މިއަދު ދުނިޔޭގައި ކޮންމެ އިންސާނަކުވެސް އުޅެމުންދަނީ އުނދަގޫ ދިރިއުޅުމެކެވެ. ކޮންމެ މީހަކަށްވެސް ސިކުނޑިއަށް އުނދަގޫވާ ކަންކަމާއި ދިމާވެއެވެ. ޚާއްސަކޮށް ކޯވިޑް 19ގެ ޢާލަމީ ބަލިމަޑުކަމުގައި ގިނަމީހުން ތަޙައްމަލު ކުރަމުންދަނީ ކޮންމެވެސް މައްސަލައެކެވެ.
ކޮންމެ މީހަކުވެސް އުފަންވުމުގެ ކުރީން އޭނާގެ ހަޔާތުގެ ކަންކަން މާތް ﷲ ސުބުހާނަހޫ ވަތަޢާލާ ވަނީ މާކުރިން ލިޔުއްވާފައެވެ. އޭނާ މަރުވާނެ ވަގުތާއި އޭނާގެ ރިޒްޤު ވަނީ ކަނޑައެޅި ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވާފައެވެ. އަދި ކޮންމެ މީހަކަށް ކުރިމަތިވާނޭ އިމްތިހާންތައްވެސް ވަނީ ލިޔުއްވާފައެވެ. ކޮންމެ އުނދަގުލެއް، ކޮންމެ މުސީބާތެއް، އަދި ކޮންމެ އިމްތިހާނެއް ކުރިމަތި ވާއިރު އެއީ ﷲ ސުބުހާނަހޫ ވަތަޢާލާގެ ލިޔުއްވާފައިވާ ކަންކަމެވެ.
އެހެންކަމުން މިދުނިޔޭގައި އޭނާގެ ހަޔާތުގައި ހިނގާ ކޮންމެ ކަމެއްގައި ކަމަކަށްފަހު ކަމެއް ކުރިމަތިވާނެއެވެ. އެކިމީހުންނަށް ކަންކަން ދިމާވާނީ އެކިމިންވަރަށެވެ. އެއްބަޔަކަށް މުދާވެރިކަމާއި މުއްސަނދިކަން ލިބިގެންވާއިރު އަނެއްބަޔަކަށް ފަޤީރުކަމާއި ނިކަމެތިކަމެވެ. އެއްބަޔަކު ބަލިމަޑުކަމުން އިމްތިހާން ކުރައްވާއިރު އަނެއްބަޔަކަށް ދަރިން ނުލިބުމުންނެވެ. އަނެއްބަޔަކަށް ބައިވަރު ދަރިން ލިބި އެދަރިންގެ ފަރާތުން ހިތަށް ފިނިކަމެއް ނުލިބި ހިތާމަކުރަން ޖެހުމެވެ. މީހަކަށް މުއްސަނދިކަމާއި މުދާވެރިކަމާއި ފުރިހަމަ ސިއްޙަތާއި އަދި ދަރިންގެ ނިޢުމަތުގައި އުޅޭތީ ތިބާއަށް ފެނިދާނެއެވެ. ނަމަވެސް ގުދުރަތީ ހާދިސާއެއްގެ ސަބަބުން އެހުރިހާ ކަމެއް ފަނާވެދާނެ އިމްތިހާނެއްވެސް ކުރިމަތި ކުރައްވަފާނެއެވެ. މިދުނިޔޭގައި އިމްތިހާންތައް ދިމާނުވާނޭ އެކަކުވެސް ނުވެއެވެ.
އަބަދުވެސް ޤަބޫލުކުރަން ޖެހޭ ހަގީގަތަކީ މި ދުނިޔޭގައި އެއްވެސްމީހަކަށް ހުރިހާ އުފަލެއް ލިބިގެން ނުވާކަމެވެ. ކޮންމެ އިމްތިހާނެއްވެސް ވަނީ ކަނޑައެޅި ލިޔުއްވިގެންނެވެ. އިންސާނުންނަށްއޮތީ އެކަން އެގޮތަށް ހިނގާނެކަން ދެނެތިބެ މަސައްކަތް ކުރުމެވެ. މިއުންމަތުގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم ޢަމަލުކުރެއްވި ގޮތަށް އަދި ދަސްކޮށްދެއްވި ގޮތަށް ޢަމަލު ކުރުމެވެ. އެހެންކަމުން އެކަލޭގެފާނުގެ ސުންނަތުގައި ސާބިތުވާށެވެ.
ކީރިތި ޤުރުޢާނުގައި ކެތްތެރިވުމަށް އެހާގިނައިން ވަޙީ ކުރައްވާފައިވަނީ މާތް ﷲ ސުބުހާނަހޫ ވަތަޢާލާ އެކަލާންގެ އަޅުތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާތީއެވެ. ކެތްތެރިވާންޖެހޭ ހާލަތުތައް މެދުވެރި ކުރައްވަނީ އެކަލާންގެއާއި އިންސާނާ ގާތް ކުރުވުމަށްޓަކައެވެ. އެ މުސީބާތުން އޭނާ ފާސްވުމުން އެކަލާންގެއާއި މެދު އޮންނަ ގުޅުން ވަރުގަދަވެ ގާތްވެގެން ދެއެވެ. ކަމެއް ދިމާވުމުން އެކަމާ ދެރަވެ ހިތާމަކުރަން ނޯންނާށެވެ. އެކަލާންގެ އަށް ޝުކުރުވެރިވެ ނަމާދާއި ކެތްތެރިކަމުން ވާގި ހޯދާށެވެ. ދުނިޔޭގެ ދިރިއުޅުމަކީ އެއްވެސް އެއްޗެއް ނޫނެވެ. އޮރިޔާން ހާލުގައި ދުނިޔެއަށް އައި އިންސާނާ ދުނިޔެއިން ދަނީ އެންމެ ދެތިން ފޮތިގަނޑަކާއި އެކީގައެވެ.
އެއްވެސް މީހަކަށް އޭނާއަށް ކުޅަދާނަ ނުވާ މިންވަރަކަށް ތަކުލީފެއް ނުޖައްސަވައެވެ. މާތް ﷲ ސޫރަތުލް ބަޤަރާގެ 286 އާޔަތުގައި ބަޔާން ކުރައްވާފައިވެއެވެ.
لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا …
މާނައީ: ﷲ އެވެއްވެސް ނަފުސަކަށް، އެނަފުސަކަށް ކުޅަދާނަ ވެގެންވާ ކަމަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ.
މި އާޔަތުން ދޭހަވަނީ އެއްވެސް އިންސާނަކަށް އެނަފުސަށް ކެތްނުވާ މިންވަރަށް ތަކުލީފެއް ނުޖައްސަވާކަމެވެ. އެ ހުރިހާކަމެއްވެސް ދިމާވަނީ އޭނާ ރަނގަޅު މީހަކަށް ހެދުމަށެވެ. އެމީހާ ދަތުރުކުރަމުންދާ މިސްރާބު ބަދަލު ކުރުމަށެވެ. އަހަރެމެންނަށް ބައެއްފަހަރު އަމިއްލައަށް ހައްލު ނުކުރެވޭ ކަންކަން ދިމާވެއެވެ.
ވީމާ ﷲ ސުބުހާނަހޫ ވަތައާލާ އެންގެވި ގޮތަށާއި އަދި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ބަރޯސާ ވާށެވެ. މާތް ﷲ ކަމަކަށް އިރާދަ ކުރައްވައިފިނަމަ ނުވަތަ މީހަކަށް ހެޔޮގޮތް މިންވަރު ކުރައްވައިފިނަމަ އެކަން ހިފެހެއްޓޭނެ ގައުމުގެ އެންމެން އޭނާ ހަލާކުކުރަން މަސައްކަތް ކުރިނަމަވެސް އެކަމެއް ނުހުއްޓުވޭނެއެވެ. ހަމަ އެ އުސޫލުން މީހަކަށް އިމްތިހާން ކުރައްވަން ކަމެއް މެދުވެރި ކުރައްވާނަމަ ކިތަންމެ ގިނަ ފައިސާއަކާއި ދަރިންނާއި މުދާ ހުއްޓަސް އަދި ގައުމުގެ އެންމެން އެހީވާން މަސައްކަތް ކުރިނަމަވެސް އެމީހަކަށް އެ އިމްތިހާން ކުރިމަތި ވާނެއެވެ.
މުސްލިމުން ގަބޫލުކުރަންވާނީ ﷲ ސުބުހާނަހޫ ވަތައާލާ އެންގެވި ގޮތަށާއި އަދި ރަސޫލާ މުޙައްމަދު صلى الله عليه وسلم ޢަމަލުކުރެއްވި ގޮތަށް އުޅުމަށެވެ. ކޮންމެ މީހަކަށްވެސް އިމްތިހާން މެދުވެރި ކުރައްވަނީ އެމީހާގެ ކިޔަމަންތެރިކަން ހުރި މިންވަރު ބެލުމަށެވެ. އަދި ތެދުވެރިންނާއި ދޮގުވެރިން ފާހަގަ ކުރެއްވުމަށެވެ.
