ޖީލަކަށް ދުންފަތް މަނާކުރުމުގެ "ޖެނަރޭޝަނަލް ބޭން"ގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ނެންގެވި ޕޯލްތަކުން 2،000ގެ ޖީލުން ފެށިގެން ސިނގިރޭޓު މަނާކުރުމަށް ގިނަ ވޯޓު ލިބުނު ނަމަވެސް، އެގޮތަށް ނުނިންމެވީ ނަތީޖާ ނުނެރެވޭނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ
ކޮންމެ ބުރާސްފަތި ދުވަހެއްގައި ގެނެސްދޭ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކެބިނެޓުން އެގޮތަށް ނިންމީ ރައްޔިތުންގެ ނިންމުމަށް އިޙުތިރާމު ނުކުރާތީކީ ނޫން ކަމަށެވެ. ނަމަވެސް އެއީ ނަތީޖާ ނެރުން އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭތީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ
"ޒުވާނުންގެ އާބާދީގެ ބޮޑު ބަޔަކު ދުންފަތުގެ ތެރޭގައި އުޅޭއިރު، ކެބިނެޓުން އެ ނިންމުން ނިންމިއިރު ބެލީ އަމަލީ ސިފައެއް ގެނެވޭނެ ގޮތަކަށް،" ރައީސް ވިދާޅުވިއެވެ.
"…މި އުޅެނީ ރައްޔިތުންގެ މައްޗަށް ކަމެއް މަޖުބޫރުކުރަން. ކަމެއް މަޖުބޫރުކުރަން ބަލާއިރު ބަލަން ޖެހޭނެ އޭގެ ސަބަބަކުން ބަޔަކަށް އުނދަގޫ ނުވާނެ ގޮތަކަށް އެ ކަން ކުރަން."
ރައީސް ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ ވަކި ޖީލެއް ނުބަލައި އެންމެން ވެސް ދުންފަތާ ދުރުކުރުން ކަމަށެވެ. އަދި އެކަން ކުރުމަށް އެ ނިންމުމަކީ މެދު މިނެއްގެ ހައްލެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކެބިނެޓުން ނިންމަފައިފައިވަނީ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްހާލުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް އެންގުމަށެވެ. އެގޮތުން އެ ގާނޫނަށް އިސްލާހު ގެނެސް ތަސްދީގު ކުރާ ތާރީޚުން ފެށިގެން ގާނޫނަށް އަމަލުކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު، މި އަހަރުގެ ނޮވެންބަރުން ފެށިގެން ގާނޫނު ތަންފީޒުކުރަން ފެށުމަށް ކެބިނެޓުގެ ނިންމުމުގައިވެއެވެ.
