ސާރާ އޮތީ ޖޯލިފަތީ ގައި އޮށޯވެލައިގެން އުޑާ ދިމާއަށް ބަލަހައްޓައިގެންނެވެ. ސާދަ ވިލޭރޭގެ ހަނދުގެ އަލިން މުޅި ޖައްވުވަނީ ދިއްލާލާފައެވެ. ވިދާ ބަބުޅާ ތަރިތަކަށް ބަލަން އެތައް އިރަކު އެ ޖޯލީގައި ސާރާއަށް އޮވެވިދާނެއެވެ. ފިނި ވައިރޯޅި ޖެހެމުން ދާއިރު ވިލާތައް ގިނަވަމުން ކަޅުވަމުން ދާތަން ބަލަން ސާރާ އަށް އޮވެވުނެވެ. ތޫފާނެއްގެ މަލަމަތި ބާވައެވެ. އެ ޗާލު ޗާލު ތަރިތަކުގެ ވިދުން ފަނޑުވަނީ ބާވައެވެ. އެ ނަލަ ނަލަ ހަނދު ގެ އަލިކަން ދުނިޔެއަށް ފޮރުވެނީ ބާވައެވެ. ސާރާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެރެމުން ދެއެވެ. ބައެއް ފަހަރު އަތުން ކަރުނަތައް ފޮހެލެވެއެވެ. އަނެއް ބައިފަހަރު ކަރުނަތައް މިނިވަން ކަމާއިއެކު ސާރާގެ ދެ ކޯތާފަތް ތެންމަމުން ދިޔައެވެ. އެ ގިސްލުމުގެ އަޑު އިވިއްޖެ މީހަކު ހިތް ފަޅައިގެން ދާނެކަން ޔަގީނެވެ. އެހާ ވޭނީ އުދާހެކެވެ. އެހާމެ އަސަރު ހުރި ހިތާމައެކެވެ. ސާރާގެ ޚިޔާލުތައް މާޒީއަށް ސާރާ ގެންދަމުން ދިޔައެވެ. އެކަރުނަތައް އޮހެރެން ދިމާވި ކަންކަމާއި މެދު ވިސްނާލިޔަސް އިތުރަށް ގިސްލެވެއެވެ.
ސާރާގެ އުމުރުން އެއިރު އެންމެ ނުވަ އަހަރެވެ. ސާރާއަކީ މަންމައާއި ބައްޕަގެ ތިން ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ތިން ކުދިންގެ ތެރެއިން އެންމެ ދޮށްޓަށް ހުންނަނީ ބޭބެއެކެވެ. ދެވަނައަށް ދައްތައެއް ހުންނަ އިރު އެއީ އޯޓިޒަމް ހުންނަ ކުއްޖެކެވެ. ސާރާގެ އާއިލާ އުފާވެރިއެވެ. ނަމަވެސް ކޮންމެ އާއިލާއެކޭ އެއްފަދައިން އެ އާއިލާއަށްވެސް އެކި ގޮންޖެހުންތައް ދިމާވެއެވެ. މާލީގޮތުން މާކަ ތަނަވަސް ނޫންނަމަވެސް އާއިލާ އަކީ ފުދިގެން އުޅޭ އާއިލާއެކެވެ.
އެއް ރެޔަކު، ސާރާ އަށް ނިދިން ހޭލެވުނީ ގޭތެރޭގައި އަޑު ގަދަވެގެންނެވެ. ރުއިމުގެ އަޑެވެ. ސާރާ އަވަސްއަވަހަށް ގޮސް ގޭގެ ގޯތިތެރެއަށް ނިކުތް އިރު ފެންނަނީ ސާރާގެ ދައްތަ ރާނިޔާ ރޯން ހުރި ތަނެވެ އަދި ގާތުގައި މަންމައާއި ބައްޕަ އަދި އާއިލާ ދެތިން މީހަކު ހުއްޓެވެ. ރާނިޔާ އަކީ އޯޓިސްޓިކް ކުއްޖެއް ކަމުން ކުދިންގެ ފުރައްސާރަ ކުރިމަތިވަނީއެވެ. މުދައްރިސުން ރާނިޔާއަށް ގޯސްކޮށް ކަންތައް ކުރަނީއެވެ. ރާނިޔާ އިތުރަށް ސްކޫލަށް ދާން ބޭނުން ނުވާކަމަށް ބުނެ މަންމައާއި ބައްޕަ ގާތު އާދޭސްކުރަނީއެވެ. ދައްތަ އުމުރުން ދޮށި ވަމުން ދާވަރަކަށް ރަށު ތެރެއިންވެސް މީހުންގެ ފުރައްސާރަ ކުރިމަތި ވަނީއެވެ. އެއްބައި މީހުން ދައްތަ އަށް ސޭކު ކުއްޖެކޭ ކިޔާއިރު އަނެއް ބަޔަކު ދައްތަ އާއި ދިމާއަށް މޮޔަ ރާނިޔާއޭ ގޮވައެވެ. މަންމަ ނުވަތަ ބައްޕަ އަށް ބަދު ބަސް ބުނުން ގިނަވާން ފެށީއެވެ. ތަރުބިއްޔަތުގެ ސަބަބުން ކުއްޖާ ހަލާކުވީ ކަމަށެވެ. ތަނެއްގައި ބަންދު ކޮށްގެން އެހެން ކުދިންނާއި ދުރުގައި ގެންގުޅެން އަންގަނީއެވެ.
ދުވަސްތައް މާޒީވަމުން ގޮސް ސާރާއަށް ތޭރަ އަހަރު ފުރިއްޖެއެވެ. ސާރާގެ ދައްތަ ސްކޫލަކަށް ނުދެއެވެ. ގެއިން ބޭރަކަށް ނުދެއެވެ. ކުރިން އުޅުންހެން ސާރާއާއި އެކު ކުޅެ އެއް ނޫޅެއެވެ. ދުވަސްވަރަކީ އޯޓިޒަމް އަށް ހޭލުންތެރި ދުވަސްވަރެއްނޫނެވެ. ރާއްޖެ އައި ޑަކްޓަރަކަށް ރާނިޔާ ކުޑަ އިރު ދެއްކުމުން އޯޓިޒަމް ކުއްޖެއް ކަމަށް ވަނީ ބުނެފައެވެ. ރާނިޔާއަށް ސްކޫލް ތެރޭ ލިބެމުން ދިޔަ ފުރައްސާރަ މިހާރު ލިބެމުން ދިޔައީ ސާރާއަށެވެ. މޮޔަ ރާނިޔާގެ ކޮއްކޮ މޮޔަ ސާރާކަމަށް ގޮވައެވެ. ސާރާ އާއި އެކީ އުޅުމުން ބަލި ވާރުތަވާނޭކަމަށް ބުނެ ހަދައެވެ. ސާރާއަށް އެކަނިވެރި އިޙްސާސްތައް ކުރެވެން ފެށިއެވެ. އެންމެ ލޯބިވާ ދައްތަ އެކަހެރިވީއެވެ. ބޭބެ ކިޔަވަން މާލެ ދިޔައީއެވެ. އަދި ގާތް ރައްޓެއްސެއް ކިލާހުގައި އަދި ރަށުގައި ވެސް ނެތީއެވެ. ސާރާގެ ގެއަށް ކުދިން އަންނަން ފަސްޖެހެއެވެ. އެގޭ ކައިރިން ދާން ބިރުގަނެއޭ ބުނެއެޅުނެވެ. ދައްތައަކީ ބައްޔެއް ޖެހިފައިވާ ކުއްޖެއް ކަމަށް ރަށުތެރޭގައި ކިޔަން ފެށުނެވެ. ރާނިޔާ ބޭނުންވަނީ ލޯތްބާއި އަޅާލުމެވެ. އެކި އެކި ފަރުވާއެވެ އަދި އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމައުގައި އެކުގައި އުޅުމެވެ. މުޖުތަމައަށް ފައިދާ ހުރި ކުއްޖަކަށް ވުމަށެވެ. އެ ފުރުސަތު މުޖުތަމައިން ދޭނެ ބާވައެވެ.
………………………….
ސާރާގެ ޚިޔާލުތަކު ތެރޭގައި އޮއްވާ ސިހުމެއް ލިބުނީ މީހަކު އައިސް ކައިރީގައި ހުއްޓުމުންނެވެ. ސާރާ އިސް އުފުލާ ބަލާލިއެވެ. ކުރިމަތީގައި ހުރީ ސާރާގެ ބޭބެއެވެ. ސާރާ އެވަގުތު ބޭނުންވީ ބޭބެ ގެ ގައިގައި އޮޅުލައިގަނެގެން އިތުރަށް ރޯލާށެވެ. މިއަދު މިލިބެމުން ދިޔަ ހިތާމައިން އަރައިގަތުމަށް ބޭބެގެ އެހީ ހޯދާށެވެ.
މަޑު މަޑު ހިނގުމެއްގައި ސާރާއާއި ބޭބެ މިސްރާބުޖެހީ ގެއާދިމާއަށެވެ. ގޭގެ ގޯތި ތެރޭގައި ފަތްޖެހި އެނދެއްގައި ފަންސާސް އަހަރު ގުނަމުން ދާ ބައްޕައަށް ނިދިފައޮތެވެ. ކަރުނަތައް ހިކިފައިވާ މޫނުން ހީވަނީ ހަތްދިހަ އަހަރު ގުނަމުންދާ މީހެއްހެންނެވެ. ސާރާ އައިސް ކޮޓަރި ބަލާލި އިރު މަންމަ އިނީ މުސައްލަމަތީ ރޯލަ ރޯލަ ރޯލައެވެ.
އެ ލޯބި ލޯބި އާއިލާ އުޅުނު ގެއަށް ވަނީ ބޮޑު ފަނޑު ކަމެއް އައިސްފައެވެ. މީގެ ދެދުވަސް ކުރިން މި ދުނިޔެއަށް އަލްވަދާއުކީ ސާރާގެ ދައްތަ ރާނިޔާއެވެ. ކަފުންކޮށް ވަޅުލެވުނީ ސާރާގެ ލޯބިވާ ދައްތައެވެ. ލޯބި ލޯބިން ލޮލުގެ ނޫރެއްފަދައިން މައިން ބަފައިން ގެންގުޅުނު ދޮށީ އަންހެން ދަރިއެކެވެ. އުމުރު ދުވަހު މުޖުތަމައުން ލިބެމުން ދިޔައީ ފުރައްސާރައެވެ. މުޅި ދުނިޔެ ކަޅު ކޮށްލީ މީހުންގެ ނާތަހުޒީބުކަމާއި ތަންދޮރު ނޭނގުމުންނެވެ. އިންސާނިއްޔަތުކަން ނެތުމުންނެވެ. ތިމާއަށް ނޭގޭ ކަމެއްގައި ބަސްކިޔާ މުޖުތަމައު ފަސާދަކުރުމުންނެވެ. އާއިލާއަކަށް މުޖުތަމައުގައި އުޅެން އުނދަގޫކުރިއެވެ. ކީއްވެގެން ހެއްޔެވެ؟ ތިމާއާއި ތަފާތު ވުމުން ހެއްޔެވެ؟ ތިމާ މުޢާމަލާތް ކުރާ ގޮތަށް މުޢާމަލާތް ކުރަން ދަތިވާތީ ހެއްޔެވެ؟ ތިމާއަށް ކަންތައްތައް ފަހުމް ވާގޮތަށް ފަހުމް ވާން އުނދަގޫވާތީ ހެއްޔެވެ؟ ދަރިންނަށް ދަސްކޮށް ދެންވީ އެހެން ހުރިހާ ކުދިންވެސް ބަލައިގަނެގެން މުޖުތަމައުގައި ދިރިއުޅޭކަށް ނޫން ހެއްޔެވެ؟ ތިމާއަށް ލިބިފައިވާ ނިޢުމަތަކަށް ޝުކުރު ކުރަން ނުވަނީ ބާވައެވެ؟
މަންމާ، ބައްޕާ، ބޭބޭ، ދެރަނުވާށެވެ. ދައްތައަށް އެދެނީ ސުވަރުގޭގެ ބަގީޗާއެއްގައި އުފާވެރިކަމެވެ. ސާރާ ކަރުނަތައް ފޮހެލުމަށް ފަހުގައި މަންމަ ގާތުގައި މުސައްލަމަތީގައި އިށީނދެ މާތްالله ކިބަފުޅަށް ދައްތައަށް ރަހްމަތް ލެއްވުމަށް ދުއާކުރަން ފެށިއެވެ.
