ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް އެހީވި ފަރާތްތަކަށް ރައީސްގެ ޝުކުރު

1446 ވަނަ އަހަރުގެ ފިޠުރު ޢީދު، ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖައްސަވައި، ކުޑަކުދިންނާއި ޢާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމުގައި ބައިވެރިވެވަޑައިގެންނެވި އެންމެހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޝުކުރު އަދާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެފަރާތްތަކުގެ ބުރަ މަސައްކަތުގެ އަގުވަޒަންކުރައްވައި ޝުކުރުއަދާކުރެއްވީ މިއަދު ހެނދުނު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

މިއަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދު ބޮކި ދިއްލުމާއި، ޢީދު ހަވީރު ބޭއްވުމާއި، ހަވާ އެރުވުމާއި، ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް ކުލަގަދަ ހަރަކާތްތަކެއް މާލެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ. އަދި މިފަދަ ބައެއް ހަރާކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ވަނީ ރައްޔިތުންނާ، ކުޑަކުދިންނާ އަދި ޢާއިލާތަކާ ބައްދަލުކުރައްވައި ވަގުތު ހޭދަކުރައްވާފައެވެ.

ދީނުގައި ކަނޑައަޅުއްވާފައިވާ މުނާސަބަތުތައް، ޚާއްޞަ ގޮތެއްގައި ޢީދުގެ އިހުތިފާލުތައް އިސްލާމްދީނުގެ އިމުގެ ތެރޭން އަހަރަކަށް ވުރެ އަހަރެއް ކުލަގަދަކޮށް ފާހަގަކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

މިއަހަރު ފިޠުރު ޢީދު ފާހަގަކުރުމަށް، ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި މުޅި ރާއްޖެ ޢީދަށް ދިއްލާލުން ހިމެނެއެވެ. މިމަސައްކަތުގެ ތެރެއިން 64 ރަށެއް ޢީދަށް ވަނީ ދިއްލާލާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ އާބާދީ ބޮޑެތި ރައްތަކާއި ސިޓީތައް ހިމެނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކޮންމެ ޢީދަކާއި ދިމާކޮށް، މިހާރު ކުރަމުން އަންނަ މަސައްކަތެކެވެ.

މީގެ އިތުރުން ރާއްޖޭގައި ޢީދު ފާހަގަކުރުމުގެ ސަޤާފަތް ދައްކާލަން، ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތުގެ ތަމްސީލެއް ވަނީ މާލޭގެ މަގުތަކުގައި ކުރިއަށް ގެންގޮސްފައެވެ.

މާލެ ސަރަހައްދުގައި ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް، ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ އަދި ޖުމުހޫރީ މައިދާނުގައި ވަނީ ކުޑަކުދިންގެ ޢާއިލީ ހަވީރެއް ބާއްވާފައެވެ. ޤައުމީ ދިފާޢީ ބާރުން އިސްވެ ކުރިއަށް ގެންދިޔަ މި ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގެން ކުދިންނާއި ސަލާމްކުރެއްވުމާއި ފޮޓޯ ނެންގެވުމުގައި ވަގުތު ހޭދަކުރެއްވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *