ޔޫރަޕުގެ ކްލަބު ފުޓުބޯޅައިގެ ހުރިހާ މުބާރާތެއްގެ ފައިނަލު ކުޅޭ ފުރަތަމަ ޓީމަކަށް ވުމުގެ ޝަރަފު ޗެލްސީ އިން ހޯދައިފި އެވެ. މިއީ އަދި އެއްވެސް ކުލަބަކަށް ލިބިފައި ނުވާ ތާރީޚީ ރެކޯޑެކެވެ.
ކޮންފަރެންސް ލީގު ގައި ސްވިޑެންގެ ޖޯގާޑެން އާއި ދެކޮޅަށް ކުޅުނު ސެމީ ފައިނަލުގެ ދެމެޗު ވެސް ކާމިޔާބުކޮށް 5-1 ގެ އެގްރިގޭޓު ނަތީޖާ އާއި އެކު ޗެލްސީ މިވަނީ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައެވެ. އެހެންކަމުން ޔުރަޕުގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމުގެ ފުރުސަތު މިވަނީ ލިބިފައެވެ. މީގެ ކުރިން ޗެލްސީ ވަނީ ޗެމްޕިއަންސް ލީގު 2 ފަހަރު، ޔޫރޮޕާ ލީގު 2 ފަހަރު، ކަޕްވިނާސް ކަޕް 2 ފަހަރު އަދި ސުޕަކަޕް 2 ފަހަރު ހޯދާފައެވެ. މީގެ އިތުރުން ކުލަބު ވޯލްޑް ކަޕް އެއް ފަހަރު ހޯދާފައި ވެއެވެ.
ޗެލްސީ ހޯދާފައިވާ ކާމިޔާބީ ތަކާއި ގުޅިގެން " ދަ ޕްރައިޑް އޮފް ލަންޑަން" ގެ ނަމުން މަޝްހޫރު ވެފައިވާ ޓިމަށް ތަށި ހަރުގަނޑު ފުރާލަން ލިބިފައި މިވާ ފުރުސަތަކީ ކުލަބުގެ ހުރިހާ ސަޕޯޓަރުންނަށް ލިބިފައިވާ ވަރަށް ބޮޑު އުފަލެކެވެ. މުބާރާތުގެ ފައިނަލު މެޗު އޮންނާނީ މި މަހު 29 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާ އިރު އެވެ. ފައިނަލު ގައި ބައްދަލު ކުރާނީ ސްޕެއިންގެ ރިއާލް ބެޓިސް އެވެ.
