ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ދެ ފަނޑިޔާރަކު ވަކިކުރުމާ ގުޅިގެން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ހުޅުވާލައިފިއެވެ.
ހަތް ފަނޑިޔާރުން ތިއްބަވާ ބެންޗުން ދެ މަގާމެއް ހުސްވީ، ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމުމުންނެވެ.
ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މާޗު މަހުގެ ހަތަރު ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އެވެ.
ސުޕްރީމް ކޯޓުގެ އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނަނީ އަންނަ ބުރާސްފަތި ދަހުގެ 12:00ގެ ނިޔަލަށެވެ. އެޕްލިކޭޝަން ހުށަހަޅާނީ ޖޭއެސްސީގެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. މީގެ އިތުރުން ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ މީހުން ރަސްމީ ގަޑީގައި ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެއެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔަރު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނާއި ޑރ. މުހައްމަދު އިބްރާހީމާއި ޙުސައިން ޝަހީދެވެ. އޭގެ ތެރެއިން އުއްތަމަ ފަނޑިޔާރު ވަނީ ރިޓަޔާ ވުމަށް، މި މަހުގެ އަށް ވަނަ ދުވަހު ޖޭއެސްސީއަށް ސިޓީ ހުށަހަޅުއްވައިފައެވެ.
ޑރ. އަޒްމިރަލްދާއާއި މަހާޒު މަގާމުން ވަކިކުރީ، އެ ދެ ބޭފުޅުންނާއި މީގެ ކުރިން ބެންޗުގައި ހިމެނިވަޑައިގެންނެވި ހުސްނުއްސުއޫދުގެ ޖިނާއީ މައްސަލައެއް ބަލާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެންގުމާ ގުޅިގެން މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ތިން ބޭފުޅުން ސަސްޕެންޑުކުރި ފަހުންނެވެ.
ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒުގެ ސުލޫކީ މައްސަލައެއް ބެލުމަށް ފަހު ފާސްކުރީ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށެވެ. އެ މައްސަލަ މަޖިލީހަށް ފޮނުވުމާއެކު، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ނިންމީ ޖޭއެސްސީގެ ނިންމުމާ އެއްގޮތަށެވެ. އެއީ ފަނޑިޔާރުންނަށް ޖަވާބުުދާރީވާން ފުރުސަތު ނުދީ، ސިއްރުކޮށްގެން ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައެވެ.
ކޮމިޓީގެ އެ ނިންމުމާ ގުޅިގެން ބޭރުގެ ގާނޫނީ ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށް، ފަނޑިޔާރުން ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ގޮވާލިއެވެ. އެހެންނަމަވެސް އެ ކަންބޮޑުވުންތަކަށް ރިއާޔަތްނުކޮށް، ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ދެ ފަނޑިޔާރުން ވަކިކުރީއެވެ.
