ބާސެލޯނާ އަށް ޕޮއިންޓުގެ ލީޑެއް

ސްޕެނިޝް ލީގުގައި ރޭ މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ކުރީގައި ހަތް ޕޮއިންޓުގެ ލީޑެއް ބާސެލޯނާއިން ހޯދައިފިއެވެ. ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗު ކާމިޔާބުކުރުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 33 މެޗުން 76 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް އެއް މެޗު މަދުން ކުޅެގެން 32 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގައި ބާސެލޯނާގެ ޑެނީ އޮލްމޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ބާސެލޯނާ އިން ލަނޑު ޖެހުމުގެ ކުރިން ފުރަތަމަ ހާފުގައި އެ ޓީމުގެ ލަމީން ޔަމާލް އާއި ފެރާން ޓޮރޭޒް ފޮނުވާލި ނުރައްކާތެރި ހަމަލަތަކެއް މަޔޯކާގެ ކީޕަރު ލިއޯ ރޯމަން ވަނީ މަތަކޮށްފަ އެވެ.

ދެވަނަ ހާފުގައިވެސް ބާސެލޯނާ އިން ރަގަޅު ކުޅުމެއް ދައްކާ އިދިކޮޅު ޓީމުގެ ގޯލަށް ހަމަތަކެއް އަމާޒުކޮށްފައިވާއިރު މި މެޗުގައި މަޔޯކާގެ ކީޕަރު ރޯމަންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ.

މި މޮޅާއެކު ލަލީގާގެ އެއްވަނައިގައި އޮތް ބާސެލޯނާ ވަނީ ރޭއަލް މެޑްރިޑްއަށްވުރެ ހަތް ޕޮއިންޓްގެ ލީޑެއް ނަގައި ލީގް ކާމިޔާބުކުރުމުގައި އެއް ފިޔަވަޅު ކުރިއަަށް ގޮސްފައެވެ. ބާސެލޯނާ އަށް ކުރިއަށް އޮތީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗާއި ކޮޕާ ޑެލްރޭގެ ފައިނަލް މެޗެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *