މިނިވަންކަމަށް ޓަކައި ހިންގާ މަޝްރޫއުތަކަށް މަދުވެގެން ކުރާ ޚަރަދު 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފި

ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ގައުމުގެ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިޔަށް ގެންދިޔުމަށް ރާވައިފައިވާ މަޝްރޫއުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނޭ މިންވަރު 100 މިލިއަން ޑޮލަރަށް ބޮޑުކުރައްވައިފިއެވެ.

ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމަށް އެކަށައަޅުއްވާފައިވާ ގަރާރު، އިސްލާހުކުރައްވައި އެންމެ ފުރަތަމަ ނެރުއްވީ މިދިޔަ މަހުގެ 21ގައެވެ.

އެއަށްފަހު މިއަދު އެ ގަރާރުގެ 13 ވަނަ މާއްދާ އިސްލާހުކުރައްވައި އަލުން ވަނީ ނެރުއްވާފައެވެ.

އެ މާއްދާގައި ކުރިން އޮތީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ގައުމުގެ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިޔަށް ގެންދިޔުމަށް ރާވައިފައިވާ މަޝްރޫއުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނޭ މިންވަރަކީ 15 މިލިއަން ޑޮލަރު ކަމަށެވެ.

ރައީސް އޮފީހުން މީގެ ކުރިން ބުނީ އެ ގަރާރު އިސްލާހުކުރައްވައި ބަދަލު ގެންނެވީ, ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގައިވާ ގޮތުގެ މަތީން، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި، އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ރައީސްގެ ގަރާރަކުން ކަނޑައަޅައި އާންމުކޮށްފައި އޮތް ގޮތަށް ބަދަލުގެންނަން ޖެހިއްޖެކަމަށް އެ މަނިކުފާނަށް ފެނިވަޑައިގަތުމުން ކަމަށެވެ.

އަދި އެ ގަރާރުގައި، ބަޔާންކުރާ ސިޔާސަތުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަޝްރޫއުތަކާއި، އެ މަޝްރޫއުތައް ހިންގުމަށް ނިންމަވާފައިވާ ސަރަހައްދު އަދި މަޝްރޫއުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނޭ މިންވަރު ވަނީ ބަޔާންކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *