މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރަކު ޢިސްތިޢުފާ ދެއްވާފައިވާތީ، ހުސްވެފައިވާ މަޤާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ މިއަދުން ފެށިގެން 15 އެޕްރީލް 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް އިން ފޯމު ޑައުންލޯޑު ކުރެއްވޭނެއެވެ.
ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކޮމިޝަނުގެ ނައިބު ރައީސްކަން ކުރެއްވި މުޙައްމަދު ފަޒީން އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ހަ މެމްބަރުންނެވެ. އެއީ އާމިނަތު އަމީނާއާއި ޝިފްލާ އިބްރާހިމްއާއި ސަފާ ޝަފީގު، މުހައްމަދު އަބްދުﷲ އާމިނަތު ނުޒުހާ އަދި އާމިނަތު ސަރާހަތު އިއްޒަތުއެވެ.
