ވާހަކަ: ޝުޢައިބު (7 ވަނަބައި)

(3 އޭޕްރިލް 2025 ގެ ނޫހާއި ގުޅޭ)

" އޭނާގެ ފިރިމީހާއާއިމެދު އޭނާއަށް ކަންކުރެވުނީ ހާދަ ނިކަމެތި ކޮށެވެ. ހެޔޮލަފާ ފިރިޔަކު ލިބުމުން އޭނާގެ އަގު ވަޒަނެއް ނުކުރެވުނެވެ. ޝުޢައިބުގެ މަސައްކަތުން ދިރިއުޅުން އާބާދު ކުރުމަށް އޭނާއަށްޓަކައި ކުރި ބުރަ މަސައްކަތް ބަލައެއް ނުގަނެވުނެވެ. ލިބުނު މިންވަރަށް ޝުކުރުވެރިއެއް ނުވެވުނެވެ. ތިމާގެ ރީތިކަން ފެނި އެކަމާއި ކިބުރުވެރި ވީއެވެ. ކިޔަމަންތެރި ޢިއްފަތްތެރި އަނތްބަކަށް ނުވެވުނެވެ. ދިރިއުޅުމުގައި ޖެހުނު ކުދިކުދި މައްސަލަ ހައްލު ކުރުމަށް އެތައް ގޮތަކުން ޝުޢައިބު އޭނާގެ ގާތުގައި ވާހަދައްކާ ނަސޭހަތް ދިނުމުންވެސް އެދެއްކި ވާހަކަ ތަކަކީ އެއްވެސް އަގެއް ހުރި ވާހަކަތަކެއް ކަމުގައި ނުބެލެވުނެވެ. އޭނާ ދެކެ އިންތިހާއަށް ލޯބިވާ އެއްވެސް ކުށެއްނެތް އެފިރިމީހާ ހިތްދަތި ކުރުމަށް އޭނާ ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ފިރިޔަކަށް އަނތްބެއްގެ ފަރާތުން އަދާ ކޮށްދޭން ޖެހޭ ހައްގުންވެސް އޭނާ މަހުރޫމް ކުރީއެވެ. ދެމަފިރިއެއްގެ ދިރިއުޅުމުގެ އެންމެ ވަރުގަދަ ބިންގާ ކަމުގައިވަނީ ޞާލިހު ދަރިން ތަކެއް އުފަންކޮށް އެދަރީން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމެވެ. ނަމަވެސް އަލަތު ދަރިފުޅަށް ބަލިވެ އިނުމުން އެކަމާއި ނުރުހިގެންވެސް އޭނާ ޝުޢައިބު އާއި ދިމާއަށް ނުކިޔަނީ ކޮން އެއްޗެއް ހެއްޔެވެ؟ ކުށެއް ނެތް ކުޑަކުޑަ ދަރިޔަކު މަންމަގެ ލޯބިން މަހުރޫމް ކުރުވީއެވެ. އެންމެ ފަހުން ފިރިމީހާ އޭނާއާއި ދަރިފުޅުގެ ކުރިމަގަށްޓަކައި ކުރަމުންއައި ބުރަ މަސައްކަތް ފަކުރު މަސައްކަތަކަށްވެ އެކަމާއިވެސް ނުރުހި އޭނާއާ ދިމާއަށް ނުކިޔަނީ ކޮން އެއްޗެއް ހެއްޔެވެ؟

އެންމެ ފަހުން ޝައިތާނާގެ ނުބައި ދަޅައަށް ހެއްލި އޭނާގެ ހަލާލު ފިރިމީހާ އޭނާގެ ލޯބިން މަހުރޫމް ކުރީއެވެ. ކައިވެނީގެ ބޭރުން އެކިމީހުންނާއި އެކު ނަހަމަ ގުޅުންތައް ހިންގަން ފެށީއެވެ. ކައިވެނީގެ ބޭރުން ނަހަލާލަށް ބަލިވެ އިނދެ، ދުނިޔޭގެ ލަދުން ސަލާމަތް ވުމަށް އިތުރު ފާފައެއް ކުރަންވެސް ބޭނުން ވީއެވެ. އަދި އެކަމުން ސަލާމަތްވުމަށް އެކުށެއްނެތް ޝުޢައިބުގެ އެހީ އެކަމުގައި ހޯދާ އޭނާވެސް އެކަމުގައި ބައިވެރި ކުރުމަށް މަސަތްކުރީ އެވެ. "

މި ޚިޔާލުތައް ސުރައްޔާގެ ސިކުނޑީގެ ތެރޭގައި ވަށާ އެނބުރެމުން ދިޔައެވެ. އޭނާ ގިސްލާ ރޮމުން އަޑުން އަޑުނަގާ ރޯން ފެށިއެވެ. އަދި އޭނާ އަމިއްލަޔަށް ބުނަމުން ގެންދިޔައެވެ.

" އަހަރެންނަކީ ކިހާ ވިޔާނުދާ މީހެއް. ދުނިޔެ މަތީގައި ނުކުރާ ނުބައިކަމަކީ ކޮބާ؟ މީހެއްގެ އަނތްބެއްގެ ގޮތުގައި ހުރެ އޭނާއަށް ބޭވަފާތެރި ވީން. އަހަރެންނަކީ ޝުޢައިބުގެ މަޢާފް ދުވަހަކުވެސް ލިބެން ޖެހޭ މީހެއް ނޫން. އަހަރެންނަކީ ވަރަށް ބޮޑު ކުށްވެރިއެއް. މިއަދު އަހަރެންނަށް ލިބެމުން މިދަނީ އަހަރެން ކުރި ވިޔާނުދާ އަމަލުތަކުގެ ޝަޒާ. މިއަދު އަހަރެންނަށް ހެޔޮ އެދޭނޭ އެއްވެސް މީހަކު ނެތް. އަހަރެންގެ ރީތިކަމަށް މިއަދު އެންމެންވެސް ކުރަނީ މަލާމާތް. އަހަރެންނަކީ އެއްވެސް އަގެއް ހުރި މީހެއް ނޫން. މުޅި ދުނިޔެއަށް ގިނަވެ މީހުންގެ ނުރުހުމާއި ނަފުރަތު އަމާޒު ވެއްޖެ. މިއީ އަހަރެން ކުރި އެކި ފާފަތަކުގެ ހިތި ނަތީޖާ. އަހަރެންނަކީ ޝުޢައިބު ފަދަ މީހަކަށް އެކަށޭނަ މީހެއް ނޫން. "

މިގޮތަށް އެކަނި ހުރެ އެތައް ވާހަކަތަކެއް، ރޮއެރޮއެފައި ސުރައްޔާ ދެއްކިއެވެ. އެރެޔަށް ފަހު އޭނާގެ މުޅި ދިރިއުޅުން ބަދަލު ކުރުމަށް ހިތުގައި އަޒުމް ކަނޑައަޅައިފިއެވެ. ކުރީގެ އުޅުނު ވިޔާނުދާ އުޅުން ދޫކޮށްލާ ހެޔޮމަގަށް ރުޖޫއަ ވުމަށް ނިންމިއެވެ. އަދި ނަމާދުކޮށް ގިނަގިނައިން ދުޢާކޮށް އޭނާގެ ފާފަތައް ފުއްސެވުން އެދި ދުޢާ ކޮށް ތަޢުބާވުމަށް އޭނާގެ ހިތުގައި ޢަޒުމް ކަނޑައެޅިއެވެ.

ޖެހިގެން އައި ދުވަހު ޝުޢައިބު ރަސްގެފާނުގެ ދަރުބާރަށް ހާޒިރުވެއްޖެއެވެ. އަދި ރަސްގެފާނާއި ބައްދަލުކޮށް ތަފާތު އެކި ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔައެވެ. އެދުވަހުގެ އެންމެ މުހިންމު ވާހަކައެއް ކަމުގައި ވެގެން ދިޔައީ ރަސްގެފާނު ޝުޢައިބުއަށް ހުށަހެޅި ހުށަހެޅުން އޭނާ ގަބޫލުކޮށް ރަސްގެފާނުގެ ޚިދުމަތުގައި ދެމިހުންނާނޭ ކަމުގެ ހެޔޮ ޚަބަރުގެ ވާހަކައެވެ. ރަސްގެފާނު އެކަމާއި މެދު ވަރަށް ބޮޑަށް އުފާ ކުރައްވާ ރަސްގެފާނުގެ އަރިހުން ޝުޢައިބު ބޭނުންވާ ކަމެއް އޮތްނަމަ، އެކަމެއް ދެންވުމަށް އެދިލެއްވިއެވެ. ޝުޢައިބު އެވާހަކަތަކާއިމެދު ވަރަށް ވިސްނުމަށް އިނުމަށް ފަހު ރަސްގެފާނުގެ އަރިހުގައި ދެންނެވިއެވެ.

" ރަސްގެފާނު، މަނިކުފާނާއި ވަޒީރު އަޅުގަނޑުގެ ގާތު ބުނެފައި ވާގޮތަށް އަޅުގަނޑުވެސް މިހާރު ބޭނުން ވަނީ ބޭސްވެރިކަމުގައި އަޅުގަނޑަށް މި ލިބިފައިވާ ޢިލްމު އޭގެ އެންމެ ހެޔޮ ގޮތުގައި ހިފާ މިޢިލްމު އުނގެނެން ބޭނުންވާ މީހުން ތިބިނަމަ އެމީހުނަށް މިކަން ދަސްކޮށް ދިނުން. އަޅުގަނޑު ނެތް ދުނިޔެ އެއްގައިވެސް މިބޭސްވެރިކަން ކުރިޔަށް އޮތް ޖީލު ތަކަށްވެސް ފޯރުކޮށް ދިނުމަކީ އަޅުގަނޑު ދެކެމުން އަންނަ ވަރަށް ބޮޑު ހުވަފެނެއް. ވީމާ މިކަން ކުރުމަށް ޝައުގު ވެރިވާ ފަރާތްތައް ހޯދުމަށްފަހު އެމީހުނަށް މިކަން ދަސްކޮށްދޭން އަޅުގަނޑު ބޭނުންވޭ. "

" ރަސްގެފާނު، މަނިކުފާނުގެ ނޯކަރެއްގެ ގޮތުގައި ހުރި ކަމުގައިވިޔަސް ބޭނުންވަނީ އަޅުގަނޑުގެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަން. ވީމާ ބަލި މީންހުނަށް ބޭސްވެރިކަން ކުރެވޭނޭ ގޮތަކަށް އެކަމުގެ އިންތިޒާމް ހަމަޖައްސަވައި ދެއްވައިފިނަމަ އަޅުގަނޑު ވަރަށް އުފާ ވާނެ. އަދި މަނިކުފާނުގެ އަރިހުން މިއެދުނު ކަންތައް ކޮށްދެވިދާނެތޯ؟ "

ޝުޢައިބުގެ ވާހަކަތައް އަޑުއަހަން އިންނެވުމަށް ފަހު ރަސްގެފާނު ކޮޅަށް ތެދުވެ ވަޑައިގަތެވެ. އަދި ވަރަށް އުފާފުޅުވެ ހުންނެވުމަށްފަހު ޝުޢައިބުއަށް ނަންގަތެވެ.

" ސާބަހޭ ޝުޢައިބު، ކަލެޔަކީ ކަންކަމުގައި ވަރަށް ދުރަށް ވިސްނާ، ކެރޭ ކުޅަދާނަ މީހެއްކަން މިއަދު އަޅުގަނޑަށް އެނގިއްޖެ. " ޝުއަޢިބު " އަޅުގަނޑުވެސް ކަލޭގެ ފަރާތުން އެދެން ބޭނުންވި ވަރަށް ބޮޑު އެދުމެއްގެ ވާހަކަ ކަލޭގެ ގާތުން ނޭދެނީސް އެކަން ކޮށް ދިނުމަށް މިއަދު ތިޔަ ހުށަހެޅީ. އަޅުގަނޑުވެސް ބޭނުންވީ މި ޝަހަރުގައި ފަތްޕިލާވެލީގެ ބޭސްވެރިކަމަށް ޝައުގު ހުންނަ ފަރާތްތަކަށް އެޢިލްމު އުނގަންނައިދީ، މުޅި މިކަރަޔަށް އެޢިލްމު ފެތުރުން. އެހެންވެ އެކަން ކުރެވެން އަޅުގަނޑަށް އޮތީ ކަލޭގެ އެހީ ވަރަށް ބޮޑަށް މިކަމުގައި ލިބިގެން. އަޅުގަނޑު މިއަދު ވަރަށް އުފާ ވެއްޖެ. ވީމާ ތިޔަ އެދުނު ކަންކަން ކަލެޔަށް ކޮށްދިނުމަކީ އަޅުގަނޑަށްވެސް ލިބޭނެ ވަރަށް ބޮޑު އުފަލެއް. ތިޔަ މަސައްކަތް ކުރުމަށް ގަނޑުވަރުގެ ކައިރިން ރަނގަޅު ތަނެއް ހަމަޖައްސައި ދޭނަން. އަދި އެކަން ކުރުމަށް ބޭނުންވާނޭ ހުރިހާ ތަކެއްޗެއްވެސް އެއްވެސް ދަތިކަމެއް ނެތި ހަމަޖެހިގެންވެސް ދާނެ. އެހެންވީމާ ޝުޢައިބުގެ ބެލުމުގެ ދަށުން ބޭނުންވާ ގޮތަކަށް ހުރިހާ އިންތިޒާމެއް ހަމަޖައްސާ. އަދި އެކަން ނިމުމާއި އެކު ލަހެއްނުވެ މަސައްކަތްތައް ކުރިޔަށް ގެންދޭ! އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް. "

ރަސްގެފާނު ޝުޢައިބުގެ ގާތު މިގޮތަށް ބުނުމަށްފަހު އޭނާ އެދޭ ގޮތަށް އޭނާ އެބޭނުންވާ ކަމެއް ހަމަޖައްސައި ދިނުމަށް ވަޒީރަށް އެންގިއެވެ. އަދި އެކަމަށް ބޭނުންވާ ކަންކަން ހަމަޖައްސާ ނިންމުމަށް ފަހު ބޭސްވެރިކަމުގެ ޢިލްމު އުނގެނުމަށް ބޭނުންވާ ފަރާތްތައް ހޯދުމަށް މުޅި ޝަހަރުގައި އިއުލާނު ކުރުމަށްވެސް ވަޒީރަށް އެންގިއެވެ.

ރަސްގެފާނު ޝުޢައިބުއަށް ނަންގަތެވެ.

" ދަރިފުޅުގެ އެއްވެސް ކަމަކާއި މެދު ހާސްވާނެ ކަމެއް ނެތް. ވީއެންމެ އަވަހެއްކޮށް މިޝަހަރުގެ އެންމެ ރަނގަޅު މަދަރުސާއަށް ފޮނުވައިގެން އޭނާގެ ކިޔެވުމުގެ ހުރިހާ ކަމެއް އަޅުގަނޑު ހަމަޖައްސައި ދޭނަން. އޭނާގެ ކަންކަން ނުކުރެވި ކަލޭގެ މަސައްކަތް ކުރަން ދަތިވެދާނޭ ހިތައި އެކަމާއި ނުވިސްނާތި. ދަރިފުޅުގެ ހުރިހާ ކަމަކާއި ހަވާލުވާނީ ސީދާ އަޅުގަނޑު. އަދި މިއަދުން ފެށިގެން އޭނާ އުޅެމުން ގެންދާނީ މިގަނޑުވަރުގައި އަޅުގަނޑުގެ ގާތުގައި. އޭނާއަށް ބޭނުންވާ އެއްވެސް ކަމަކަށް ދައްޗެއް ނުވާނެ. އޭނާގެ ކަންކަން ކުރާނޭ ނޯކަރުން ތިބޭނީ ހަމަޖެހިފައި. އެގޮތް އެންމެ ރަނގަޅުތޯ؟ "

ރަސްގެފާނުގެ މިވާހަކަ މިހާކަ އިވުމުން ޝުޢައިބު ޝުކުރުން ފުރިގެންވާ ނަޒަރަކުން ރަސްގެފާނަށް ދިމާއަށް ބަލާލިއެވެ. އަދި ނަންގަތެވެ.

" މަނިކުފާނު އެދިލައްވާ އެއްވެސް ކަމަކަށް އެއީ ކުރެވޭ ވަރުގެ ކަމެއްކަމުގައި ވާނަމަ ދުވަހަކުވެސް ނޫނެކޭ ނުބުނާނަން. ވީމާ ތިޔަ އެދިލެއްވި ކަންކަން މަނިކުފާނު ރުހިލައްވާ ގޮތަށް ކުރިޔަށް ގެންދިޔަސް އެއްވެސް މައްސަލައެއް ނެތް. "

ރަސްގެފާނާއި ޝުޢައިބުގެ މިވާހަކަތައް ދައްކާ ނިމުމަށްފަހު ރޭގަނޑުގެ ފަރިއްކޮޅަށް އިންސާފުކޮށް ނިމުމުން ސާރާ ގޮވައިގެން ހިނގައްޖެއެވެ. އަދި އެރޭ ޝުއަޢިބު ސާރާގެ ގައިގައި ވަރަށް ލޯބިން ބައްދާލުމަށް ފަހު ބުންޏެވެ.

" ބައްޕަގެ ލޯބިވާ ދަރިފުޅާ! ބައްޕަ ދަރިފުޅު ގާތުވަރަށް ބޮޑު ވާހައެއް ބުނަންތަ؟ ދަރިފުޅާ ސާރާ! ދަރިފުޅު ދެން އުޅޭނީ މިރަށުގައި. ބައްޕަ ބޭނުންވަނީ ދަރިފުޅު ކިޔަވާ ވަރަށް މޮޅު ކުއްޖަކަށް ވުމަށް. އެހެންވީމާ އެކަން ކުރުމަށް ބައްޕަ އެބަ ޖެހޭ ވަރަށް ބުރަ މަސައްކަތް ތަކެއް ކުރަން. ގިނަ ވަގުތު މަސައްކަތުގައި ބުރަކޮށް އުޅެންޏާ ދަރިފުޅު އެކަނި ހުންނަން ވަރަށް ފޫހިވާނެ ނޫން ދޯ؟ އެހެންވެ ބައްޕަ މިހާރު މިއުޅެނީ ދަރިފުޅު މިގެޔަކަށް ބަދަލު ކުރަން. އަދި މިގެޔަށް އައުމުން، ދަރިފުޅުގެ ހުރިހާ ކަމެއްވެސް ކޮށްދިނުމަށް އަބަދުވެސް މީހުން ތިބޭނެ. ފޫހިވީމާ ކުޅޭނެ ވަރަށްގިނަ ކުޅޭ އެއްޗެހިވެސް ލިބޭނެ. އަދި ވަރަށް އަވަހަށް މިރަށުގެ ރަނގަޅު މަދުރަސާއަކަށްވެސް ދަރިފުޅު ވައްދާނަން. ދަރިފުޅު ކިޔަވައިގެން ވާނެ މަންމައާއި ބައްޕަ ވަރަށް ފަޚުރު ވެރިވާ ފަދަ ދަރިޔަކަށް ވާން އިނގޭ؟ ދަރިފުޅާ! ގިނަ ވަގުތު ބައްޕައަށް ދަރިފުޅާއި އެކު ނޫޅެވި ހިނގައިދާނެ. ޚާއްސަކޮށް ނިދާ ގަޑީގައި ބައްޕަ ދަރިފުޅާއި އެކު ނުހުންނާނެ. އެކަމަކުވެސް ދެރަނުވާތި. ގޭގައި އުޅޭ އެންމެންވެސް ދަރިފުޅު ދެކެ ވަރަށް ލޯބިވާނެ. އެހެންވީމާ ސާރާ ވާނެ އެންމެންގެ ބަސް އަހައިގެން ހުރިހާ އެންމެންވެސް ވަރަށް ލޯބިވާ ކުއްޖަކަށް ވެވޭތޯ މަސައްކަތް ކުރަން. އިނގޭ ދަރިފުޅާ!

ޝުޢައިބު މިގޮތަށް ސާރާގެ ގާތުގައި މިވާހަކަ ދެއްކުމުން ސާރާ ވަރަށް ލޯބިން ބައްޕަގެ ގައިގައި ބައްދާލުމަށްފަހު ބުންޏެވެ.

" ބައްޕަ އަބަދުވެސް މަސައްކަތް ކުރާނީ ސާރާ އަށްޓަކައި ކަން އެނގޭ. ބައްޕަ އަބަދުވެސް ސާރާ ދެކެ ވަރަށް ލޯބިވާކަންވެސް އެނގޭ. ބައްޕަގެ ބަސް އަބަދުވެސް ސާރާ އަހާނަން. އަދި ބައްޕަ ސާރާ އާއި ދުރުގައި ކިތަންމެ ބުރަކޮށް އުޅުނަސް ގިނަގިނައިން ސާރާގެ ގާތަށް އަންނާތި ބައްޕާ! ސާރާގެ ހުރިހާވެސް މީހަކީ ތިޔަ ލޯބިވާ ބައްޕަ "

އެރޭ ނިދަން އޮށޯތުމަށް ފަހު މިއަދު ރަސްގެފާނު ދެއްކި ވާހަކަތަކާއި މެދު ޝުޢައިބު ވަރަށް ފުންކޮށް ވިސްނަމުން ގެންދިޔައެވެ. ރަސްގެފާނަކީ ހާދަ ހިތްހެޔޮ  އޯގާތެރި ރަސްކަލެކެވެ. އޭނާގެ ހިތުގައި އަހަރެންނާއި މެދު ވަރަށް ބޮޑު އުންމީދު ތަކެއް ވާކަން ގައިމެވެ. ﷲ ގެ އިރާދަ ފުޅާއިއެކު ރަސްގެފާނު އެއެދޭ އެދުން ފުރިހަމަ ކުރާނަމެވެ. މިއީ މިއަދު ސާރާގެ މުސްތަގުބަލަށްޓަކައި އޭނާ ނިންމި މުހިންމު ނިންމުމެއްކަން ގައިމެވެ. އިރާދަކުރެއްވިއްޔާ ސާރާއަކީ އަހަރެންނާއި ސުރައްޔާ ފަޚުރުވެރިވާނެ ފަދަ ދަރިޔަކަށް ވެސް ހަދާނަމެވެ.

ދުވަސްތައް ފާއިތު ވަމުން ގޮސް ރަސްގެފާނުގެ ޚިދުމަތުގައި އުޅުމުގެ އިތުރަށް ބަލި މީހުނަށް ބޭސްކުރުމުގައި އަދި ބޭސްވެރިކަމުގެ ޢިލްމު މީހުނަށް އުނގަންނައި ދިނުމުގައި ޝުޢައިބު އުޅެމުން ގެންދާތާ ދެ މަސް ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އޭނާގެ މިމަސައްކަތް ވަރަށް ގާތުން ރަސްގެފާނާއި ވަޒީރު ދަނީ ބައްލަވަމުންނެވެ. ދުވާލުގެ ވަގުތު ތަކުގައި މި މަސައްކަތް ތަކުގައި އުޅުމަށް ފަހު ރޭގަނޑުގެ ވަގުތުތައް ޝުޢައިބު ހޭދަކުރަމުން ގެންދަނީ ރަސްގެފާނުގެ ގަނޑުވަރުގައި ދަރިފުޅު ސާރާ އާއި އެކުގައެވެ. ދަރިފުޅު ސާރާވެސް ގަނޑުވަރުގައި ރަސްގެފާނާއިއެކު އުޅެމުން ގެންދަނީ ވަރަށްވެސް އުފާވެރި ކަމާއި އެކުއެވެ. މި މަންޒަރުތައް ފެންނަ ކޮންމެ މީހަކަށް ހީވާނީ ސާރާ އަކީ އެގަނޑުވަރުގެ ކުޑަކުޑަ ރާނީ އެއްގެ ގޮތުގައެވެ. ބައެއް ވަގުތު ތަކުގައި ރަސްގެފާނު ސާރާ އާއި އެކު ހީސަކަރާތް ޖަހާތަން ފެނެއެވެ. މިތަން ފެނި މިއަދު ޝުޢައިބު އެހުރީ ވަރަށްވެސް ހިތްހަމަޖެހި އުފާވެފައެވެ.

ރަސްގެފާނުގެ އަރިހުގައި ގަނޑުވަރުގައި މިހޭދަވި ދުވަސްތަކުގައި، ޝުޢައިބުއަށް ކަމެއް ފާހަގަ ކުރެވިގެން ދިޔައެވެ. ބައެއް ފަހަރު ރަސްގެފާނު ސާރާ ގޮވައިގެން އުޅެމުންދާ ވަގުތުތަކުގައި އޭނާގެ މޫނުމަތީން ނުތަނަވަސްކަމެއް ފާހަގަ ކުރެވެއެވެ. އަދި އެމޫނުމަތީން މާޔޫސީ ކަމުގެ ކުލަވަރުވެސް  ޝުޢައިބުއަށް ފާހަގަ ވެއެވެ. މިކަމާއި ޝުޢައިބު ވިސްނަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނާއަށް ފާހަގަކުރެވެމުމުން މިއަންނަ ކަންކަމާއި ބެހޭގޮތުން ރަސްގެފާނާއި ސުވާލުކޮށް މިކަމުގެ ހަގީގަތް ބެލުމަށް ޝުޢައިބުގެ ހިތުގައި ޝައުގު އުފެދުނެވެ. ނަމަވެސް  ވިސްނާލުމަށްފަހު، އެވާހަކަތައް އޮޅުންފިލުވާނީ ރަނގަޅު ދަނޑިވަޅެއް ހޯދުމަށްފަހު ކަމުގައި ނިންމިއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ސައިބޮއެ ނިމިގެން ޝުޢައިބު މަސައްކަތަށް ދިޔައެވެ. ތަފާތު އެކި އެކި ބަލީގައި ފަރުވާ ހޯދުމަށް އޭނާގެ ގާތަށް އައިސްތިބި މީހުންނަށް ފަރުވާކުރުމުގެ ކަންކަން ކުރިޔަށް ގެންދަމުން ދިޔައެވެ. އަދި ބޭސްވެރިކަން ދަސްކުރަން އައިސްތިބި މީހުނަށް އެކަމުގައި އެހީތެރިވެ، ސީދާ ޝުޢައިބުގެ ބެލުމުގެ ދަށުން އެމީހުން ލައްވާ ބަލިމީހުނަށް ދިޔައީ ފަރުވާ ކުރަމުންނެވެ. މިގޮތުގައި އެދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު ހަވީރު ގެޔަށްގޮސް ފެންވަރާލައިގެން އަސުރު ނަމާދުކޮށްލުމަށްފަހު ގަނޑުވަރަށް ދިޔައެވެ.

( ނުނިމޭ )

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *