އިމާމުންނަކީ މުޖުތަމަޢަށް ނަމޫނާ ބަޔަކަށްވުމަށް މަސްޖިދުއްނަބަވީގެ އިމާމު ނަޞޭޙަތްތެރިވެވަޑައިގެންފި

އިމާމުންނަކީ މުޖުތަމަޢުއަށް ނަމޫނާ ބަޔަކަށްވުމަށް މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ނަޞޭޙަތްތެރިވެލައްވައިފިއެވެ.

އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ ޚަޠީބުންނާއި އިމާމުންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މުޚާޠަބު ކުރައްވާ އެމަނިކުފާނުވަނީ އިމާމުންނާއި ޚަޠީބުންނަށް ގިނަ ނަޞޭޙަތްތަކެއް ދެއްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، އިމާމުންނަކީ މުޖުތަމަޢު ބަލައިގަންނަ ނަމޫނާ ބަޔަކަށް ވުމަކީ މުހިއްމުކަމެއްކަމަށާއި، މީހުންނަށް ހެޔޮ، އަދި ހެޔޮކަންކަން ފަތުރާ ބަޔަކަށް ވުމަކީ މުހިއްމުކަމެއްކަމަށެވެ. މީގެ އިތުރުން އިމާމުންގެ މާތްކަމާއި، މުޖުތަމަޢު ފިތުނަވާ ފަދަ ވާހަކަތައް ދެއްކުމާއި އެފަދަ ކަންކަން ނުކުރުމަށް ވަނީ ނަޞޭޙަތްތެރިވެލައްވާފައެވެ.

އަދި ޢިލްމު ހޯދުމަކީ އިމާމުން ކޮންމެހެންވެސް ކުރަން ޖެހޭކަމެއްކަމަށާއި، ނަމާދާއި ގުޅޭ ޙުކުމްތަކާއި ދީނުގެ އެކި ޙުކުމްތައް އެންމެ ފުރިހަމައަށް އުނގެނުމަކީ މުހިއްމުކަމެއްކަމަށާއި، ސުންނަތަށް ތަބާވެ މެދުމިނުގައި ނަމާދުކުރުމަކީ އިމާމުން ފަރުވާތެރިވާން ޖެހޭކަމެއްކަމަށް ޑރ. ޞަލާޙުލް ބުދައިރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މީސްމީޑިއާ ފަދަ ވަސީލަތްތައް ބޭނުން ކުރާއިރުވެސް އިމާމުންގެ ޙައިސިއްޔަތާއި ނުގުޅޭ ކަންކަން ޙިއްސާކުރުމާއި، ކޮމެންޓު ކުރުން ފަދަ ކަންކަމުން ދުރުވުމަށްވެސް ޢިލްމުވެރިންނަށް ނަޞޭޙަތްތެރިވެލައްވާފައިވެއެވެ.

އަދި ކަމާއި ބެހޭ އިދާރާތަކުގެ އިރުޝާދާއި އެއްގޮތަށް ޢަމަލު ކުރުމަށާއި، އިމާމުކަމާއި ޚަޠީބުކަމުގެ މަސްޢޫލިއްޔަތަކީ ވަރަށް ބޮޑު މަސްޢޫލިއްޔަތެއްކަމަށާއި، އެ މަސްޢޫލިއްޔަތު ވީހާވެސް ރަނގަޅަށް ފުރިހަމަ ކުރުން ޖެހޭކަމަށް ވިދާޅުވިއެވެ.

ޑރ. ޞަލާޙުލް ބުދައިރުގެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއިވެސް ބައްދަލުކުރައްވާފައެވެ. އަދި މީގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނާއި ވުޒާރާގެ އިސްވެރިންގެ އިތުރުން އިސްލާމީފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާއިވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *