނަކު މެރުމުގެ އެއްވެސް ހައްގެއް ނޯންނާނެ. ބަނޑުގައި ތިޔަވާ ދަރިފުޅުގެ ކުށަކީ ކޮބާ؟ ކުށްކުރީ އެދަރިފުޅުގެ މަންމަ. ވީމާ އެދަރިފުޅަށް ދަރިފުޅުގެ ހައްގު ހޯދަދީ ސުރައްޔާ. ކަލޭ ހަމަ މިހާރު އަހަރެން ގެ ކުރިމަތިން ދުރަށްދޭ! "

ޝުޢައިބު ވަރަށް ބޮޑަށް ރުޅި އައިސްފައި ހުރިކަން އެނގުމުން އިތުރަށް ހަމަ އެއްވެސް އެއްޗެއް ނުބުނެ ސުރައްޔާ ގެއިން ނުކުމެގެން ހިނގައްޖެއެވެ.

ސުރައްޔާ ގެއިން ނުކުމެގެން ދިއުމުން އޭނާގެ އެއްވެސް އަޚުލާގެއް ނެތްކަން، އަދި ﷲ ސުބުހާނަހޫ ވަތަޢާލާއަށް އޭނާގެ ހިތުގައި އެއްވެސް ބިރުވެރި ކަމެއް ނެތްކަން އެނގުމުން އެކަމާއިމެދު ޝުޢައިބު ނުހަނު ހައިރާންވެ، އަދި ހިތުގައި ބިރުވެރިކަން އުފެދި އެކަމާއި ހިތާމަ ކުރިއެވެ. އަދި ހިތާހިތުން ދަރިފުޅުގެ މަންމައަށް ތެދުމަގު ދެއްކެވުމަށާއި އަދި އެހިތަށް ބިރުވެރިކަމާއި، އީމާންތެރިކަން ވެއްދުން އެދި ދުޢާ ކުރިއެވެ.

ޝުޢައިބު އާއި ސުރައްޔާގެ މިވާހަކަތައް އަޑުއިވޭހާ ގާތުގައި ދެމީހުންނަށް ނުފެންނާނޭހެން ގެޔަށް ބޭސްފަރުވާއަށް އައިސްހުރި ބަލިމީހާ ހުއްޓެވެ. އެވަގުތު އޭނާގެ ހިތަށް އެރިއެވެ.

" ސުރައްޔާ އަކީ ހާދަ ގޮތެއްނެތް ވިޔާނުދާ އަންހެނެކެވެ. ޝުޢައިބު ފަދަ ހެޔޮލަފާ ފިރިޔަކާއި އެކު ރީތި ދިރިއުޅުމެއް އުޅެވެން އޮތްއިރު އޭނާ އެމަގު ޚިޔާރުކުރީ ކީއްވެހެއްޔެވެ؟ ޝުޢައިބު އަކީ ހާދަ ހިތްތިރި ޚުލްޤުހެޔޮ އަދި އެހާމެ ކެތްތެރި މީހެއްކަން މިއަދު އަހަރެންނަށް އެނގި ސާފުވެއްޖެއެވެ. ހިތުގެ ހިތާމަތައް ފޮރުވައިގެން އޭނާ އެގެންދަނީ އިންސާނިއްޔަތަށްޓަކައި ހާދަ މަތިވެރި ޚިދުމަތެއް ކުރަމުންނެވެ. ޝުޢައިބު އަކީ މިއަދު މިގޮތުގައި އުޅެން ޖެހޭނެ މީހެއްނޫނެވެ. އަދި އޭނާ ހިތާހިތާ ކިޔާލިއެވެ. އަހަރެން އޭނާއަށް އެހީވެއްޖެނަމަ އޭނާއަކީ ވަރަށް ކާމިޔާބު އުފާވެރި ދިރިއުޅުމެއްގައި އުޅެވިދާނޭ މީހެއް ކަމުގައި ގަބޫލު ކުރަމެވެ. އަދި އަހަރެންގެ ހަގީގަތް ޝުޢައިބުއަށް ސާފު ކޮށްދޭނީ މިބަލިން ފަސޭހަވެ، އަދި އެއްފަހަރު އެނބުރި އައިސް އޭނާއާއި ބައްދަލު ކޮށްފައެވެ. ހަމަ ގައިމުވެސް އަހަރެން އޭނާއަށް އެހީވާނަމެވެ. އަދި ޝުޢައިބުއަކީ ކެތްތެރިކަމާއި އަޒުމް ވަރުގަދަ މީހެއްކަން ސާބިތު ކޮށްދޭންވެސް އަހަރެން ބޭނުން ވެއެވެ. "

( ނުނިމޭ )

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

  1. Mi vaahaka furathama Bai kiyaafa dhevana bayah ves varah intezaar kurevunu, hama egothah 3 vana bayah ves varah intezaar kuran.. hama. Ehaame reethi asarugadha vaahaka eh

  2. ވަރަށް ރީތި ވާހަކައެއް. ކިޔާލަދީފައިވާގޮތްވެސް އެހާރީތި

  3. ވަރަށް ރީތި ވާހަކައެއް. ކިޔާލަދީފައިވާގޮތްވެސް އެހާ ހިތްގައިމު

  4. ވާހަކަ ވަރަށްމޮޅު. ކުރިއަށްހުރި ބައިތަކަށް އިންތިޒާރު ކުރެވެނީ

  5. ތާރީޚީ ރީތި ވާހަކައެއް. ޝުއައިބުގެ ހިތްވަރުގަދަ. ސުރައްޔާ އަކަށް މާމޮޅުތަކެއް ނުވާނެ

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *