ތަރައްގީގެ އަސާސަކީ، ތައުލީމާއި ތަރުބިއްޔަތު

އިސްލާމީ ރިސާލަތު ފެށުނީ، ކިޔެވުމަށް ކުރެއްވި އަމުރުފުޅުންނެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

﴿ اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ، ‎‏ خَلَقَ الْإِنسَانَ مِنْ عَلَقٍ ،‎ اقْرَأْ وَرَبُّكَ الْأَكْرَمُ ، الَّذِي عَلَّمَ بِالْقَلَمِ ‎، عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ‎﴾ މާނައީ؛ "ކަލޭގެފާނުގެ ވެރި ރަސްކަލާންގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާންގެއީ (ހުރިހައި ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. ގަނޑު ލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެ އެވެ. އެކަލާނގެއީ، ޤަލަމުން (ލިޔަން) އުގަންނަވައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުގަންނައިދެއްވިއެވެ."

މާތް ﷲގެ މި އަމުރުފުޅާ އެއްގޮތުގެ މަތިން މާތް ނަބިއްޔާ ތައުލީމު ފެތުރެއްވުމަށް ވަރަށް ބޮޑަށް އިސްކަމެއް ދެއްވިއެވެ. މުސްލިމުންގެ ހިތްތަކުގައި ކީރިތި ރަސޫލާ صلى الله عليه وسلم އިންދަވައިދެއްވި ޢިލްމުގެ އޮށްތަކުން ފެޅި ގަސްތައް ބިޔަވެ، ޒަމާނާއި ޙާލަތާ ފައިހަމަވާ ބަޔަކު ބިނާކުރި، އުފެއްދުންތެރި އުއްމަތަކަށް އިސްލާމީ އުއްމަތް ވިއެވެ. ޔޫނާނީ ބަހުންނާއި ފާރިސީ ބަހުން ހުރި ޢިލްމްތައް، ޢަރަބި ބަހަށް ތަރުޖަމާކުރުމާއި، ޢިލްމާއި ފަންނުގައި، އައު އެތައް އީޖާދެއްކޮށް، ފޮތަތައް ލިޔެ ޝާއިޢުކުރި ވަރުގަދަ ޙަޟާރަތެއް މި އުއްމަތް ބިނާކުރިއެވެ. މި އީޖާދުތަކުގެ ސަބަބުް ދުނިޔޭގެ ލައިބްރަރީތައް މުއްސަނދިވިއެވެ. ސިކުނޑިތައް ހުޅުވުނެވެ. އިސްލާމީ ތަޢުލީމު ޢާއްމުވުމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި ސުލްޙަމަސަލަސްކަން ޤާއިމުވިއެވެ.

މި ފެށުނު ދިރާސީ އަހަރު ތިޔަ ކުދިންނަށް އިސްލާމް ދީނާއި ދުންޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ! ދުނިޔެއާއި އާޚިރަތަށް ފައިދާ ހުރި، ޢިލްމީ ޙަރަކާތްތަކުން، ތިޔަކުދީންގެ ހުސްވަގުތު ފަޅުފިލުވައިލާށެވެ! ކުތުބުޚާނާތަކުގެ ފޮތްތަކާއި، ލެބޯޓަރީގެ ސާމާނުތަކާއި، ތަޢުލީމީ ވަސީލަތްތަކުގެ ބޭނުން، ހެޔޮ ގޮތުގައި ހިފައިގެންނެވެ. ތިޔަ ކުދީންގެ މައިންބަފައިންނަށް އިޙްތިރާމުކޮށްގެންނެވެ. ލޮބުވެތި މުދައްރިސުންނަށް ޙައްޤުވާ ޤަދަރާއި އިޙްތިރާމު އަދާކޮށްގެންނެވެ.

އެ މީހުންނަކީ ދުނިޔެއާއި އާޚިރަތުގެ ހެޔޮ މަގަށް އަލިކޮށްދޭ ދަންމަރުތަކެކެވެ. ތިޔަ ކުދީންގެ މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅެވެ. އެ ބޭކަލުން ފޮނުއްވުނީ މީސްތަކުންނަށް ހެޔޮ ކަންތަކަށް އަމުރުކުރައްވައި، ނުބައި ކަންތަކާ ދުރުހެލިވުމަށް އިރުޝާދު ދެއްވާ ބޭކަލުންގެ ގޮތުގައެވެ. ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރާއި، ނަރަކައިގެ ބިރުވެރިކަމުގެ އިންޛާރު ދެއްވާ ބޭކަލުންގެ ގޮތުގައެވެ.

ލޮބުވެތި ދަރިވަރުންނޭވެ! މައިންބަފައިންނާއި ދައުލަތުން ދަރިވަރުންގެ ތައުލީމާއި ތަރުބިޔަތަށްޓަކައި ތަނަވަސްކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފާށެވެ! ތިޔަކުދީން އުނގެނޭ ޢިލްމުގެ ނޫރުން، اللهގެ ރުހިވޮޑިގަތުން ހޯދާށެވެ! މައިންބަފައިންނަށް ހިތްހަމަޖެހުމާއި، ޤައުމަށް ކުރިއެރުން ހޯދައިދޭށެވެ! އިސްލާމް ދީނާއި ވަޠަނަށް ޓަކައި ޤުރްބާންވާން ކެރޭ ބަޔަކަށް ވުމަށްޓަކައި، ތިޔަކުދީންގެ ހަށިތަކާއި ނަފުސުތައް ހާނުވައި، ތައްޔާރުކުރާށެވެ! އިސްލާމްދީނާއި، ދިވެހި ޤައުމު ދެކެ ލޯބިވާ ދަރީންނަށް ވާށެވެ!

ޢިއްޒަތްތެރި އެދުރުންނޭވެ! އަހަރެމެންގެ ދަރީން ތަރުބިޔަތުކޮށް، ދިވެހި ރާއްޖޭގެ ތަޢުލީމީ މަންހަޖުގައި ބަޔާންކުރާ ފަދައިން، އިސްލާމް ދީނަށާއި ޤައުމަށް ވަފާތެރި، ފައިދާހުރި ބަޔަކަށް އެ ކުދީން ހެދުމުގައި، ތިޔަ ލޮބުވެތި އެދުރުންގެ ދައުރު ވަރަށް ބޮޑެވެ. މި ފަދަ ތަރުބިޔަތެއް އެ ކުދީންނަށް ދެވޭނީ، ކެތްތެރިކަމާއި، ޙިކުމަތްތެރިކަމާ އެކު، އެ މަސްއޫލިއްޔަތު އަދާކުރައްވައިގެންނެވެ. ތިޔަ ޢިއްޒަތްތެރި އެދުރުން ކިޔަވައިދެއްވާ ކުދިން، ނަމޫނާއަކަށް ބަލާނީ، ތިޔަ އެދުރުންކަން ހަނދުމަފުޅުބަހައްޓަވާށެވެ! އެ ކުދީންނަށް ރަނގަޅު ކަމުގައި ފެންނާނީ، ތިޔަ އެދުރުން އެކުދީންނަށް ރަނގަޅުކަމުގައި ދެއްކެވި ކަމެކެވެ. އަދި އެ ކުދިން ހުތުރު ކަމުގައި ދެކޭނީ، ތިޔަ އެދުރުން އެ ގޮތަށް ދެކެވަޑައިގަންނަވާ ކަންކަމެވެ. ވީމާ އެ ކުދިން އިސްލާމްދީނާއި ޤައުމު ދެކެ ލޯބިވާ، ޤައުމުގެ މިނިވަންކަމާއި، ސިޔާދަތު ދަމަހައްޓާން ދަންނަ ބަޔަކަށް ހަދާށެވެ! އެ ކުދީންނަކީ، ބަވަނަވަމުންދާ ވެށްޓަށް އަހުލުވެރި، ހޭލުންތެރި ބަޔަކަށް ހަދާށެވެ!

ލޮބުވެތި މައިންބަފައިންނޭވެ! ދަރީންނަށް ތަޢުލީމްދީ، އެ ކުދީން ތަރިބިއްޔަތު ކުރެއްވުމަށްޓަކައި، ތިޔަ ކުރައްވާ މަސައްކަތަށް ތަޢުރީފް ޙައްޤުވެއެވެ. ކުދީންގެ ބޭނުންތައް ފުރިހަމަކޮށްދެއްވައިގެން، ކޮންމެ ދުވަހަކު އެ ކުދީން ސްކޫލަށް ގެންގޮސް ގެނައުމުގެ ބުރަ މަސައްކަތް ކުރައްވާ މަންޒަރަކީ، އުފާވެރި މަންޒަރެކެވެ.

ދަރީންނަކީ މާތް الله އަހަރެމެންނާ ޙަވާލު ކުރައްވައިފައިވާ އަމާނާތެކެވެ. މިއަދު އެ ކުދީން ހެޔޮ ގޮތުގައި ތަރުބިޔަތުކުރެވިއްޖެ ނަމަ، މާދަމާ އެ ކުދީންގެ މަންފާ އަހަރެމެންނަށް ކުރާނެއެވެ. ވީމާ ދަރީންނަށް އިސްލާމީ ރިވެތި އަދަބާއި، އުޅުން ދަސްކޮށްދީ، ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް ޢަމަލުކުރާން ދަސްކޮށްދޭށެވެ. ފަރުޟު ފަސްނަމާދު އަދާކުރާ ބަޔަކަށް އެ ކުދީން ހަދާށެވެ!

އަހަރެމެންގެ ދަރީންނަށް، ޢިލްމުގެ އިތުރަށް، އަދަބާއި އުޅުންތެރިކަން ދަސްކޮށްދިނުމަކީ، ޤައުމުގެ ބިންގާ ހަރުދަނާކުރުމުގެ ގޮތުން އެޅޭ ވަރަށް ބޮޑު ބާރެކެވެ. އިސްލާމްދީން މި ކަމަށް ބާރުއަޅައި، ހިތްވަރުދެނީ ދަރީން ތަރުބިޔަތުކުރުމަށް އެހެން ހުރިހައި ނިޒާމެއްގައި ކުރާ މަސައްކަތަށް ވުރެ މާ މަތިވެރި ދަރަޖައަކަށެވެ.  އިސްލާމް ދީނުގައި ރަނގަޅަށް ދަރީން ތަރުބިޔަތު ކުރުމަކީ، އެ ކަމުގައި ޤާއިމުވެ ތިބި ބަޔަކަށް މާތް الله ސަވާބާއި ދަރުމަ ދެއްވާނޭ ކަމެކެވެ. މިކަންކަމަށް އިސްލާމް ދީނުގައި މައިންބަފައިންނަށް ހިތްވަރުދެއެވެ. ޢުމަރު ބުނު އަބޫސަލާމާ ތުއްޕުޅުއިރު ކީރިތި ރަސޫލާ … އެކަލޭގެ ފާނަށް ޙަދީޘް ކުރެއްވިއެވެ. (يَا غُلَامُ سَمِّ اللَّهَ، وَكُلْ بِيَمِيْنِكَ، وَكُلْ مِـمَّا يَلِيْكَ) މާނައީ: " އޭ ކޮއިފުޅާއެވެ! ބިސްމި ކިޔާށެވެ! އަދި ތިބާގެ ކަނާތުން ކާށެވެ! އަދި ތިބާއާވީފަޅީން ކާށެވެ!

މަދްރަސާއަކީ، ދަރީންގެ ދެވަނަ ހިޔާވައްސެވެ. އެ ކުދީންގެ ހިތްތަކުގައި، އިސްލާމީ ޢަޤީދާ ހަރުދަނާކޮށް، އިސްލާމީ އުޞޫލުތައް ބިނާކުރާ ތަނަކީ މަދަރުސާއެވެ. މަދަރުސާއިން މި ދައުރު ފުރިހަމައަށް އަދާކޮށްފި ނަމަ، މުޅި އުންމަތުގެ މުސްތަޤްބަލު އުޖާލާވެ އަމާންވާނެއެވެ. ބާއްޖަވެރިކަމުގެ މަގުތައް އާރާސްތުވެ، ފާގަތިކަން ޢާންމުވާނެއެވެ. މި ބުރަ މަސައްކަތް ކާމިޔާބު ކުރެވޭނީ، މަދްރަސާއާއި، މުދައްރިސުންނާއި، ބެލެނިވެރީން ގުޅިގެންނެވެ. އެ ފަރާތްތަކުގެ ލަނޑުދަނޑިތަކާއި، އަމާޒުތަކާއި، ތަޞައްވުރުތައް އެކައްޗަކަށް ހަދައިގެންނެވެ.

ދަރީންނަށް ތަޢުލީމާއި، ތަރުބިޔަތު ދިނުމުގައި، އެންމެން އެއްގަލަކަށް އަރާށެވެ! އަހަރެމެންގެ ހިތްތައް އެއްކައުވަންތަކަމުގެ މަތިވެރި ޢަޤީދާއިން ޒީނަތްތެރިކުރުމަށެވެ. ހެޔޮ ގޮތުގައި ޤައުމު ތަރައްޤީކޮށް، އެއްބައިވަންތަކަން މަތީ، ދެމެހެއްޓޭނީ އެއިރުންނެވެ.

އަހަރެރެމެންގެ ދަރީން، ސާފުތާހިރު ޔުނިފޯމުގައި، ފޮތް ދަބަސްތައް ހިފައިގެން މަދްރަސާއަށް ދާ މަންޒަރަކީ، ރީތި މަންޒަރެކެވެ. ޤައުމުގެ ކުރިމަގު ބައްޓަންކުރުމަށް ބޭނުންވާ ތަޢުލީމާއި، ތަރުބިޔަތާއި، ތަމްރީނު ހޯދުމަށް އެ ކުދީން މަދަރުސާއަށް ގޮސް، ގެއަށް އަންނަ މަންޒަރު ސިފަކޮށްދެނީ، ޤައުމު ބިނާކުރުމުގައި އެންމެންގެ ބައިވެރިވުން އޮތް މިންވަރެވެ. އުންމަތުގެ ޒުވާނުންގެ ނާރުތަކުގައި، ޢިލްމާއި، މަޢުރިފާގެ ލޭ ދައިރުކުރާން ފެށުމުން، ޢިލްމްގެ ނޫރު ފެތުރި، ޖަހާލަތުގެ އަނދިރިކަން ފިލައިދާނެކަމާމެދު ޝައްކެއް ނެތެވެ. ވީމާ ޢިލްމާއި ހުނަރާ އެއް ވަރަށް، އެ ކުދީންގެ އަޚްލާޤު ވެސް ރިވެތިކޮށް ބައްޓަންކޮށްދޭށެވެ! އެޔާ އެކު އިސްލާމްދީނަށް ލޯބިކުރާ، އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓާ، ދަރީންތަކަކަށް އެ ކުދީން ހެދުމަށް މުދައްރިސުންނާއި، ބެލެނިވެރިން ގުޅިގެން މަސައްކަތްކުރާށެވެ. އެ ކުދީންނަށް ނަމާދުކުރާން ދަސްކޮށްދީ، އެ ކަމަށް އާދަކުރުވާށެވެ! ކީރިތި ޤުރްއާން ކިޔަވާން ބާރު އަޅާށެވެ! ދީނުގެ އަސާސީ ޙުކުމްތައް ދަސްކޮށްދޭށެވެ!

  • މިއަދުގެ ހުކުރު ޚުޠުބާ އިން
  • ޚުޠުބާ ލިޔުއްވީ: އައްޝައިޚް އަޙްމަދު ފަހުމީ ދީދީ
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *