މާދަމާ އަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ކަނޑައަޅައިފި އެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާ ބެހޭ ބަޔާނުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއަދުގެ އިރޮއޮއްސުނު އިރު ރާއްޖޭގެ އެއްވެސް ރަށަކަށް މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނިފައިނުވާ ކަމަށެވެ.
ނަމަވެސް އިސްލާމީ ބައެއް ގައުމުތަކަށް ޝައްވާލު މަހުގެ ހަނދު ސާބިތުވެއްޖެކަމުގެ ހަބަރު ރަސްމީ ގޮތުން ލިބިފައިވާތީ، މާދަމާއަކީ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅަން ނިންމީ ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އަދި މި ބަރަކާތްތެރި ފިތުރު އީދުގެ މުނާސަބަތުގައި ރާއްޖޭގެ ރައީސް ޑރ. މުހަައްމަދު މުއިއްޒަށާއި، ރައްޔިތުންނަށާއި، އިސްލާމީ އުއްމަތަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވާ ކަމަަށްވެސް ވިދާޅުވިއެވެ.
"މާތްﷲ އަޅުގަނޑުމެން ހިފި ރޯދަ އާއި މި ބަރަކާތްތެރި މަސައްރުގައި ކުރި ހެޔޮ އަމަލުތައް ގަބޫލުކުރައްވާ އަޅުގަނޑުމެންގެ ފާފަ ފުއްސަވާށިއެވެ. އަދި ރަމަޟާން މަހަށް ފަހުގައިވެސް ހެޔޮ އަމަލު ކުރުން މަތީ ދެމި ތިބުމުގެ ތައުފީގް އަޅުގަނޑުމެންނަށް ދެއްވާށިއެވެ.". އޭނާ ވިދާޅުވިއެވެ.