ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)ގެ 133ވަނަ އަހަރީ ދުވަހުގެ ޕެރޭޑުގައި ސިފައިންގެ ޚިދުމަތަށް އަލަށް ގަނައި އުޅަނދުތައް ދައްކާލައިފިއެވެ.
އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ކުރިއަށްގެންދިޔަ ޕެރޭޑުގައި އެމްއެންޑީއެފްގެ ހުރިހާ ބާރަކުން ބައިވެރިވެފައިވާއިރު އެމްއެންޑީއެފްއިން ބުނީ މިއަދު ޕެރޭޑުގެ ޚާއްސަކަމަކީ އަލަށް ގެނެވުނު ވެހިކަލްތައް ދައްކާލުން ކަމަށެވެ.
ވެހިކަލްތަކާ ބެހޭގޮތުން ވާހަކަދައްކަމުން އެމްއެމްޑީއެފުން ބުނީ މި ވެހިކަލްތަކަކީ އޫއޭއީގެ އުފެއްދުމެއް ކަމަށެވެ. ރާއްޖެފަދަ އެއްގަމާއި ކަނޑު ބޮޑު ގައުމަކަށް ބަލާއިރު މި ވެހިކަލްތަކަކީ ބޭނުންކުރަން ފަސޭހަ ވެހިކަލްތަކެއް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
މި އަހަރުގެ އަހަރީ ދުވަހުގެ ޕެެރޭޑުގައި ގިނަ އުޅަނދުތަކެއް ފެނިގެން ނުދިޔަ ނަމަވެސް ސިފައިންގެ ހުރިހާ ބަހާއަކުން ގެމައެއް މި ޕެރޭޑުގައި ވަނީ ދައްކާލާފައެވެ. އެގޮތުން މިއަރުގެ ޕެރޭޑަށް ބަލާއިރު ކޯސްގާޑްގެ ޚިދުމަތާއި މެރިން ކޯޕްސްގެ އިތުރުން އެއާ ކޯޕްސް، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު، ސާވިސް ކޯޕްސް، މެޑިކަލް ކޯޕްސް، އޭޖީ ކޯޕްސްގެ އިތުރުން ހުރިހާ ޑިޕާޓްމެންޓަކުން މި ޕެރޭޑުގައި ބައިވެރިވެފައިވާކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކޮށްފައެވެ.
ސިފައިންގެ އަހަރީ ދުވަހުގެ މިއަދުގެ ޕެރޭޑުގައި ވަނީ ސިފައިންގެ ބޭންޑާއި ސިފައިންގެ އެއްގަމާއި ކަނޑާއި ވައިގެ ބާރުތަކުގެ ހަރަކާތްތަކާއި އަސްކަރިއްޔާގެ ބައެއް އުޅަނދުތައް ވެސް ދައްކާލި އެވެ.
